22 Jun 2011, 17:18
އިލެކްޝަންސް ކޮމިޝަނަށް އޮޑިޓް ރިޕޯޓު ހުށަނާޅައިގެން ހަތަރު ސިޔާސީ ޕާޓީއެއް 50،000ރ. އިން ޖޫރިމަނާ ކޮށްފި އެވެ.
އޮޑިޓް ރިޕޯޓު ހުށަނާޅައިގެން އިލެކްޝަނުން މިއަދު ޖޫރިމަނާކޮށްފައިވާ ހަތަރު ސިޔާސީ ޕާޓީ އަކީ އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ) އާއި މޯލްޑިވިއަން ލޭބާ ޕާޓީ (އެމްއެލްޕީ) އާއި ސޯޝަލް ލިބަރަލް ޕާޓީ (އެސްއެލްޕީ) އަދި ދިވެހި ރައްޔިތުންގެ ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އެވެ.
މިއިން ކޮންމެ ޕާޓީއެއް 50،000ރ. އިން ޖޫރިމަނާކޮށް 30 ދުވަހުގެ ތެރޭގައި އެފައިސާ އިލެކްޝަނަށް ދެއްކުމަށް އެ ހަތަރު ޕާޓީ އަށް އަންގާފައިވާނެ ކަމަށް އިލެކްޝަނުން ވަނީ ބުނެފަ އެވެ.
ސިޔާސީ ޕާޓީގެ ގަވާއިދު ބުނާ ގޮތުން ކޮންމެ މީލާދީ އަހަރެއް ނިމޭތާ 90 ދުވަހުގެ ތެރޭ ޕާޓީތަކަށް ލިބޭ ފައިސާ އާއި ތަކެތީގެ އަދަދާއި، އެފައިސާ އާއި ތަކެތި ލިބުނު ތަނަކާއި އެ ފައިސާ އާއި ތަކެތި ލިބުނު ގޮތަކާއި، ފައިސާ ޚަރަދު ކުރި ގޮތުގެ ތަފްސީލާއި މަގުސަދު ހިމެނޭ އޯޑިޓް ރިޕޯޓު އިލެކްޝަނަށް ހުށަހަޅަން ޖެހެ އެވެ.