19:00


1،308 ކުޑަކުދިންނާ ގުޅުން ހުރި ހުރި ތަފާތު 1،129 މައްސަލައެއް މިދިޔަ އަހަރުގެ ނިޔަލަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާރވިސަށް ހުށަހެޅިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.


ކުޑަކުދިންގެ ދުވަހާ ގުޅިގެން ހެލްތް އެންޑް ފެމިލީ މިނިސްޓްރީން އާއްމުކޮށްފައިވާ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިންނާ ބޭހޭ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް އެ މިނިސްޓްރީގެ ދަށުން ހިނގާ ފެމިލީ ޕްރޮޓެކްޝަން ސާވިސަސް އަށާއި އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ފެމިލީ އެންޑް ޗިލްރަން ސާވިސް ސެންޓަރުތަކަށް ހުށަހެޅިފައިވާ ޖުމްލަ 1،129 މައްސަލާގައި ހިމެނޭ ކުދިންނަކީ 701 ފިރިހެން ކުދިނާއި 607 އަންހެން ކުދިންނެވެ. އެގޮތުން އެ ސާވިސަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރޭގައި ޤާނޫނާއި ޤާވާއިދާ ހިލާފްވެގެން 156 ކުއްޖެއްގެ 149 މައްސަލަ ހުށަހެޅިފައިވާއިރު އޭގެތެރޭގައި ހިމެނެނީ ބަދުއަހުލާދީ އަމަލް ހިނގުމުގެ މައްސަލައާއި، މާރާމާރީ އާއި، ވައްކަމާއި، ފޭރުމާއި، މަސްތުވާތަކެތި ބޭނުންކުރުން އަދި ލައިސަންސް ނެތި އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ މައްސަލަތަކެވެ.


ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އާއިލީ އެކިއެކި މައްސަލަތަކާ ގުޅިގެން މިދިޔަ އަހަރުގެ ނިޔަލަށް 158 މައްސަލައެއް އެ ސާވިސްއަށް ހުށަހެޅިފައިވެ އެވެ. އޭގެ ތެރޭގައި ދަރިންގެ ހަރަދު ދިނުމުގެ މައްސަލައާއި، މައިންބަފައިން ހައްޔަރުކުރުމާއި، ދަރިން ދޫކޮށްލާފައި މައިންބަފައިންދިއުމާއި، މައިންބަފައިން ވަކިވާ މައްސަލަ ހިމެނޭއިރު މިދިޔަ އަހަރުގެ ނިޔަލަށް ކުއްޖާގެ އުޅޭމާ ގުޅުންހުރި 266 މައްސަލައެއް އެސާވިސްއަށް ވަނީ ހުށަހެޅިފަ އެވެ. އަދި އޭގެތެރޭގައި ކުދިން ގެއިން ނުކުމެގެންދާ މައްސަލަ އާއި، ޖިންސީ ހާނިކަކުރުމާއި، އަމިއްލައަށް މަރުވާ އުޅޭ މައްސަލަ އާއި ބަލިވެއިނުމާއި ބޮޑެތި މީހުންގެ ފަރާތުން ކުއްޖާއަށް ކުރާ އަނިޔާތަކުގެ މައްސަލަ ހިމެނެ އެވެ.


މިދިޔަ އަހަރުގެ ނިޔަލަށް ތައުލީމާ ގުޅުން ހުރި 107 މައްސަލައެއް ހުށަހެޅިފައިވާއިރު އޭގެތެރޭގައި ސްކޫލަށް ނުދާ މައްސަލައާއި، އެހެންކުދިންގެ ފަރާތުން ދިމާވާ މައްސަލަތަކާއި، އަހްލާޤީ މައްސަލައާއި ކުދިންނާއި ސްކޫލްގެ މުދައްރިސުންނާއި މެނޭޖްމަންޓާ ދެމެދު ޖެހޭ މައްސަލަތައް ހިމެނެ އެވެ. މީގެއިތުރުން ކުޑަކުދިންނަށް ކުރާ ހާނިއްކަ އާ ގުޅިގެން 502 މައްސަލައެއް މިދިޔަ އަހަރުގެ ނިޔަލަށް ހުށަހެޅިފައިވާއިރު ކުޑަކުދިންނާއި ގުޅުންހުރި ނަފްސާނީ މައްސަލަތަކާ ގުޅިގެން 18 މައްސަލައެއް ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ސަވިސްއަށް ވަނީ ހުށަހެޅިފަ އެވެ. އަދި ކުޑަކުދިން ނަހަމަގޮތުގައި ބޭނުންކުރުމުގެ އެއް މައްސަލަ ހުށަހެޅިފައިވާއިރު ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ 13 މައްސަލައެއް ހުށަހެޅިފައިވެ އެވެ. އަދި ކުޑަކުދިން ބަލާނެ ފަރާތެއް ނެތިގެންނާއި މާލީ އެހީ ހޯދުމަށް 30 މައްސަލައެއް ހުށަހަޅާފައިވާއިރު ކުޑަކުދިންގެ މަރުގެ ދެ މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ތަފާސް ހިސާބުތައް ދައްކަ އެވެ.


މިއަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިއާރަކީ "ކުޑަކުދިންގެ ޒިންމާތައް". ކުޑަކުދިންގެ ދުވަސް މިއަދު މާލެއާއި އަތޮޅުތެރޭގެ އެކިއެކި ސްކޫލްތަކުގައި ކުލަ ގަދަ ގޮތެއްގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި މިއަހަރުގެ ކުޑަކުދިންގެ ދުވަހާއި އާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި އަންނަ ހުކުރު ދުވަހު ކުޑަކުދިންގެ ބަގީޗާގައި ޢާއިލީ ހަވީރެއް ބާއްވާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.