ހައިރައިޒްއިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މޯލްޑިވްސް ލިވިންގް އެކްސްޕޯގެ، މިއަހަރުގެ މައުރަޒުގެ ޕާޓްނަރުން ހަމަޖައްސައި، ޕާޓްނަރުންނާ އެކު ސޮއިކޮށްފި އެވެ.

ހައިރައިޒްއިން 2013 ވަނަ އަހަރުން ފެށިގެން ބާއްވާ ލިވިންގް އެކްސްޕޯގެ މިއަހަރުގެ މައުރަޒު އޮންނާނީ ފެބްރުއަރީ 16 އިން 18 އަށް، ނޭޝަނަލް އާޓު ގެލެރީގައެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، 2017 ވަނަ އަހަރުގެ ލިވިންގް އެކްސްޕޯގެ އޮންލައިން މީޑިއާ ޕާޓްނަރުގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސަން އޮންލައިނެވެ. އޮންލައިން މީޑިއާ ޕާޓްނަރުކަމަށް ސަން ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީސަން މީޑިއާ ގްރޫޕްގެ ޖެނެރަލް މެނޭޖަރު ސޭލްސް އެންޑް މާކެޓިން މިންހާ ފާއިޒް ރަޝާދާއި، ހައިރައިޒްގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ޝިފްރާޒެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ހައިރައިޒްގެ ޖެނެރަލް މެނޭޖަރ ހަބީބާ ހުސައިން ވިދާޅުވީ، ސަން މީޑިއާ ގްރޫޕަކީ ހައިރައިޒާ އަބަދުވެސް ގާތް ކަމެއް ބާއްވާ ފަރާތެއް ކަމަށާއި، ހައިރައިޒާ ގުޅިގެނެ މަސައްކަތް ކުރުމަށް ސަން އަބަދުވެސް ތައްޔާރަށް އޮންނާނެ ކަމަށެވެ.

ސަން މީޑިއާގެ އިތުރުން، މޯލްޑިވްސް ލިވިންގް އެކްސްޕޯގެ އިތުރު ޕާޓްނަރުންނާއި ސްޕޮންސަރުންނާ އެކު މިއަދުގެ ރަސްމިއްޔާތުގައި ސޮއިކުރެވުނެވެ. މިއަދު ސޮއިކުރެވުނު ފަރާތްތަކަކީ:

  • މެއިން ސްޕޮންސަރ: ސީލައިފް ގްލޯބަލް

  • ކޯ ސްޕޮންސަރ: އެޕެކްސް ރިއަލްޓީ
  • ހޮސްޕިޓެލިޓީ ޕާޓްނަރ: ޗަމްޕާ ސެންޓްރަލް ހޮޓެލް
  • ޕްރިންޓް ޕާޓްނަރ: ޕްރިންޓްލެބް ކްރިއޭޓިވް
  • ޕަބްލިކޭޝަންސް ޕާޓްނަރ: ދަ އައިލެންޑް ޗީފް
  • ސެޓްއަޕް ޕާޓްނަރ: އަސަރީ ސާވިސެސް

ދެހާސް ތޭރަވަނަ އަހަރުން ފެށިގެން، ލިވިންގް އަދި ލައިފްސްޓައިލް ޕްރޮޑަކްޓްސް ދައްކުވައިދޭ މައުރަޒެއްގެ ގޮތުގައި ބާއްވަމުންް އައި ލިވިންގް އެކްސްޕޯއަށް މިދިޔަ އަހަރު ވަނީ، ރިއަލް އެސްޓޭޓް އިންޑަސްޓްރީއާއި، ރާއްޖެ ހިމެނޭ ސަރަހައްދުގެ ސާވިސް އިންޑަސްޓްރީގެ ބަައިވެރިވުން އިތުރުކޮށްފައެވެ.

މިދިޔަ އަހަރު، އިންޓަނޭޝަނަލް ގިނަ ކޮންޑޮމީނިއަމްތަކެއް ލިވިންގް އެކްސްޕޯގައި ބައިވެރިވި އިރު، މިއަހަރުވެސް ރިއަލް އެސްޓޭޓްގެ ގިނަ ޑިވެލޮޕަރުން މި އެކްސްޕޯގައި ބައިވެރިވާނެއެވެ.

މިއަހަރުގެ ލިވިންގް އެކްސްޕޯގެ މައިން ސްޕޮންސަރ، ސީލައިފް ގްލޯބަލްއަކީ ހުޅުމާލޭގައި ހައުސިންގްގެ ބޮޑު މަޝްރޫއެއް މިހާރުވެސް ހިންގަމުން އަންނަ ކުންފުންޏެކެވެ. އަދި ކޯ ސްޕޮންސަރ އެޕެކްސް ރިއަލްޓީއަކީ، މާލޭގެ އަރަބިއްޔާ އަދި ގާކޮށީގައި ފްލެޓުތައް ތަރައްގީކޮށްފައިވާ ކުންފުންޏެވެ.