ފަހަކަށް އައިސް ސަރުކާރާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނާއި ފަރާތްތަކުން ވަކިވަކި މީޑިއާތަކަށް މަޢުލޫމާތު ނުދީ ހިފަހައްޓާ ހިފެހެއްޓުން ހުއްޓުވައިދިނުމުގައި، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިޔާ ކައުންސިލުގެ ދައުރު އަދާކުރަމުން ނުދާތީ، ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމްޖޭއޭ އިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިހާރަކަށް އައިސް ޚަބަރު ފަތުރާ އެކިއެކި އިދާރާތަކަށް ސަރުކާރާއި ކަމާ ބެހޭ އެހެނިހެން މުއައްސަސާތަކުން މަޢުލޫމާތު ފޯރުކޮށް ދިނުމަށް ދެކޮޅު ހަދަމުން ދާ ކަމަށެވެ.

އަދި މައުލޫމާތަކީ، ޤާނޫނު އަސާސީން ކޮންމެ މީހަކަށް ލިބުމަށް ލާޒިމު ކުރާ ހައްގަށް ވާއިރު، ބްރޯޑްކާސްޓަރުންނާ ގުޅޭ ކަންކަން ބެލުމުގެ އިތުރުން ޕަބްލިކް ސަވިސް ބްރޯޑްކާސްޓަރެއް އުފައްދައި ދިނުމުގެ ޒިންމާވެސް އޮތް "މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން"ގެ ޤާނޫނާ، ޚާއްސަކޮށް މީޑިޔާގެ މިނިވަންކަން ކަށަވަރުކޮށްދިނުމުގެ ޒިންމާ އޮތް "މޯލްޑިވްސް މީޑިޔާ ކައުންސިލް"ގެ ޤާނޫނުން ވެސް ޒިންމާދާރު ނޫސްވެރިކަމެއް އުފައްދައި ދިނުމަށް ލާޒިމު ކުރާ ކަމަށެވެ.

އެހެން ނަމަވެސް، ސަރުކާރާއި ސަރުކާރު ހިއްސާވާ އެކިއެކި ކުންފުނިތަކުންނާ، އެހެނިހެން ފަރާތްތަކުން ހިންގަމުން ގެންދާ އެކިއެކި ކަންކަމާއި މަޝްރޫޢުތަކާއި މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ވަކިވަކި މީޑިޔަތަކަށް ނުދީ ހިފަހައްޓާ ހިފެހެއްޓުން ހުއްޓުވައިދިނުމުގައި، އެ ދެ ފަރާތުގެ ދައުރު އަދާކުރަމުން ނުދާތީ، އެޖަމްއިއްޔާ އިން ކަންބޮޑުވާ ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެ އެވެ.

"މިނިވަން ޒިންމާދާރު ނޫސްވެރި ކަމެއް ޤާއިމުކޮށްދިނުމަށް މި ދެ މުއައްސަސާ އަށް ޤާނޫނުން ލާޒިމުކޮށްފައި ވީ ހިނދުވެސް، މީޑިއާތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ މެދު ބަހެއް ނުބުނެ، ފިޔަވަޅެއް ނާޅާ، އެ ދެ މުއައްސަސާ ހަމަހިމޭނުން އޮންނަ އޮތުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. އަދި މިކަމުގެ ސަބަބުން މިނިވަން ނޫސްވެރިކަމެއް ކުރުމަށް މިރާއްޖޭގައި އޮތް ޔަޤީންކަން ނެތިގެން ހިގައިދާނެތީ ބިރުގަނެ، ކަންބޮޑުވާ ވާހަކަ ވެސް ދަންނަވަމެވެ،" އެމްޖޭއޭގެ ނޫސްބަޔާނުގައި ބުނެފަވެ އެވެ.

އެމްޖޭއޭގެ ބަޔާނުގައި ބުނެފައި ވަނީ އެކިއެކި މީޑިޔާތަކަށް މައުލޫމާތު ނުދެއްވާނެ ކަމަށް ސަރުކާރުގެ ވަޒީރުން ފާޅުގައި ވިދާޅުވެ ވާހަކަ ދައްކަވާފައިވާ ކަމުގެ ހެކި ބައެއް މީޑިޔާތަކުން ހާމަކުރަމުން ގެންދާއިރު ވެސް ބްރޯޑްކަސްޓިން ކޮމިޝަނުންނާއި މީޑިޔާ ކައުންސިލުން، އެފަދަ މައްސަލަތަކަށް ހައްލެއް ހޯދައި ދިނުމަށް މަސައްކަތެއް ކުރަމުން ގެންދާތަން ނުފެނުމަކީ، އެ ދެތަނުގައި ތިއްބެވި ޒިންމާދާރު ބޭބޭފުޅުންގެ މަސްއޫލިއްޔަތާ ދޭތެރޭ ސުވާލު އުފެދޭ ކަމެއް ކަމަށެވެ. އަދި މިމަހުގެ 18 ވަނަ ދުވަހު ދި ޓީވީގެ ހުރިހާ ޚަބަރު ގަޑިތަކެއްގައި، ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒްގެ އެފަދަ އިންޓަވިއުއެއް އާންމުކޮށްފައިވާ ކަމަށް ވެސް އެބަޔާނުގައިވެ އެވެ.

ޤާނޫނަކުން މިނިވަންކަން ކަށަވަރުކޮށްދީ، ބާރުތަކެއް ދީފައި ވުމުގެ އެންމެ މުހިންމު ބޭނުމަކީ، ނުފޫޒުތަކުން އެއްކިބާވެ، ޤާނޫނުގެ އިމުގެ ތެރެއިން ކަންކަން ކުރުމަށް އޮތް ޔަޤީންކަން ކަމުގައި ވާއިރު، އެކިއެކި ފަރާތްތަކުގެ ނުފޫޒުތަކަށް ނުހެއްލުމަށް، ނުވަތަ ނުލެނބުމަށް އެދެމުއައްސަސާއަށް ގޮވާލާ ކަމަށް ވެސް އެމްޖޭއޭ އިން ބުނެފައިވެ އެވެ.

"ހަމަ އެހެންމެ، ޒިންމާދާރު ނޫސްވެރިކަމެއް އާލާކޮށް ދިރުވާ ދެމެހެއްޓުމަށްޓަކައި، ވަކި މީޑިޔާއެއް އިސްތިސްނާ ނުކޮށް، މީޑިޔާތަކަށް މައުލޫމާތު ނުދީ ހިފަހައްޓާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާ، ރާއްޖޭގައި މިއޮތް މަޢުލޫމާތު ހިފެހެއްޓުމުގެ ޘަޤާފަތް ނައްތާލަ ދިނުމަށް ވެސް އެދެމުއައްސަސާއަށް ގޮވާލަމެވެ." އެމްޖޭއޭގެ ބަޔާނުގައިވެ އެވެ.