14 Jan 2017, 15:20
މި ޖަނަވަރީ މަހުގެ 20 ވަނަ ދުވަހު އެމެރިކާގެ ރައީސް ކަމާ، ޑޮނަލްޑް ޓްރަމްޕް ހަވާލުވެ ވަޑައިގަންނަވާއިރު އޭނާއާއި އެމެރިކާގެ އެންމެ ބާރުގަދަ އެއްމުއައްސަސާކަމަށްވާ ޖާސޫސީ އިދާރާތަކާ އަދި ރަސްމީ ނިޒާމާ މިވަނީ ވަރަށް ބޮޑަށް ޖެހިފައެވެ.
ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އެމެރިކާގެ ޖާސޫސީ އިދާރާތަކުން ވަނީ އެމެރިކާގައި އެންމެފަހުން ބޭއްވި ރިޔާސީ އިންތިޚާބަށް، ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕޫޓިން އަމުރު ކުރައްވައިގެން ރަޝިޔާގެ ރަސްމީ ފަރާތްތަކުން ބާރާއި ނުފޫޒު ހިންގިކަން ސާބިތުވާކަމަށް ބުނެ ރިޕޯޓެއް ނެރެފައެވެ. އަދި އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމުގައި ރަޝިޔާގެ ނުފޫޒުގެ އަސަރު ބޮޑުކަންވެސް އެމެރިކާގެ ޖާސޫސީ އިދާރާތަކުން ނެރުނު ރިޕޯޓްގައި ބަޔާންކޮށްފައިވެއެވެ. މިއީ އެމެރިކާގެ ޖާސޫސީ އިދާރާތަކުން ޓްރަމްޕަށް ކުރި އިހާނާތެއްކަމަށް އޭނާގެ ސަޕޯޓަރުން ދެކެއެވެ.
ޓްރަމްޕްވަނީ މިކަން ދޮގުކުރައްވައި އެމެރިކާގެ ޖާސޫސީ އިދާރާތަކަށް ފާޑުވިދާޅުވެފައެވެ. އެމެރިކާގެ ލޮބީ ގްރޫޕްތަކާއި ބާރުގަދަ ކުންފުނިތަކާއި މުއްސަނދިންގެ ނުފީޒު ހިނގާ އެމެރިކާގެ މީޑިޔާއިންވެސް ގެންދަނީ ޓްރަމްޕާ ދެކޮޅަށް ބަހުގެ ހަމަލާތައްދީ އެކިބާވަތުގެ ޕްރޮޕަގެންޑާތައް ފަތުރަމުންނެވެ.
އިނގިރޭސިވިލާތުގައި ނުކުންނަ ގާޑިޔަން ނޫހާއި އެމެރިކާގެ ނުފޫޒު ގަދަ ނޫހެއްކަމަށްވާ ވޯލްސްޓްރީޓް ޖާނަލް އިން އިއްޔެ ބުނެފައިވަނީ، 2013 ވަނަ އަހަރު ޓްރަމްޕް ރަޝިޔާގެ ވެރިރަށް މޮސްކޯއަށް ކުރެއްވި ދަތުރުފުޅެއްގައި، ޓްރަމްޕް ހުންނެވި ހޮޓަލުގައި ކަސްބީ އަންހެނުން ތަކަކާ އެކު ޓްރަމްޕް ހިންގެވިކަމަށްބުނާ ބަދުއަޚްލާގީ އަމަލުތަކާއި ޖިންސީ ގުޅުންތަކުގެ ވީޑިއޯތައް ލީކުކޮށްލީ އެމެރިކާގެ ޖާސޫސީ އިދާރާތަކާ ގުޅުން އޮންނަ އިނގިރޭސިވިލާތުގެ ކުރީގެ ޖާސޫސީ އޮފްސަރެއްކަމަށްވާ ކްރިސްޓޮފަރ ސްޓީލް ކަމުގައެވެ.
