އިސްކަންދަރު މަގުގައި ހުންނަ ޔުނިމެކްސް މޯލްޑިވްސްގެ އޮފީހުން ރޭ ވަގަށް ނެގި ތިން ލައްކައަށް ވުރެ ގިނަ ރުފިޔާގެ ތެރެއިން، ދެލައްކައަށް ވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައި، މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލައި އެތަނުން 353،000 ރުފިޔާއަށް ވުރެ ގިނަ ފައިސާ ވަގަށް ނެގި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނު 10:00 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ މައްސަލަ ހުށަހެޅުނުތާ މާ ގިނައިރުތަކެއް ނުވަނީސް، ގެއްލުނު ފައިސާގެ ތެރެއިން ދެލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށެވެ.

އަދި އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހަކު، މިއަދު ހެނދުނު 11:00 އެހައިކަންހާއިރު، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ، ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ މީހެއް ކަމަށެވެ.

ވަގަށް ނެގި ފައިސާގެ ބޮޑު ބައެއް މިހާރު ހޯދާފައިވާ އިރު، ފުލުހުން ބުނީ ޔުނިމެކްސް މޯލްޑިވްސްއާ ގުޅިގެން، ބާކީ ހުރި ފައިސާ އަދި ތުހުމަތުކުރެވޭ އިތުރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފުލުހުން ވަނީ، އޮފީސްތަކާއި ފިހާރަތަކުގައި ގިނަ އަދަދުން ފައިސާ ބެހެއްޓުމުގެ ބަދަލުގައި ކޮންމެ ދުވަހަކުވެސް ބޭންކަށް ފައިސާ ޖަމާކުރުމަށް އިސްކަން ދިނުމަށާއި، ތަންތަނުގެ ސެކިއުރިޓީ ހަރުދަނާ ކުރުމަށް އިލްތިމާސް ކޮށްފައެވެ.