މ. ލައިޓް ސިގްނަލް ގޭގައި މަރުވެފައި ތިއްބައި މީގެ ހަފްތާއެއްކުރިން ފެނުނު ދެ މަފިރިން މަރުވި ސަބަބު ދެނެގަތުމަށް ކުރަމުން އަންނަ ތަހުގީގް އަދި ވެސް ނުނިމޭ ކަމަށް ފުލުހުން ބުނެފި އެވެ.

ނިދާ ނުހޭލައިގެން ވަދެ ބެލި އިރު މަރުވެފައި ތިއްބައި ފެނިފައި ވަނީ ތ. ވިލުފުށީ، ގާސިމް ޝާހިދު، 47، އަދި ރަޒީނާ އިބްރާހިމް، 42، އެވެ. ހަށިގަނޑުން ސާމްޕަލް ނެގުމަށް ފަހު އެދެމަފިރިން ވަނީ އެއްވަޅެއްގައި ވަޅުލައިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ތަހުގީގް އަދި ނުނިމޭ ކަމަށެވެ. މަރުގެ ސަބަބާ ބެހޭ ގޮތުން ވަކި އެއްޗެއް ފުލުހުން ހާމައެއްނުކުރެ އެވެ.

ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ދެމަފިރިންގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ފެންނާކަށް ނެތެވެ.

އާއިލާ އިން ސަން އަށް މައުލޫމާތު ދިން ގޮތުގައި އެދެމަފިރިންގެ މަރުގެ ސަބަބާ ގުޅިގެން އާއިލާއަށް ވެސް އަދި ވަކި އެއްޗެއް ނާންގަ އެވެ.

މަރުވި އިރު އެދެމަފިރިންގެ ގްރޭޑް އެކެއްގައި އުޅޭ އަންހެން ކުއްޖަކާއި ގްރޭޑް 10 ކިޔަވާ ކުއްޖެއްގެ އިތުރުން ވަޒީފާ އަދާކުރާ ފިރިހެން ކުއްޖަކު ހުރެ އެވެ. ދޮށީ ފިރިހެން ދަރިފުޅު އުޅެނީ އައިލެންޑް އޭވިއޭޝަންގަ އެވެ. އެ ކުދިންގެ ކަންކަން އެ އާއިލާއިން ދަނީ ބަލަހައްޓަމުންނެވެ.