ސްޓީލް ވަނީ ޓްރަމްޕްގެ ބަދުއަޚްލާގީ ހަރަކާތްތަކާބެހޭ މިޓޭޕް، ރަޝިއާގެ ޖާސޫސީ އިދާރާތަކަށް ލިބިފައިވާ ކަމަށާއި، އެއީ ޓްރަމްޕް ބްލެކްމެއިލް ކުރަން ބޭނުން ކުރެވިދާނެ މައުލޫމާތުތައް ކަމަށް ބުނެފައެވެ. މިވީޑީޔޯގައި ކަސްބީ އަންހެނުންނާއެކު ޓްރަމްޕް ހިންގަވާފައިވާ އެކިބާވަތުގެ ހުތުރު ޖިންސީ ހަރަކާތްތައް ހިމެނޭކަމަށްވާއިރު ރަޝިޔާގެ އެފަދަ ހޮޓަލެއްގައި އެގައުމުގެ ޖާސޫސީ އިދާރާއިން ޖާސޫސީ ކެމެރާތައް ހަރުކޮށްފައި ހުންނާނެކަން ޓްރަމްޕަށް އެނގިވަޑައި ނުގަންނަވާކަން ސްޓީލް ހާމަކޮށްފައިވެއެވެ.
ރަޝިޔާގެ ޖާސޫސީ އިދާރާ (ކޭޖީބީ) އަކީ ރަހުމެއް ނެތި އެ އިދާރާއަށް ބޭނުންވާ ކޮންމެ މީހަކު މަރާލުގެ ތާރީޚެއް އޮންނަ އިދާރާއެއް ކަމަށާއި ކޭޖީބީން އޭނާ މަރާލަފާނެތީ އެކަމުގެ ބިރަށް ފިލައިގެން އުޅޭވާހަކަވެސް ސްޓީލް ހާމަކޮށްފައިވެއެވެ.

އެމެރިކާގެ ޖާސޫސީ މަރުކަޒީ އިދާރާގެ އޮފީސްތައް
ޓްރަމްޕްގެ ޓީމުންވަނީ ސްޓީލް ލީކުކޮށްލި ކަމަށްބުނާ މިވާހަކަތައް މުޅިން ދޮގުކޮށްފައެވެ. މިއީ ޓްރަމްޕްގެ އަގުވައްޓާލުމަށް ބަޔަކު ގަސްދުގައި ފަތުރާލި ވާހަކައެއްކަމަށާއި ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ އެފެންވަރުގެ ހޮޓާތަކުގައި ޖާސޫސީ ކެމެރާތައް ހަރުކޮށްފައި ހުންނާނެކަން ޓްރަމްޕަށް އެނގިވަޑައިގަންނަވާކަންވެސް ޓްރަމްޕްގެ ޓީމުން ބުނެފައިވެއެވެ.
މިއީ އެމެރިކާގެ ޖާސޫސީ އިދާރާތަކުން ބޭޒާރުކޮށްލި ވާހަކަތަކެއް ކަމަށް ނުބުނި ނަމަވެސް ޓްރަމްޕްގެ ޓީމުންވަނީ އެމެރިކާގެ ޖާސޫސީ އިދާރާތަކަކީ ޓްރަމްޕަށް އެއްވެސް ކުލުނެއް ލޯތްބެއްނެތް އިދާރާތަކެއްކަމަށާއި އެ އިދާރާތައް އޯވަރހޯލް ކުރަންޖެހިފައިވާކަމަށް ބުނެ އެއިދާރާތަކުގެ އިސްވެރިންނަށް ނުސީސާގޮތެއްގައި އިންޒާރު ދީފައެވެ.
