16 Jan 2017, 08:50
ހުނަރުވެރި ބަތަލު، ނަވާޒުއްދީން ސިއްދީގީ އެންމެ ފަހުން ކުޅުނު ފިލްމު 'ހަރާމްކޯރް' އަށް އޭނާ ހުށަހެޅި އަގަކީ އެންމެ ރުޕީޒްއެއް ކަމަށް ފިލްމުގެ ކޯޕްރޮޑިއުސަރު ހާމަކޮށްފި އެވެ.
ޝްލޯކް ޝަރްމާ ޑައިރެކްޓު ކޮށްފައިވާ 'ހަރާމްކޯރް' އަކީ ޓީޗަރަކާއި ދަރިވަރެއްގެ ލޯބީގެ ގުޅުމުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. އެ ފިލްމުގައި ނަވާޒުއްދީންގެ އިތުރުން ދެން ހަރަކާތްތެރި ވަނީ ޝްވެތާ ތުރިޕަތީ އެވެ.
ފިލްމުގެ ކޯ ޕްރޮޑިއުސަރު ގުނީތު މޮންގާ ބުނީ ފިލްމުގެ ބަޖެޓު ވަރަށް ކުޑަ ކަމަށާއި ފިލްމުގެ މަސައްކަތުގައި އުޅުނު ހުރިހާ އެންމެން ވެސް މަސައްކަތް ކޮށްދިނީ ފައިސާ ނެތް ކަން އެނގިތިބެ ކަމަށެވެ.
"ނަވާޒްގެ އިތުރުން ޕްރޮޖެކްޓުގައި މަސައްކަތް ކުރި ހުރިހާ އެންމެނަށް ވެސް އެނގުނު ފިލްމަށް ޚަރަދު ކުރާނެ މާގިނަ ފައިސާއެއް ނެތް ކަން. ނަވާޒް އަށް ކަމުދިޔައީ ފިލްމުގެ ސްކްރިޕްޓު. އެހެންވެ ފައިސާ ނެތަސް ހެޔޮކަމަށް ފިލްމުގެ މަސައްކަތް ކޮށްދިނީ،" އޭނާ ބުންޏެވެ.
ގުނީތު ބުނީ ފިލްމު ކުޅެދިނުމަށް ނަވާޒުއްދީން ހުށަހެޅި އަގަކީ އެންމެ ރުޕީޒްއެއް ކަމަށާއި ފިލްމުގެ މަސައްކަތް ކާމިޔާބުކަމާ އެކު ނިންމާލެވުނީ ނަވާޒްގެ އެއްބާރުލުމާއި ބުރަ މަސައްކަތުގެ ސަބަބުން ކަމަށެވެ.
ބޮކްސް އޮފީހުގައި ހަރާމްކޯރް އަށް މާބޮޑު ތަރުހީބެއް ނުލިބުނު ނަމަވެސް، ކްރިޓިކްސް އިން ވަނީ ފިލްމަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ.