15 Jan 2017, 22:47
އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަން އަތުން ބޮޑު ތަފާތަކުން ބަލިވެ، ކޯޗު ޕެޕް ގާޑިއޯލާއާއި މެންޗެސްޓާ ސިޓީއަށް އިތުރު ޕްރެޝަރުތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
ރަށުން ބޭރުގައި މިރޭ ކުޅުނު ލީގު މެޗުގައި އެވަޓަން އަތުން ނިއު ބަލިވެފައިވަނީ 4-0 ލަނޑުގެ ނަތީޖާއަކުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީއާއި އެވަޓަން ކުޅުނު މެޗުގެ ތެރެއިން: އެމެޗުން 4-0 ލަނޑުން 'މޮޅުވީ އެވަޓަން ---
މެޗުގެ 34 ވަނަ މިނެޓުގައި އެވަޓަންއިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ޔާޔާ ޓޫރޭ ކައިރިން ކަޓުވާލުމަށްފަހު ކެވިން މިރާލާސް ދިން ބޯޅައަކުން ސިޓީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބެލްޖިއަމް ފޯވަޑް ރޮމެލޫ ލުކާކޫއެވެ.
މެޗުގެ ފުރަތަމަ ހާފު ތެރޭގައި ސިޓީއަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ. އެގޮތުން ސިޓީގެ ޑޭވިޑް ސިލްވާއާއި، ސާޖިއޯ އަގުއެރޯ އަދި ރަހީމް ސްޓާލިންއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން އެވަޓަން ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ ދެމިނެޓް ފަހުން އެވަޓަންއިން ވަނީ އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކޮށްފައެވެ. ރޮސް ބާކްލީ ދިން ބޯޅައަކުން އެވަޓަންއަށް އެލަނޑު ކާމިޔާބުކޮށްދިނީ ކެވިން މިރާލާސްއެވެ. މެޗުގެ 79 ވަނަ މިނެޓުގައި ބާކްލީ ދިން ބޯޅައަކުން ޓޮމް ޑޭވީސް ވަނީ އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީއާއި އެވަޓަން ކުޅުނު މެޗުގެ ތެރެއިން: އެމެޗުން 4-0 ލަނޑުން 'މޮޅުވީ އެވަޓަން ---
މެޗުގައި ސިޓީ ކޮޅަށް އެވަޓަންއިން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ދެއްކި ހަތަރު މިނެޓް ތެރޭގައެވެ. ސީމުސް ކޯލްމަން ދިން ބޯޅައަކުން ސިޓީއަށް އެލަނޑު ކާމިޔާބުކޮށްދިނީ އަޑެމޯލާ ލުކްމަންއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު، އެއްވަނައިގައި އަދިވެސް އޮތީ ޗެލްސީއެވެ. އެޓީމަށް ކުޅުނު 21 މެޗުން 52 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅުނު 21 މެޗުން ލިބިފައިވަނީ 45 ޕޮއިންޓެވެ. މިރޭގެ މެޗުން ބަލިވި ސިޓީ އޮތީ ކުޅުނު 21 މެޗުން ލިބުނު 42 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައެވެ. އެމެޗުން މޮޅުވި އެވަޓަން އޮތީ ކުޅުނު 21 މެޗުން ލިބުނު 33 ޕޮއިންޓާއެކު ތާވަލުގެ ހަތްވަނައިގައެވެ.