ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ހިނގައި ދިޔަ އަލިފާނުގެ ހާދިސާތަކުގައި ފަސް ގެއަށް ލިބުނު ގެއްލުން އެކަނި ވެސް 8.6 މިލިއަން ރުފިޔާއަށް އަރަ އެވެ. އެފަރާތްތަކަށް އެހީވުމަށް ހަތަރު މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އަލިފާނުގެ ހާދިސާތަކުން މިހާ ބޮޑު ގެއްލުމެއްވަމުންދާއިރު އަލިފާނުގެ ގިނަ ހާދިސާތައް ހިނގަމުން ދަނީ ފަރުވާކުޑަކަމުންކަން ފާހަގަވެ އެވެ.

ކަރަންޓް ލުމުގައި ހަދާ މަކަރު!

ގެތަކަށް ކަރަންޓް ލައިދެނީ އެނާޖީ އޮތޯރިޓީ އިން ހަދާފައިވާ އުސޫލެއްގެ ދަށުންނެވެ. ކަރަންޓް ވައިރިކުރުމުގެ މަސައްކަތް ކުރަންޖެހެނީ ހުއްދަ ދީފައިވާ އިލެކްޓްރީޝަނެކެވެ. އެއަށް ފަހު ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެނީ ސްޓެލްކޯ އިން ޓެސްޓްތައް ކުރުމަށްފަހު އެވެ.

އެއުސޫލް އެގޮތަށް އޮތް ނަމަވެސް އިލެކްޓްރީޝަނުން މައުލޫމާތުދޭ ގޮތުގައި ވެރިރަށް މާލޭގެ ގިނަ ގޭގެއަށް ބަލާއިރު ކަރަންޓު ލުމުގައި މަކަރު ހަދަ އެވެ. އެގޮތުން ހަރަދު ކުޑަކުރުމަށް ޓަކައި އެނާޖީ އޮތޯރިޓީން ހުއްދަދީފައިވާ މިންގަނޑާ ހިލާފަށް ވައިރުކުރާ ކަމަށް އެފަރާތްތަކުން ބުނެ އެވެ.

"2.5 ނަރުން މި ސޮކެޓް އަޅަނީ 13 އެމްޕިޔަރުގެ ސޮކެޓް އޭގެން ގަވައިދުގެ ދަށުން އެޅޭނީ ދެ ސޮކެޓް، އެކަމަކު ސުޓެލްކޯ މީހުން އަންނައިރުގައި ދެ ސޮކެޓް ފެންނަން އިންކަމުގައި ވީ ނަމަވެސް އެއަށް ލޫޕެއް ޖަހައިގެން އިތުރު ސޮކެޓްތަކެއް ނެގޭގޮތަށް [ހަދާފައި ހުންނަނީ]،" އިލެކްޓްރީޝަނެއް ކަމަށްވާ އަބްދުލް ހަމީދު އާދަމް ބުންޏެވެ.

ނަރުގެ ހަރަދު ކުޑަކުރުމަށް ގޭވެރިފަރާތުން އެގޮތަށް ގެންނަ ބަދަލުތަކުގެ ސަބަބުންނާއި ފޭކް ސާމާނު ބޭނުންކޮށްގެން ވައިރުކުރުމުގެ ސަބަބުން އަލިފާނުގެ ހާދިސާތައް ހިނގުމަށް މަގުފަހިވާ ކަމަށް އިލެކްޓީޝަނުން ބުނެ އެވެ.

"ލޫސް ކަނެކްޝަންގެ ސަބަބުން އަސްލު މިދިމާވަނީ، އެއެއްޗަކަށް ބޭނުންވާ އެކަށީގެންވާ ލޯޑް އެތަނަކުން ހިފާލީމަ އެތަނުން ލޫސްވާ ކަމުގައިވާ ނަމަ އެތަނުން ސުޕާކްކުރަނީ، ސްޕާކްކޮށްގެން އަސްލު އެތަނުގައި އަލިފާނުގެ ހާދިސާ ހިންގަނީ، އެއާއެކު އެއާ ނުގުޅޭ ނަރު ބޭނުންކޮށްގެން އެއާ ނުގުޅޭ އެއްޗެތި ބޭނުންކުރަން ފެށީމާ އެނަރަށް ބާރުބޮޑުވެގެން ނަރުބަޑި ޖަހައިގެން އަލިފާން ހިފާގޮތް މިވަނީ،" ހަމީދު ބުންޏެވެ.

ފަރުވާ ކުޑަ އަމަލުތައް!

ގަވައިދާ ހިލާފަށް ކަރަންޓަށް ގެންނަ ބަދަލުތަކުގެ އިތުރުން އާންމު ދިރިއުޅުމުގައި ހެދޭ ބައެއް ގޯސްތަކަކީ ވެސް އަލިފާނުގެ ހާދިސާ ހިންގަން މެދުވެރިވާ ސަބަބެވެ. ކައްކާ ގޭސް ބޭނުންކުރުމުގައި ސަމާލުވުނުމާއި ގޭސް އުނދުނަށް ސަމާލުކަން ނުދިނުމަކީ ވެސް އަލިފާނުގެ ހާދިސާ ހިންގާ ސަބަބެވެ.