ޓްރަމްޕަކީ ކަސްބީ އަންހެނުންނާއެކު މި ފަދަ ބަދުއަޚްލާގީ އަމަލުތަކެއް ހިންގަވާފާނެ ބޭފުޅެއްކަމަށްވުމީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން މިއީ ހަގީގަތަކަށްވެސް ވެދާނެއެވެ. ޓްރަމްޕްގެ ޓީމުންވެސް 2013 ވަނަ އަހަރު ޓްރަމްޕް ރަޝިޔާއަށް ކުރެއްވި ދަތުރުފުޅުގައި އެފަދަ އަމަލުތަކެއް ނުހިންގަވާކަމަށް ސީދާގޮތެއްގައި ބުނެފައެއް ނެތެވެ.
ޓްރަމްޕަކީ މީގެ ފަސްވަރަކަށް އަހަރު ކުރިން އެމެރިކާގެ ވެރިކަމަށް ވަޑައިގެންނެވުމުގެ އެއްވެސް ވިސްނުންފުޅެއް ގެންގުޅުއްވި ބޭފުޅެއްނޫނެވެ. އޭނާއަކީ އެއްވަނަ ދަރަޖައިގެ ވިޔަފާރިވެރިއެކެވެ. ލަގްޒަރީ ހޮޓާތަކުގައާއި ރެސޯޓްތަކުގައި ރީތި އަދި ޒުވާން ކަސްބީ އަންހެނުންނާއެކު ބަދުއަޚްލާގީ އަމަލުތައް ހިންގުމަކީ ޓްރަމްޕް ފަދަ މުއްސަނދި ގިނަ މަހުޖަނުންގެ އަމަލުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. އެއީ އެމީހުންގެ މުނި ފޫހި ފިލުވުމުގެ ބައެއްކަން ނޭނގޭ މީހަކު މަދުވާނެއެވެ.
އަނެއްކޮޅުން މިދިޔަ ހަފްތާގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ވަދާއީ ޚިތާބުގައި ޓްރަމްޕާ މުޚާތަބު ކުރައްވައި ހެޔޮ އެއްވެސް ބަސްފުޅެއް ވިދާޅުވެފައިނުވާއިރު އޮބާމާ ވަނީ ޓްރަމްޕަށް އަމާޒުކޮށް ބަހުގެ ނުސީދާ ހަމަލާތަކެއްވެސް ދެއްވާފައެވެ.

ޕޫޓިން
އޮބާމާގެ ވަދާއީ ޚިތާބުގައި އެމެރިކާގައި އިތުރުވަމުންދާ ހައްދު ފަހަނަޅާފައިވާ ގައުމީ ފިކުރާއި ނަސްލީ އިމްތިޔާޒުގެ ފިކުރުތަކުގެ ސަބަބުން އެމެރިކާގެ ޑިމޮކްރަސީ ނުރައްކަލުގެ ތެރޭގައިވާ ކަމަށް ވިދާޅުވި ވިދާޅުވުމަކީ ޓްރަމްޕަށް އަމާޒުކޮށް ދެއްކެވި ވާހަކަތަކެއްކަމަށްވަނީ ބެލެވިފައެވެ.
އަނެއްކޮޅުން އެމެރިކާގެ އެތެރެއާއި ބޭރުގެ ކަންކަމާމެދު ޓްރަމްޕްގެ ފިކުރު ހުރީ އެމެރިކާގެ ރަސްމީ މުއައްސަސާތަކުގެ ފިކުރާ ވަރަށް ތަފާތު ގޮތަކަށެވެ. ދުނިޔޭގެ ކަންކަމުގެ ތެރެއަށް އަތްބާނައިގެން ހަނގުރާމައާއި ތަޅާފޮޅުންތައް އުފައްދުމަށް އެމެރިކާ ގެންގުޅޭ ސިޔާސަތުތަކަކީ ޓްރަމްޕްގެ ނަޒަރުގައި ބޭކާރު އަދި ގެއްލުން ބޮޑު ސިޔާސަތުތަކެކެވެ.
