ނުކުޅެދުންތެރިކަން ހުންނަ ކުދިންނަކީ، ވަރަށް ބޮޑަށް އެހެންމީހުންގެ ލޯތްބާއި އަޅާލުން ބޭނުންވާ ބައެކެވެ. އެކުދީންގެ ކުރިމަގު އެކުދީންނަށް ތަސައްވަރު ނުކުރެވުނު ނަމަވެސް ހަގީގަތުގައި އެކުދީންގެ ކުރިއެރުމާއި ކުރިމަގު އޮތީ ވަރަށް ބޮޑަށް މުޖުތަމައުއަށް ބިނާ ވެފައެވެ. އެހެންކަމުން އެކުދީން ކުރާ މަސައްކަތް ބަލައިގަނެ، އެހެނިހެން މީހުންނެކޭ އެއްފަދައިން އެކުދީންނަށްވެސް ލިބެންޖެހޭ ހައްގުތައް އެންމެ ފުރިހަމަގޮތުގައި ހޯދައިދޭން މަސައްކަތްކުރާން ޖެހެއެވެ. އެގޮތުން އެކުދީންގެ ހުނަރުތައް ފުރިހަމަގޮތެއްގައި މުޖުތަމައުގެ އެހެނިހެން ފަރުދުންނާ ހަމައަށް ގެނެސްދިނުމަކީ އެކުދީންނަށް ދެވޭނެ އަގުހުރި ހަދިޔާއަކަށް ނޫނީ ނުވާނެއެވެ.

މާލެސިޓީއަށް ކަރަންޓު ފޯރުކޮށްދޭ ކުންފުނި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން މިއަދު އެކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން މިވަނީ، ނުކުޅެދުންތެރިކަން ހުންނަ ކުދީންނަށް ވަރަށް ފުރިހަމަ ހަދިޔާއެއް ދީފައެވެ. އެކުދީންގެ ބައިވެރިވުމާ އެކު ކަލަންޑަރެއް ނެރުމަކީ އެއީ އެކުދީންނަށް ދެވޭ ވަރަށް ބޮޑު ހިތްވަރެކެވެ. އެ ކުދީންގެ އަމިއްލަ ޚިޔާލީ މަންޒަރުތައް އެ ކަލަންޑަރުގެ ސަފްހާތަކުގައި ޗާޕްކޮށްފައި އަތޮޅުތެރޭގެ ރަށްރަށަށާއި މާލޭގެ އޮފީސްތަކަށް ބަހާފައިވާއިރު އެ އިން ކޮންމެ ކަލަންޑަރެއް ބަހައްޓާ މޭޒެއްގެ ފަޅުފިލައިދާނެކަން ކަށަވަރެވެ.

ސްޓެލްކޯ ކަލަންޑަރ-- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ސްޓެލްކޯގެ މިއަހަރުގެ ކަލަންޑަރުގައި އިމާދުއްދީ ސްކޫލުގެ ޖުވެލް ސެންޓަރުގައި ތައުލީމް ހާސިލް ކުރާ 16 ދަރިވަރެއްގެ ކުރެހުން ހިމަނާފައިވެއެވެ. އޭގެ ތެރެއިން ހުރިހާ ކުރެހުމަކީވެސް އެކުދީންގެ އަމިއްލަ ޚިޔާލަށް ކުރަހާފައިވާ ރީތި މަންޒަރުތަކެއް ހިމެނޭ ކުރެހުމެކެވެ. މައިގަނޑު ގޮތެއްގައި އެ ކުރެހުންތަކުގައި ހުރީ ރާއްޖޭގެ ރީތިކަމާއި ފެހިކަން ދައްކުވައިދޭ މަންޒަރުތައް ހިމެނެއެވެ.

އިމާދުއްދީން ސްކޫލުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެކުންދީން ކުރި މަސައްކަތުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ދީފައިވާއިރު، އެ ރަސްމިއްޔާތުގެ ތެރޭގައިވެސް އެކުދީންގެ މޫނުމަތިން ފެނިގެން ދިޔައީ ހިނިތުންވުމެވެ. އެ ރަސްމިއްޔާތުގައި ހަނދާނީ ލިޔުމާ އެކު ކަލަންޑަރެއްވެސް އެކުދިންނަށް ދީފައިވެއެވެ. ހަނދާނީ ލިޔުމާ އެކު ކަލަންޑަރު އެކުދީންނާ ހަވާލުކުރީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުއްޝަކޫރު ސާލިހް އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަކޫރު ވިދާޅުވި ގޮތުގައި ސްޓެލްކޯގެ ބޭނުމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިން މުޖުތަމައުއަށް ނެރެ، އެކުންދީންނަކީވެސް ހުނަރުވެރި ބައެއްކަން އާންމުންނަށް އެންގުމެވެ.

ސްޓެލްކޯ ކަލަންޑަރ-- ސަން ފޮޓޯ: މުހައްމަދު އަފްރާހު

"މި ކުދިންގެ މި މަސައްކަތްތަކުން ސާބިތުކޮށްދޭ މިއީ ވަރަށް ކްރިއޭޓިވް ކުދިންތަކެއްކަން." އޭނާ ވިދާޅުވިއެވެ.

އިމާދުއްދީން ސްކޫލުގެ ޖުވެލް ސެންޓަރުގައި މިހާރު 87 ދަރިވަރަކު ތައުލީމް ހާސިލް ކުރަމުންދާއިރު އެ ސްކޫލްގެ ސެން ޓީޗަރު ވިދާޅުވީ ސްޓެލްކޯގެ މިއަހަރުގެ ކަލަންޑަރުގައި އިމާދުއްދީން ސްކޫލްގެ ޖުވެލް ސެންޓަރުގެ ކުދިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ލިބުމުން އަންގައިދެނީ ސްޓެލްކޯއިން މިފަދަ ކުދިންނާ އޮންނަ ގާތްކަން ކަމަށެވެ. އަދި އެ ކަލަންޑަރުގައި ހިމެނޭ 12 ކުރެހުމެއްގެ ތެރެއިން އެއް ކުރެހުމަކީ މިދިޔަ އަހަރު އެ ސްކޫލު ނިންމި ދަރިވަރެއްގެ ކުރެހުން ކަމަށާއި އެކުއްޖާ މިހާރު ދުނިޔޭގައި ނެތް ނަމަވެސް އެކުއްޖާގެ ހަނދާނުގައި އެ ކުރެހުން ކަލަންޑަރުގައި ހިމަނާފައިވާނެ ކަމަށްވެސް އެ ޓީޗަރު ވިދާޅުވިއެވެ.

ސްޓެލްކޯ ކަލަންޑަރ-- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ސްޓެލްކޯއިން ބުނި ގޮތުގައި އެކުންފުނީގެ މިއަހަރުގެ ކަލަންޑަރުގެ 1500 ކޮޕީ ވަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށާއި މާލޭގައި ހުރި އެކި އޮފީސްތަކަށް ބަހައިފައެވެ. މިއީ އެކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރި މަސައްކަތެކެވެ.