ސިފައިން މައުލޫމާތުދޭ ގޮތުގައި އަލިފާނުގެ ބޮޑެތި ހާދިސާތައް ފަހަކަށް އައިސް ހިނގަމުން މިދަނީ އަލިފާނަށް މީހުން އަހުލުވެރިވެފައި ހުންނަ މިންވަރު ކުޑަވުމުގެ ސަބަބުންނެވެ. އެކަމަށް މީހުންގެ ހޭލުންތެރިކަން ވެސް ކުޑައީ އެވެ. އަދި ހަމަ އެހެންމެ ފަރުވާ ވެސް ކުޑައީ އެވެ.

ގޭބިސީ ހުންނަ ގޮތް!

ރާއްޖޭގެ މަދު ގޭބިސީއެއްގައި ނޫނީ އަލިފާން ނިއްވާލެވޭނެ ވަސީލަތެއް ނުހުރެ އެވެ. ހަމައެއާ އެކު ރައްކާތެރިކަމާ އެކު ގެއިން ނުކުތުމަށް "ފަޔާ އެކްޒިޓެއް" ވެސް ނުހުރެ އެވެ. އެއްގެ އަނެއްގެޔާ ޖެހިގެން އިމާރާތްކޮށްފައި ހުންނަ ހުރުމަކީ އަލިފާންގަނޑު ފެތުރެން އޮތް ބޮޑު ފުރުސަތެކެވެ.

އިންޝުއަރެންސް ސުކީމް!

އިސްވެ ފާހަގަކުރި ސަބަބުތަކާ އެކު ލިބޭ ގެއްލުން އިންތިހާއަށް ބޮޑެވެ. އެކަން ހައްލު ކުރުމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރާއި އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކަފުލް ގުޅިގެން ވަނީ "ކާރިސާ ތަކަފުލް"ގެ ނަމުގައި އިންޝުއަރަންސް ޕެކޭޖެއް ތައާރަފްކޮށްފަ އެވެ. އެއީ މިފަދަ ހާދިސާތަކުން ލިބޭ ގެއްލުން ފޫބައްދައިދިނުމަށެވެ.

"ކާރިސާގެ ހާލަތުގައި ޓޯޓަލް ކަވަރޭޖް ލިބޭނެ، ގޭގައި ހުރި ފަރުނީޗަރު އިންޝުއާ ކުރުމާ އެކު އެފަރުނީޗަރު ގެނެސް ގޭ އާރާސްތު ކުރުމަށް ގެއިން ނުކުންނަން ޖެހުނު ނަމަވެސް މި އިންޝުއަރެންސް ސުކީމުން އެބައި ވެސް ކަވަރުކުރާނެ،" ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ޕުރޮޖެކްޓް މެނޭޖާ އުމަރު ފިކްރީ ވިދާޅުވި އެވެ.

އަޔާދީ ތަކަފުލްގެ އޮފިޝަލް ވިދާޅުވީ އެ ޕްރޮޑަކްޓް ބެހިގެންވަނީ މައިގަނޑު ތިން ބަޔަކަށް ކަމަށެވެ. އެއީ އަމިއްލަ ގެދޮރުގައި ދިރިއުޅޭ ފަރާތްތަކުގެ ގެދޮރަށް ނުވަތަ އިމާރާތަށްވާ ގެއްލުމާއި އިމާރާތުގައި ހުންނަ ހުރިހާ ތަކެއްޗަށްވާ ގެއްލުމާއި ކުއްޔަށް އުޅޭ ފަރާތްތަކަށް ހާއްސަކޮށް އިންނަ ބަޔަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ސިފައިން ތައްޔާރު!

އަލިފާން ނިއްވުމަށް ބޭނުންކުރުމަށް އެތައް ވެހިކަލެއް ސިފައިން ގެންގުޅެ އެވެ. އެ ވެހިކަލްތަކުގެ ތެރޭގައި ހަ ޓަނުގެ ފެން ރައްކާކުރެވޭ އަދި 500 ލީޓަރުގެ ފޯމު ރައްކާކުރެވޭ ވެހިކަލްތައް ހިމެނެ އެވެ. އޭގެ ތެރޭގައި ބޮޑު ޓުރެއިލާއެއް ހަރުކޮށްފައިވާ ވެހިކަލަކާއި ރެޕިޑް އިންޓަވެންޝަން ވެހިކަލް (އާރުއައިވީ) އެއްވެސް ހިމެނެ އެވެ. ސިފައިން މައުލޫމާތުދޭ ގޮތުގައި ހާދިސާތަކުން ރައްޔިތުން ސަލާމަތް ކުރުމަށް ތައްޔާރެވެ.

މިފަދަ ހާދިސާތައް އާންމުވެ ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް ސަމާލުކަން ދޭންޖެހެ އެވެ. ކަރަންޓު ވައިރުކުރުމުގައި ހުއްދަދީފައިވާ މިންގަނޑަށް އަމަލުކުރަންޖެހެ އެވެ. ހަމައެއާ އެކު ކަރަންޓާއި އަލިފާން ބޭނުންކުރުމުގައި ސަމާލުވާންޖެހެ އެވެ.

ގޭބިސީތަކުގައި އަލިފާން ނިވި ބެހެއްޓުމާއި އަލިފާނުގެ ހާދިސާތައް ހިނގުމުން ގޭތަކުން ފަސޭހައިން ނުކުމެވޭނެ ގޮތްތަކަކަށް ގެތައް އިމާރާތްކުރަންޖެހެ އެވެ. ހަމައެއާ އެކު ފަޔާ އެލާމާއި އަމިއްލަ ޒާތުގައި އަލިފާން ނިއްވާ ޒާތުގެ ވަސީލަތްތައް އިމާރާތްތަކުގައި ހަރުކުރަންޖެހެ އެވެ.