ފަނޑިޔާރުންނަށް އަމާޒުކޮށްގެން، ޝަރީޢަތާއި ޤާނޫނުގެ އައު ބުރެއް ޑިޕާޓްމަންޓް އޮފް ޖޫޑީޝަލް އެޑްމިނިސްޓްރޭޝަނުން ފަށައިފި އެވެ.

އެ ޑިޕާޓްމަންޓުން ބުނި ގޮތުގައި 30 މެޖިސްޓްރޭޓުން ބައިވެރިވާ، އެ ކޯސް ކުރިއަށްދާނީ ކުއްލިއްޔަތުލް ދިރާސާތިލް އިސްލާމިއްޔާގަ އެވެ.

މިއީ ފަނޑިޔާރުންނަށް އަމާޒުކޮށްގެން ހިންގާ ޝަރީޢަތާއި ޤާނޫނުގެ ތިން ވަނަ ބުރެވެ. މީގެ ކުރިން ކުއްލިއްޔަތުލް ދިރާސާތިލް އިސްލާމިއްޔާގައި ހިންގި ކޯހުގައި 26 ބޭފުޅަކު ބައިވެރިވި ކަމަށް ވެސް އެ ޑިޕާޓްމަންޓުން ބުންޏެވެ. އަދި ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގައި މެޖިސްޓްރޭޓުންނަށް ހިންގާ ޝަރީޢަތާއި ޤާނޫނުގެ ޑިޕްލޮމާ ކޯސް ވެސް މި އަހަރު ތެރޭ ނިމޭނެ ކަމަށް ވެސް ބުންޏެވެ.

ފަނޑިޔާރުންގެ ޢިލްމީ ފެންވަރު މަތިކުރުމަކީ ޤައުމީ ތަރައްޤީގެ އޮނިގަނޑުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ކަމެކެވެ.