ދުނިޔޭގެ ގައުމުތަކަށް ހަންފެތުރުމަށްޓަކައި އެކިގައުމުތަކުގައި އެމެރިކާ އަސްކަރީ ބޭސްތައް ބިނާކޮށް އެމެރިކާ ސިފައިންގެ އެތަށް ހާސްބަޔަކު އެގައުމު ތަކުގައި ބޭތިއްބުމަށް އެމެރިކާ ގެންގުޅޭ ސިޔާސަތުތަކަކީވެސް ބޭކާރު އަދި ގެއްލުން ބޮޑު ސިޔާސަތުތަކެއް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
މިގޮތުން އެމެރިކާއިން ސައޫދީ އަރަބިޔާއާއި ގަލްފުގެ އަރަބި ގައުމުތަކުގެ ރަސްކަމުގެ ނިޒާމުތަކާއި ޝާހީ އާއިލާތައް ހިމާޔަތް ކުރާނަމަ އެގައުމުތަކުން އެމެރިކާއަށް ފައިސާގެ އެހީތައް ދޭންޖެނޭކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ހަމަމިގޮތަށް ޖަޕާނާއި ދެކުނު ކޮރެޔާއާއި ޖަރުމަނުފަދަ ގައުމުތަކުގެ ހިމާޔަތުގައިވެސް އެމެރިކާގެ ސިފައިން ބޭތިއްބޭނީ ހިލޭނޫންކަމާއި ފައިސާދިނުމުންކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ޓްރަމްޕް ވިދާޅުވެފައިވާގޮތުން އޭނާގެ ސިޔާސަތުތައް ބައްޓަންކުރާނީ މައިގަނޑު ގޮތެއްގައި އެމެރިކާގެ އެތެރެ ބިނާކުރުމަށެވެ. އެމެރިކާ އިތުރަށް ވަރުގަދަ ކުރުމަށެވެ. ޒަމާންވެ ބައުވެފައިވާ އެމެރިކާގެ އިންފްރާސްޓްރަކްޗަރ އަލުން އައުކޮށް އެމެރިކާގެ އިގްތިސާދު އިތުރަށް ވަރުގަދަކޮށް އެމެރިކާގެ ފަގީރުންނާއި ޒުވާނުންނާއި މެދުފަންތީގެ މީހުންނަށް ވަޒީފާގެ ފުރްސަތުތައް އިތުރު ކުރުމަށެވެ.
ޓްރަމްޕްގެ މިސިޔާސަތުތަކަކީ އެމެރިކާގެ މުއްސަނދިންނާއި މިކަންކަމުން ފައިދާ ލިބޭ ކުންފުނިތައް ރުހޭނެ ކަމެއްނޫނެވެ. އެމެރިކާއިން ގައުމުތަކުގައި ހަނގުރާމަ ނުއުފައްދާނަމަ އަދި އެމެރިކާ އަޑީގައި އޮވެގެން ޓެރަރިސްޓް ޖަމާއަތްތައް އުފައްދައި އެއްގައުމު އަނެއް ގައުމާ ޖައްސައި ހަސަދަކުރުވުމުގެ ސިޔާސަތުތައް އެމެރިކާ ނުގެންގުޅޭނަމަ ދުނިޔޭގެ ގައުމުތަކަށް ހަތިޔާރު ވިއްކޭނެ ގޮތެއް އެމެރިކާއަކަށް ނޯންނާނެއެވެ.
ހަތިޔާރު ނުވިއްކޭނަމަ އެމެރިކާގެ ހަތިޔާރުގެ ކާރުޚާނާތައް ބަންދުކުރަންޖެހި އެމެރިކާގެ އިގްތިސާދު ބަލިކަށިވެ އެމެރިކާގެ ކުންފުނިތަކާއި ބޭންކްތައް ބަނގުރޫޓްވެ މުއްސަނދިންގެ މުއްސަނދިކަން ގެއްލިގެންދާނެއެވެ. މިއީ ޓްރަމްޕްގެ ސިޔާސަތުތަކުގެ ސަބަބުން ވާކަމެއްނަމަ އެމެރިކާގެ ޖާސޫސީ އިދާރާތަކާއި ކުންފުނިތައް ގުޅިގެން ޓްރަމްޕް އަވަހާރަކޮށްލުމަކީ އެއްގޮތަކަށްވެސް ދުރުކަމެއް ނޫނެވެ.

