15 Jan 2017, 21:41
އޭޝިއަން ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަން (އޭބީޔޫ)އިން ބޭއްވި ފުރަތަމަ އިންޓަނޭޝަނަލް ޑާންސް ފެސްޓިވަލްގައި ރާއްޖޭގެ ސަގާފީ ނެށުމާއި ހުނަރު ދައްކާލައިފި އެވެ.
އިންޑިޔާގެ ހައިދަރުއާބާދުގައި މިއަދު ބޭއްވި އެ ފެސްޓިވަލަކީ އޭޝިޔާ ޕެސިފިކް ސަރަޙައްދުގެ ގައުމުތަކުގެ އާދަކާދަ އާއި ސަގާފަތް ދައްކުވައިދީ އެއް ގައުމު އަނެއް ގައުމާ އޮންނަ ގުޅުން ބަދަހިކުރުމުގެ ބޭނުމުގައި ބާއްވާ ފެސްޓިވަލަކެވެ.
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ފަރާތުން މި އަހަރުގެ ފެސްޓިވަލުގައި ރާއްޖޭގެ ހަ ފަންނާނުން ހިމެނޭ ޓީމަކުން ބައިވެރިވެ، ބޮޑުބެރުގެ ފޯރިގަދަ ހަރަކާތްތަކާއެކު ދިވެހިންގެ އާދަކާދަ އާއި ސަގާފަތް ދައްކުވައި ދޭ ދިވެހިވަންތަ އައިޓަމެއް ހުށަހަޅައިދީފައިވެ އެވެ.
ރާއްޖެ ހިމެނޭ ގޮތަށް ފެސްޓިވަލުގައި އޭޝިއާ ސަރަހައްދުގެ ނުވަ ގައުމަކުން އެ ގައުމެއްގެ ސަގާފަތް ދައްކުވައި ދޭ އައިޓަމްތަކެއް ވަނީ ހުށަހަޅާފައެވެ.
ފެސްޓިވަލުގައި ބައިވެރިވި ގައުމުތަކުގެ ތެރޭގައި ފެސްޓިވަލް ބާއްވާ އިންޑިއާ، އަފްގާނިސްތާން، އަޒަރްބައިޖާން، ޕިޖީ، ޕިލިޕީންސްގެ އިތުރުން އުޒްބެކިސްތާނާއި އިންޑޮނޭޝިއާ އަދި މެލޭޝިއާ ހިމެނެ އެވެ.
އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަން (އޭބީޔޫ) އިން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ އޭބީޔޫ ޓީވީ ސޯންގް ފެސްޓިވަލުގައި ވެސް ޕީއެސްއެމްގެ ފަރާތުން ރާއްޖެ ވަނީ ތަމްސީލް ކޮށްފަ އެވެ.
އެގޮތުން މިދިޔަ އަހަރު ބޭއްވި ޓީވީ ސޯންގު ފެސްޓިވަލްގައި ބައިވެރިވެ ރާއްޖެ ތަމްސީލް ކޮށްފައި ވަނީ ރާއްޖޭގެ ފުރަތަމަ މޯލްޑިވިއަން އައިޑަލް، ލައިޝާ ޔުނައިދެވެ.