ވިހާފައިވާ ތުއްތު ކުދީން މަރާލައި ނުވަތަ މަރާލުމަށް މަސައްކަތް ކުރުމުގެ ނުބައި ޖަރީމާ ހިންގާ ފަރާތްތަކަށް އިސްލާމް ދީނުގައި ކަނޑައަޅާފައިވާ ޢުގޫބާތް ދިނުމަށް އަދާލަތު ޕާޓީން އިލްތިމާސްކޮށްފި އެވެ.

އިއްޔެ ގދ. ތިނަދޫގައި ވިހޭ ގޮތަށް ގޯންޏަކަށް ލާ އެއްލާލާފައި އޮތްވައި ފެނުނު ކުޑަ ފިރެހެން ކުއްޖާގެ މައްސަލަ އާ ގުޅިގެން އަދާލަތުން ބުނީ އެކަމަކީ ރަހުމާއި އިންސާނިއްޔަތު ކަމުގެ ކަންފުޅެއް ވެސް ނެތް ލާއިންސާނީ ބިރުވެރި ޢަމަލެއް ކަމަށެވެ. އަދި މުޖުތަމަޢުގެ އިޖުތިމާއީ ފޭރާން ވީދި، އަޚުލާގިއްޔާތު ހަލާކުވެގެންދާ ކަންތައްތައް ހުއްޓުވުމަށް ސަރުކާރުންނާއި ޤާނޫނުހަދާ މަޖިލީހުންނާއި ޝަރުއީ ދާއިރާ އިން ޒިންމާދާރު ގޮތެއްގައި މަސައްކަތް ކުރަން މިއަދު ވަނީ ލާޒިމް ވެފައި ކަމަށް އަދާލަތުން ބުނެފައިވެ އެވެ.

ފަހަކަށް އައިސް، ވިހާފައި ތުއްތު ކުދީން މަރާލާފައި އެއްލާލުމުގެ ނުބައި ޢަމަލު ދަނީ ރާއްޖޭގައި ގިނަ ވަމުން ކަމަށާއި މިއީ އިސްލާމީ ހުދޫދުތައް ފަހަނަޅައި، ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގުމާއި ބަދުއަޚުލާގީ ޢަމަލުތައް ހިންގުން އިތުރު ވެގެން ދިއުމުގެ ނަތީޖާ ކަމަށް ވެސް އަދާލަތުން ބުނެފައިވެ އެވެ. އަދާލަތުން ބުނީ ދަރީންނަށް އެކަށީގެންވާ އިސްލާމީ ތަރުބިޔަތެއް ނުދެވި، މުޅިޤައުމުގައި މަސްތުވާތަކެތި ޢާންމުވެ، ބަދުއަޚުލާގީ މަންޒަރުތައް އެއްވެސް ކޮންޓްރޯލެއް ނެތި އިންޓަނެޓާއި އެނޫން ވެސް ވަސީލަތްތަކުން ބެލުމުގެ މަގު ހުރިހާ ގެއަކަށް ފަހިވެފައި ވުމަކީ މިފަދަ ކަންކަމަށް މަގު ފަހި ކޮށްދޭ ކަންކަން ކަމަށެވެ.

އަދި މަސާޖުކުރުމުގެ ނަމުގަ އާއި ބިއުޓީ ޕާލާތަކުގެ ނަންނަމުގައި މާލޭ އާއި ރަށްރަށުގައި ހަށިވިއްކާ ތަންތަން ޢާންމުވެފައި ވުމަކީ ވެސް މުޖުތަމައުގެ އަޚުލާގިއްޔާތު ދަށު ދަރަޖަޔަކަށް ވެއްޓުމުގެ އެއް ސަބަބު ކަމުގައި ޢަދާލަތު ޕާޓީން ދެކޭ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

އަދި މިފަދަ ނުބައިކަން ބޮޑުވެގެންވާ ޖަރީމާތައް މި ގައުމުގައި އާންމުވަމުންދާ ދިއުމަކީ ކޮންމެ ރައްޔިތަކު ވެސް އިންތިހާޔަށް ބިރުވެތިވެ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް އަދާލަތުން ބުންޏެވެ.

"ކޮންމެ މީހަކު ވެސް ތިމާގެ އަމިއްލަ ނަފްސު އިސްލާހު ކޮށް ﷲ ސުބުހާނަހޫ ވަތަޢާލާ އަށް ބިރުވެތި ވުމާއި، މައިންބަފައިން ތިމާމެންގެ ބެލެނިވެރި ކަމުގައި ތިބި ދަރީންނަށް ރަނގަޅު އިސްލާމީ ތަރުބިޔަތެއް ދިނުމަށް އިތުރަށް މަސައްކަތް ކުރުމާއި، އެދަރީން އުޅޭ ނުއުޅޭ ގޮތް ބެލުމާއި ބޭނުންހައި ގޮތަކަށް އުޅެން ދޫކޮށް ނުލުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއްކަމުގައި ދެކެމެވެ،" އަދާލަތުން ބުންޏެވެ.