ޖޯން އެފް ކެނެޑީ
ކޮންމެ ގޮތެއްގައި ނަމަވެސް އެމެރިކާގެ ބާރާއި ނުފޫޒު ހުރި ފަރާތްތަކުގެ ކޮންޓްރޯލް ގެ ދަށުގައިވާ އެމެރިކާގެ ޖާސޫސީ އިދާރާތަކާއި ބާރުގަދަ ކުންފުނިތަކާއި އެމެރިކާގެ ރަސްމީ މުއައްސަސާތައް މިވަނީ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ޓްރަމްޕް އާ ވަރަށްބޮޑަށް ޖެހި އިތުބާރު ގެއްލިފައެވެ. އެހެންކަމުން ވެރިކަމަށް ވަޑައިގަތުމަށްފަހު މިދެންނެވި ސިޔާސަތުތައް ތަންފީޒުކުރައްވަން ޓްރަމްޕް އުޅުއްވައިފިނަމަ މިފަރާތްތަކުން ކުޅި ބަލާކަށް ނުތިބޭނެއެވެ.
އެމެރިކާގެ ކުރީގެ ރައީސެއްކަމަށްވާ ޖޯން އެފް ކެނެޑީ އަވަހާރަކޮށްލި ގޮތަށް އެފަރާތްތަކުން ސިއްރިޔާތުގައި ޓްރަމްޕް އަވަހާރަކޮށްލުމަކީ ދުރުކަމެއްނޫނެވެ. ރައީސް ކެނެޑީ އަވަހާރަކޮށްލިތާ 45 އަހަރު ވެފައިވާއިރުވެސް އޭނާ އަވަހާރަކޮށްލި ފަރާތެއް ހޯދިފައެއް ނުވެއެވެ. މިއީ މި ޖަރީމާގެ ފަހަތުގައި އެމެރިކާގެ ޖާސޫސީ އިދާރާތަކާއި ރަސްމީ ފަރާތްތައް ވާކަމުގެ ހެއްކެއްކަމަށް އެމެރިކާގެ ގިނަ ބަޔަކު މިހާރުވެސް ދެކެއެވެ.
އެމެރިކާގެ ޖާސޫސީ އިދާރާތަކުންނާއި ރަސްމީ މުއައްސަސާތަކުން ދެކެނީ ޓްރަމްޕަކީ ރަޝިޔާއަށް ދޫދީގެން ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕޫޓިންއާ ގާތްވެގެން އުޅުއްވާނެ ރައީސެއްގެ ގޮތުގައެވެ. މިއީ އެމެރިކާގެ ރަސްމީ ފަރާތްތަކާއި ނުފޫޒުގަދަ ފަރާތްތަކުން ކަނޑައަޅާފައިވާ ރަތްރޮނގު ހުރަސްކުރުމެވެ. މިރޮނގު ހުރަސްކުރުމުގެ ފުރްސަތު އެފަރާތްތަކުން ޓްރަމްޕަށް ނުދޭނެކަމީ ކުޑަވެސް ޝައްކެތް އޮތްކަމެއް ނޫނެވެ.
އެމެރިކާއަކީ އެގައުމުގެ މުއްސަދިންނާއި ކުންފުނިތަކުގެ މަސްލަހަތު ހުރިކަންކަމުގައި ޑިމޮކްރަސީއަކަށް އަދި އިންސާނީ ހައްގުތަކަށްވެސް އެއްވެސް ވަރަކަށް ބަލާ ގައުމެއްނޫނެވެ.