ވޭތުވެދިޔަ ދެ އަހަރާ އަޅާބަލާ އިރު މި އަހަރުގެ ތެރޭ ޑެންގޫ ހުމާއި ޗިކަންގުންޔާ ޖެހިގެން ރިޕޯޓުކޮށްފައިވާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް ސެންޓާ ފޯ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީޒް ކޮންޓްރޯލް ]ސީސީއެޗްޑީސީ[ އިން ބުނެފި އެވެ.

މި އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭ ވަނީ މި ބަލި ޖެހިގެން ދެ މީހަކު މަރުވެފަ އެވެ.

މިހާތަނަށް މާލެ އާއި އަތޮޅު ތެރޭ ޑެންގީ ހުމާއި ޗިކަން ގުންޔާ ޖެހިގެން 1199 މީހަކު ރިޕޯޓު ކޮށްފައިވާ ކަމަށް ސީސީއެޗްޑީސީން ނެރެފައިވާ ނޫސް ބަޔާނެއްގައި ވަނީ ބުނެފަ އެވެ. އަދި ހަމައެކަނި މާލެއިން ވޭތުވެދިޔަ ހަތަރު ހަފުތާ ތެރޭ ޑެންގޫ ހުމާއި ޗިކުންގުންޔާ ޖެހިގެން 269 މީހަކު ރިޕޯޓުކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މިދިޔަ އަހަރުގެ މިދުވަސް ވަރު ޑެންގޫ ހުމާއި ޗިކުންގުންޔާ ޖެހިގެން ރިޕޯޓް ކޮށްފައި ވަނީ 110 މީހުންނެވެ.
ސީސީއެޗްޑީސީން ބުނީ މިހާރު ޑެންގޫހުން ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވާ ރަށްތަކަކީ ތ. އަތޮޅާއި ޅ. އަތޮޅާއި ގއ. އަތޮޅާއި އަދި އއ. އަތޮޅުން ކަމަށެވެ.

ސީސީއެޗްޑީސީން ބުނީ މި ދެ ބައްޔަކީ ވެސް މަދިރީގެ ޒަރީއާ އިން ފެތުރޭ ދެ ބައްޔަކަށް ވާތީ ވިއްސާރަ ދުވަސްވަރު މަދިރި އުފެދޭ މިންވަރު އިތުރުވެ، މިބަލިތައް ރޯގާއެއްގެ ގޮތުގައި ފެތުރެމުންދާ ކަމަށެވެ.

"ދިޔަދޮވިތަކުގަ އާއި ގޯތިތެރޭގައި ބަހައްޓާފައި ހުންނަ ތަކެތީގައި ފެންހަރުލާ ގޮތަށް ހުރިތޯ ގަވާއިދުން ޗެކްކުރުމާއި، ވަޅުވަޅުގައި މަދިރިފަނި އެޅުން ހުއްޓުވުމަށް ޓަކައި ވަޅުގައި މަތި އެޅުން ނުވަތަ މަސްލުން ފަދަ ކަންތައްތަކަށް ސަމާލުކަން ދިނުމާއި، ސްކޫލް، ސިއްހީ މަރުކަޒު އަދި އެހެނިހެން މުއައްސަސާތައް ގޯތިތެރެތައް ބަލާ ސާފުކުރުމަށް ހާއްސަ ސަމާލުކަމެއް ދޭން ވާނެ އެވެ،" ސީސީއެޗްޑީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޑެންގޫ ހުން މީހާރު އެންމެ ގަދަ އަށް ފެތުރެމުންދާ އެއް ރަށް ކަމަށްވާ ތ. ކިނބިދޫ ކައުންސިލްގެ ނައިބު ރައީސް ހަސަން މުހަންމަދު މިއަދު ވިދާޅުވީ އެ ރަށުގައި ވައިރަލް ފީވާޖެހިގެން މިއަދު ތިން ކުއްޖަކު މާލެ ފޮނުވާލާފައިވާ ކަމަށެވެ.
ލ. ކުނަހަންދޫ ކައުންސިލް އިދާރާގެ މީޑިއާ ކޯޑިނޭޓާ ލިރުޣާމް ޝަހީދު ވިދާޅުވީ އެ ރަށުގައި ހަލުއިކަމާ އެކު ފެތުރެމުންދާ ވައިރެލް ފީވާ 70 މީހަކާއި ކުއްޖަކަށް ޖެހިފައިވާ ކަމަށެވެ. އަދި ގާތްގަނޑަކަށް އާބާދީގައި 772 މީހުން ދިރިއުޅޭ ކުނަހަންދޫ ސިއްހީމަރުކަޒު ފުރި އެކަށީގެންވާ ފަރުވާ އާންމުންނަށް ދެވެމުން ނުދާ ކަމަށް ލިރުޣާމް ވިދާޅުވި އެވެ.
އއ. ރަސްދޫ ކައުސިލް މެންބަރު އަހުމަދު ރަޝީދު ވިދާޅުވި ގޮތުގައި "އުކުޅަސް އަދި ތޮއްޑޫގައި ދަނީ ޑެންގޫހުން ފެތުރެމުން އަދި ކޮންޓްރޯލް ވާގޮތް ވަނީ ނުވެފަ" އެވެ. ރަޝީދު ވިދާޅުވި ގޮތުގައި މަދިރި ގިނަ ވުމުގެ ސަބަބުން ރަސްދޫގައި ދަނީ ވައިރެލް ފީވާ ހަލުއިކަމާ އެކު ފެތުރެމުން ނެވެ.