އިނގިރޭސި ޕްރިމިއާ ލީގްގައި މިރޭ މެންޗަސްޓާ ޔުނައިޓެޑާއި ލިވަޕޫލް ވަރުގަދަ ކުރިމަތިލުމަކަށް ނިކުންނަ އިރު އެ ދެ ޓީމުން ވެސް ތިބީ އެ މެޗު ކާމިޔާބްކުރުމަށް ކެތް މަދުވެފަ އެވެ.

މިރޭގެ މެޗަށް ނިކުުންނަ އިރު ޔުނައިޓެޑް އޮތީ ކުޅުނު 20 މެޗުން 39 ޕޮއިންޓް ހޯދައިގެން ހަ ވަނައިގަ އެވެ. މި ރޭގެ މެޗު ކާމިޔަބު ކުރި ނަމަވެސް ޔުނައިޓެޑްގެ މަގާމަކަށް ބަދަލެއް ނާންނާނެ އެވެ. ސަބަބަކީ ފަސް ވަނާގައި އޮތް މެންޗަސްޓާ ސިޓީ އޮތީ 42 ޕޮއިންޓާ އެކު ފަ އިދާ ގޯލު ޔުނައިޓެޑަށް ވުރެން ހަ ގޯލު ކުރީގަ އެވެ. ނަމަވެސް މިރޭގެ މެޗު ކާމިޔާބުކޮށް މިވަގުތު 20 މެޗުން 44 ޕޮއިންޓް ލިބިގެން ހަތަރު ވަނާގައި އޮތް ލިވަޕޫލަށް ދެވަނައަށް އެރުމުގެ ފުރުސަތު ވަނީ ފަހިވެފަ އެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި މިރޭ ލިވަޕޫލާ ދެކޮޅަށް ނިކުންނައިރު ޔުނައިޓެޑް އޮތީ އެންމެ ފަހުން އެޓީމް ކުޅުނު ނުވަ މެޗުން ވެސް މޮޅުވެ އިތުބާރާއެކު އެވެ.

"އެއްވެސް ކުޅުންތެރިއަކު ތިބީ ބިރުގަނެ ޖެހިލުންވެފައެއް ނޫން. ހުރިހާ ކުޅުންތެރިން ވެސް ތިބީ ކުޅެން ތައްޔާރަށް،" މިރޭގެ މެޗުގެ ކުރިން ބޭއްވި ޕްރީ މެޗު ޕްރެސްގައި ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ އޭނާގެ ކުޅުންތެރިންނެކޭ އެއްގޮތަށް ލިވަޕޫލްގެ ކުޅުންތެރިން ވެސް ތިބީ މިރޭގެ މެޗަށް ކެތް މަދުވެފައި ކަމަށާއި އެހެން ކަމުން ދެ ކޮޅުން ވެސް ގުޅިގެން ބެލެންތެރިން ބަލަން ބޭނެންވާ ކަހަލަ ފޯރިގަދަ މެޗަކަށް ހަދަން ޖެހޭ ކަމަށެވެ.

"އަހަރެމެންގެ އެންމެ ބޮޑު އެއް ބާރަކަށް ވާނެ ސަޕޯޓަރުން. އަހަރެންނަށް ވުރެން ބޮޑަށް އެމީހުންގެ އިިހްސާސްތައް ހުރީ މާ މަތީގައި. އެހެންކަމުން ސަޕޯޓަރުން އެބަޖެހޭ ޓީމަށް ވަރަށް ބޮޑަށް ތަރުހީބް ދޭން،" މޮރީނިއޯ ބުންޏެވެ.

މިރޭގެ މެޗަށް ނިކުންނަ އިރު ލިވަޕޫލް އޮތީ އެންމެ ރަނގަޅު ފޯމުގައެކޭ ނުބުނެވޭނެ އެވެ. ސަބަބަކީ އެޓީމް އެންމެ ފަހުން ކުޅުނ ތިން މެޗުން ވެސް މޮޅެއް ލިބިފައި ނުވުމެވެ. ނަމަވެސް ލިވަޕޫލްގެ ކޯޗު ޔޫގެން ކްލޮޕް ހުރީ ޔުނައިޓެޑް ބަލިކޮށް ތާވަލުގެ ދެވަނައަށް އެރުމުގެ އުންމީދުގަ އެވެ.

"މިރޭގެ މެޗަކީ ވަރަށް، ވަރަށް ބޮޑު މެޗެއް. ނަމަވެސް އަހަރެންގެ ކުޅުންތެރިންނަށް އެނގޭނެ އެ ކުޅުންތެރިންގެ ޒިންމާއަކީ ކޮބައިކަން. އަހަރެން ފުރިހަމައަށް އިތުބާރު ކުރުން އެ ކުޅުންތެރިންނަށް،" ކްލޮޕް ބުންޏެވެ.

އެނާ ބުނީ އެންމެ ފަހުން ލިވަޕޫލް ކުޅުނު މެޗުތަކުން ރަނގަޅު ނަތީޖާއެއް ނިކުމެފައި ނެތް ނަމަވެސް ޔުނައިޓެޑާ ދެކޮޅަށް ވާދަވެރި ކުޅުމެއް ލިވަޕޫލުން ދައްކާނެ ކަމެށެވެ.

"ނަތީޖާ ނެރެން ރަނގަޅު ފައިޓެއް ދޭ ތަން ބަލަން ބޭނުން ހުރީ މީހުން ވެސް މިރޭގެ މެޗު ބަލަންވީ. މި މެޗު ވާނެ ތަފާތު ފުޓްބޯޅައެއް ފެނިގެންދާނެ ފޯރިގަދަ މެޗަކަށް،" ކްލޮޕް ބުންޏެވެ.

މީގެ ކުރިން ލީގްގައި ޔުނައިޓެޑް އާއި ލިވަޕޫލް ވަނީ 167 ފަހަރު ބައްދަލުކޮށްފަ އެވެ. އޭގެ ތެރެއިން 67 މެޗު ޔުނައިޓެޑުން ކާމިޔާބްކުރި އިރު ލިވަޕޫލަށް ކާމިޔާބުކުރެވިފައި ވަނީ 55 މެޗެވެ. ސާޅީސް ފަސް ވަނަ މެޗު ވަނީ އެއްވަރުވެގެން ނިމިފަ އެވެ. ލީގްގައި އެންމެ ފަހުން އެ ދެޓީމް ކުޅުނު މެޗުު ވަނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެވެ.

މިރޭގެ މެޗު ފެށުމަށް ހަމަޖެހިފައި ވަނީ ރާއްޖެ ގަޑިން 9:00 ޖަހާއިރު އެވެ.