15 Jan 2017, 15:37
ފެނަކަ ކޯޕަރޭޝަނަށް އެއް މިލިއަން ޑޮލަރު ގަތުމަށް ޝަރޫ ލޯންޗް ސާވިސް އަށް ދޫކުރި ޗެކްތަކަށް ފައިސާ ހޯދުމަށް ދައުވާކޮށްފި އެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑޮރެކްޓަރު އަހުމަދު ޝަރީފު މިއަދު ސަން އަށް ވިދާޅުވީ ޑޮލަރު ގަތުމަށް ޝަރޫ ލޯންޗް ސާވިސް އަށް 17 މިލިއަން ރުފިޔާގެ ޗެކްތަކެއް ވަނީ ދޫކޮށްފައި ކަމަށެވެ. ފެނަކައަށް ޑޮލަރު ވިއްކުމަށް ކަމަށް ބުނެ އެ ކުންފުނިން ވަނީ ތިން ޗެކެއް ދޫކޮށްފަ އެވެ. ޖުމްލަ އެއް މިލިއަން ޑޮލަރުގެ އެ ޗެކުތައް ވަނީ ބައުންސްވެފަ އެވެ. އެހެންކަމުން ޑޮލަރު ލިބިފައިނުވާތީ އެ ފައިސާ ހޯދުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައްސަލައިގެ ޑިސްޕިއުޓް ރިސޮލިއުޝަން މަރުހަލާ ނިމުނު އިރު، ދައުވާއާ މެދު ދެފަރާތުން އެއްބަސްވުމަކަށް ނާދެވޭތީ މައްސަލަ މިހާރު ވަނީ ޝަރީއަތަށް ފޮނުވާފައި ކަމަށެވެ.
އެ ފައިސާ ދިނުން ލަސްކުރަން ޝަރޫ ލޯންޗް ސާވިސް އުޅޭ ކަމަށް ފާހަގަކުރެވޭ ކަމަށާއި އެ ފައިސާ ނުލިބުމުގެ ސަބަބުން ކުންފުނީގެ ހިންގުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިލާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލާގައި ލިބުނު މާލީ ގެއްލުންތައް ހިސާބު ހެދުމަށް ފަހު ގެއްލުމުގެ ބަދަލު ހޯދުމަށް އެކަމުގައި ޒިންމާވާ މީހުންގެ މައްޗަށް ދައުވާކުރާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
އެ މައްސަލާގައި ޝަރޫ ލޯންޗް ސާވިސްގެ އިސް މުވައްޒަފަކާއި މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ)ގެ އިސް މުވައްޒަފަކު ފުލުހުން ހައްޔަރުކުރި އެވެ. ނަމަވެސް މިހާރު ވަނީ އެ ދެ މީހުން ދޫކޮށްލައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން ޝަރޫ ލޯންޗް ސާވިސްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.