ބާޒާރުމަތީ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ ގިނަ އަދަދެއްގެ ބިދޭސީތަކެއް ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މާލޭ ސިޓީ ކައުންސިލާއި ފުލުހުންގެ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ބާޒާރުމަތީ ސަރަހައްދުގައި އުޅުނު ގަވާއިދާ ހިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީންތަކެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް ހައްޔަރުކުރި ބިދޭސީންގެ އަދަދެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ.

އެ ސަރަހައްދުގައި ހުރި މީހަކު ސަން އަށް މައޫމާތު ދެމުން މިއަދު ބުނީ ފުލުހުންގެ ބޮޑު ލޮރީއަކަށް އަރުވައިގެން މިއަދު ގެންދިޔަ ބިދޭސީންނަކީ އެސަރަހައްދުގެ ދޯނި ފަހަރުތަކުންނާއި ބާޒާރުމަތީ ފިހާރަތަކުންނާއި މާރުކޭޓުގެ އިތުރުން ދަތުރުވެރިންގެ މާރުކޭޓުގައި ތިއްބާ ގެންދިޔަ ބިދޭސީންތަކެއް ކަމަށެވެ. އަދި އޭގެ ތެރޭގައި ގިނައިން ހިމެނެނީ ބަންގްލަދޭޝްގެ މީހުން ކަމަށް ވެސް އޭނާ ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅެމުންގެންދާ ބިދޭސީން ހޯދުމަށް ފުލުހުންނާއި މާލޭ ސިޓީ ކައުސިލް ގުޅިގެން ކުރިއަށް ގެންދާ އެ މަސައްކަތުގެ ދަށުން ބިދޭސީން މާލެ ގެންނަ ޓްރެވަލް އެޖެންސީތަކާ މެދު ވެސް ފިޔަވަޅު އަޅަމުން ގެންދާ ކަމަށެވެ. ނަމަވެސް މިހާތަނަށް ފިޔަވަޅު އާޅަފައި ވަނީ ކިތައް ޓްރެވަލް އެޖެންސީއަކާ މެދު ކަމެއް އޮފިޝަލް ވިދާޅެއްނުވެ އެވެ.

"ބިދޭސީން ގެނެސް ގަވާއިދުން އެމީހުންގެ ކަންތައްތައް ބަލަހައްޓަމުން ނުގެންދާ ޓްރެވަލް އެޖެންޓުންނާ މެދު ވެސް ފިޔަވަޅު އަޅަމުން މިގެންދަނީ، އެފަދަ ފަރާތްތައް ހޯދާ އެމީހުންނާ މެދު ވެސް ފިޔަވަޅު އަޅާނަން،" އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ އަދަދު މިހާރު އެއްލައްކައަށް ވުރެ އިތުރުވެފައިވާ އިރު އޭގެ ތެރެއިން ގިނަ ބަޔަކު ގަވާއިދާ ހިލާފަށް އުޅެމުންދާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ.