ކުވެއިތް ސިޓީ (ޖެނުއަރީ 15): އީރާން މަތިން ދަތުރު ކުރަމުން ދިޔަ ޔޫރޯވިންގްސްގެ ފްލައިޓެއްގައި ބޮމެއް އޮތް ކަމަށް ބުނެ ޕައިލެޓަށް ދިން އިންޒާރަކާ ގުޅިގެން އެފްލައިޓު ކުވައިތުގައި ޖައްސައިފި އެވެ.

އޯމާނުގެ ސަލާލާ އިން ޖަރުމަނުގެ ކޮލޯންއަށް ދަތުރު ކުރަމުންދިޔަ އެއާބަސް އޭ330 މަރުކާގެ އެބޯޓުގެ މިސްރާބު ބަދަލު ކުރީ ދަތުރުފެށްޓިތާ ދެގަޑި އިރު ފަހުންނެވެ. އޭރު ބޯޓު ދަތުރުކުރަމުން ދިޔައީ އިރާންގެ ޝިރާޒް ސިޓީގެ 38،000 ފޫޓު މަތިން ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ނަމަވެސް ބޯޓު ކުވެއިތުގައި ޖެއްސުމަށް ފަހު ސަލާމަތީ އޮފިޝަލުން ހޯދި ހޯދުމުން ބޯޓު ތެރެއިން ގޮވާޒާތުގެ އެއްޗެއް ފެނިފައި ނުވާ ކަމަށާއި، އެ އިންޒާރަކީ ދޮގު މައުލޫމާތު ކަމަށް ބެލެވޭ ކަމަށް ކުވެއިތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ ބުނެފަ އެވެ.

ޔޫރޯވިންގްސް އަކީ ޖަރުމަނުގެ އެންމެ ބޮޑު އެއާލައިން ކަމަށްވާ ލުފްތަންސާގެ ސަބްސިޑަރީ އެއާލައިނެކެވެ. އެއެއާލައިނުން ކޮލޯން އާއި ސަލާލާއާ ދެމެދު ދަތުރުތައް ފެށީ މިދިޔަ އޮކްޓޯބަރު މަހު އެވެ.

ލުފްތަންސާގެ ތަރުޖަމާނެއް ކަމަށްވާ ތަލް މުސްކަލް ވަނީ ފްލައިޓުގެ މިސްރާބު ބަދަލު ކުރި ކަމަށާއި ނަމަވެސް ފްލައިޓުން ގޮވާ ޒާތުގެ އެއްޗެއް ފެނިފައި ނުވާކަން ޔަގީންކޮށްދީފަ އެވެ.

އެއެއާލައިނުން މިހާރު ވަނީ ބޯޓުގައި ތިބި 287 ފަސިންޖަރުންނާއި 10 ކުރޫ މެމްބަރުން ކުވެއިތުން ޖަރުމަނަށް ގެންދާނެ ގޮތް ހަމަޖައްސާފަ އެވެ. އެ ފްލައިޓަކީ ޖަރުމަނުގެ ޓުއާ ކުންފުންޏެއް ކަމަށްވާ އެފްޓީއައި އިން ޗާޓަރުކޮށްގެން ދިޔަ ފްލައިޓެއް ކަމަށް ޔޫރޯވިންގްސް އިން ބުންޏެވެ. (އޭއެފްޕީ)