އެމްޑީޕީ ރައީސަކު ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގައި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ސޯލިހު ]އިބޫ[ ހޮވައިފި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ހުޅުހެންވޭރު ދާއިރާގެ މެންބަރު ]ރީކޯ[ މޫސާ މަނިކު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވެފައިވާ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ކަމުގެ މަގާމަށް ބޭފުޅަކު ހޮވުމަށް މިއަދު އެ ޕާޓީގެ އޮފީހުގައި ބޭއްވި ބައި އިލެކްޝަނުގައި އެ މަގާމަށް ހަމައެކަނި ކުރިމަތިލެއްވި އިބޫ އެ މަގާމު ކާމިޔާބު ކުރެއްވީ ވޯޓު ލެއްވި 32 މެމްބަރުންގެ ތެރެއިން 30 މެމްބަރުން ވޯޓުދެއްވައިގެންނެވެ.

ދެ ވޯޓު ވަނީ ބާތިލް ވެފަ އެވެ.

ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރަކު ހޮވުމަށް މިއަދު ބޭއްވި އިލެކްޝަނުގައި ހާޒިރުވެ ވަޑައިނުގަންނަވަނީ ނޮޅިވަރަމް ދާއިރާގެ މެންބަރު (ކާނަލް) މުހައްމަދު ނަޝީދާއި، މަރަދޫ ދާއިރާގެ މެންބަރު ހަސަން އާދިލެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރަށް ހޮވުމާ ގުޅިގެން އިބޫ ވިދާޅުވި ކުރިއަށް އޮތް ތަނުގައި މަޖިލިސް ތެރޭ އެމްޑީޕީގެ 34 މެމްބަރުންނާ އެކު މަސައްކަތް ކުރައްވާނީ ޕާޓީގެ މެނިފެސްޓޯ އާ އެއްގޮތަށް ކަންތައްތަ ކުރެއްވުމަށް ކަމަށެވެ. އަދި ޕާލިމެންޓްރީ ގުރޫޕް ހިންގުމުގައި ގަވާއިދު އިސްލާހުކޮށް ހަރުދަނާ އުސޫލެއްގެ މަތިން ޕާޓީގެ މެމްބަރުން މަޖިލީހުގައި ވޯޓު ދިނުމުގައި ކަންތައް ކުރާނެ ގޮތެއް ރާވަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ކުރިއެކޭ ވެސް އެއްގޮތަށް ކަންތައްތައް ނިންމުމުގައި މަސައްކަތް ކުރައްވަމުން ގެންދަވާނީ ޕާޓީގެ ސިޔާސަތުގައި ޕާޓީގެ މެނިފެސްޓޯ ތަންފީޒު ކުރަން ކަމުގައި އިބޫ ވިދާޅުވި އެވެ.

"މިވަގުތު އަޅުގަނޑުމެން ޕާލިމެންޓްރީ ގުރޫޕްގެ ފަރާތުން މި ގަބޫލު ކުރަނީ އަޅުގަނޑުމެން އެކީގައި މަސައްކަތް ކޮށް، މަސައްކަތްތައް މަޖިލީހުގައި ހަލުއިކޮށް މިއަށް ވުރެ ރަނގަޅު ނަތީޖާ އެއް ނެރެން ޖެހިފައިވާ ކަމަށް،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ މަޖިލީހުގެ ތެރެއިންނާއި ޕާޓީގެ ތެރޭގައި ހުރި ކަންތައްތައް ހަރުދަނާ ކުރެއްވުމަށް ކުރައްވާ މަސައްކަތްތަކުގައި ކުރީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މޫސާ މަނިކުގެ ލަފާ ހޯއްދަވަމުން ގެންދަވާނެ ކަމަށެވެ.
ކުރީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު ރީކޯ މޫސާ މަނިކު މިއަދު ވިދާޅުވީ ކުރިއެކޭ ވެސް އެއްގޮތަށް ޕާޓީ ތެރޭ މަސައްކަތް ކުރުމުގައި އިބޫ އަށް ފުރިހަމަ އެއްބާރުލުން ޕާޓީގެ މެމްބަރުންގެ ފަރާތުން ދެއްވާނެ ކަމަށެވެ. އަދި ޕާޓީގެ ތެރެއިން ޕާލިމެންޓްރީ ގުރޫޕަށް ދެއްވަން ޖެހޭ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީން ކަން ވެސް މޫސަ ދެއްވި އެވެ.