15 Jan 2017, 08:50
ސްޕެނިޝް ލަލީގާގައި ލަސް ޕަލްމާސް އަތުން ފަސޭހަކަމާއެކު ބާސެލޯނާ މޮޅުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު ލީގު މެޗުގައި ލަސް ޕަލްމާސް އަތުން ބާސާ މޮޅުވެފައިވަނީ 5-0 ލަނޑުގެ ނަތީޖާއަކުންނެވެ.
އެމެޗުގެ 14 ވަނަ މިނެޓުގައި ބާސާއިން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. އަންދްރޭ ގޮމޭސް ދިން ބޯޅައަކުން ބާސާއަށް އެލަނޑު ކާމިޔާބުކޮށްދިނީ އުރުގުއާއީ ފޯވަޑް ލުއިސް ސުއަރޭޒްއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ބާސާ ކުރީގައި އޮވެގެންނެވެ.

ސްޕެނިޝް ލަލީގާގައި ބާސާއާއި ލަސް ޕަލްމާސް ބައްދަލުކުރި މެޗުގެ ތެރެއިން: އެމެޗުން ބާސާ މޮޅުވީ 5-0 ލަނޑުން ---
މެޗުގެ ދެވަނަ ހާފު ފެށިތާ ހަތް މިނެޓްފަހުން ބާސާއިން ވަނީ އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކޮށްފައެވެ. ބާސާއަށް އެލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީއެވެ. އޭނާ އެލަނޑު ކާމިޔާބުކުރީ ލަސް ޕަލްމާސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އުފެއްދި ހަމަލާއަކުންނެވެ.
މެޗުގެ 57 ވަނަ މިނެޓުގައި ބާސާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ސުއަރޭޒްއެވެ. އޭނާ އެލަނޑު ކާމިޔާބުކުރީ ރަފީނިއާ ދިން ބޯޅައަކުންނެވެ. އޭގެ ދެ މިނެޓްފަހުން ބާސާގެ ހަތަރުވަނަ ލަނޑު ފެނިގެންދިޔައެވެ. އެލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަރްދާ ޓުރާންއެވެ.
ބާސާއިން ކޮންޓްރޯލް ހޯދަމުން ކުޅެމުންދިޔަ އެމެޗުގައި އެޓީމުން ކާމިޔާބުކުރި ފަސްވަނަ ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ދިހަ މިނެޓަށް ވެފައިވަނިކޮށެވެ. ޕަކޯ އަލެސާ ދިން ބޯޅައަކުން ބާސާއަށް އެލަނޑު ކާމިޔާބުކޮށްދިނީ އެލެކްސް ވިޑާލްއެވެ.

ސްޕެނިޝް ލަލީގާގައި ބާސާއާއި ލަސް ޕަލްމާސް ބައްދަލުކުރި މެޗުގެ ތެރެއިން: އެމެޗުން ބާސާ މޮޅުވީ 5-0 ލަނޑުން ---
އަމިއްލަ ދަނޑުގައި އިއްޔެ ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗުން އެތުލެޓިކޯ މެޑްރިޑް ވެސް ވަނީ މޮޅެއް ހޯދައިފައެވެ. އެމެޗުން އެތުލެޓިކޯ މޮޅުވީ 1-0 ލަނޑުންނެވެ. މެޗުގެ އަށްވަނަ މިނެޓުގައި އެތުލެޓިކޯގެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އާޖެންޓީނާ މިޑްފީލްޑަރު ނިކޮލަސް ގައިޓާންއެވެ.
ސްޕެނިޝް ލަލީގާގެ ތާވަލުގެ އެންމެ ކުރީގައި އަދިވެސް އޮތީ ރެއާލް މެޑްރިޑެވެ. ރެއާލްއަށް ކުޅުނު 16 މެޗުން 40 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ބާސާއަށް 18 މެޗުން ލިބިފައިވަނީ 38 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ސެވިއްޔާއަށް 17 މެޗުން 36 ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތް އެތުލެޓިކޯއަށް 18 މެޗުން ލިބިފައިވަނީ 34 ޕޮއިންޓެވެ.