14 Jan 2017, 14:38
ކޮލަމްބިއާ(ޖެނުއަރީ 14): އެމެރިކާގެ ފްލޮރިޑާގެ ހޮސްޕިޓަލެއްގައި އުފަންވިތާ އެންމެ އަށް ގަޑި އިރު ފަހުން ވަގަށް ނެގި ކުއްޖަކު 18 އަހަރު ފަހުން ދިރިހުއްޓާ ފެނިއްޖެ އެވެ.
ޖުލައި 1998ގައި ނަރުހެއް ގޮތަށް ހެދުން އަޅައިގެން ހުރި އަންހެނަކު ވަނީ ފްލޮރިޑާގެ ޔުނިވާސިޓީ މެޑިކަލް ސެންޓަރުގައި އޮތް ޝަނާރާ މޮބްލީގެ ތުއްތު ދަރިފުޅު އުރާލައިގެން ގެންގޮސްފައެވެ. ކަމިޔާ މޮބްލީގެ ނަން ދީފައިވާ އެކުއްޖާ ހޯދުމަށް ކުއްޖާގެ އާއިލާ އާއި ފުލުހުން އެތައް މަސައްކަތްތަކެއް ކުރި އެވެ. ނަމަވެސް އެމަސައްކަތް ކާމިޔާބުވީ 18 އަހަރު ފަހުން ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.
ޑީއެންއޭ ޓެސްޓެއް ހެދުމުން ކަމިޔާކަން ޔަގީންވި ކުއްޖާ ފާއިތުވި 18 އަހަރު ދިރިއުޅެމުން އައީ އޭނާ ވަގަށް ނެގި، ގްލޯރިއާ ވިލިއަމްސްއާ އެކު އެއީ އޭނާގެ މަންމަ ކަމަށް ގަބޫލުކޮށްގެންނެވެ. ކަމިޔާ ވަގަށް ނެގުމުގެ ހަފްތާއެއް ކުރިން ވިލިއަމްސް ބަލިވެ އިންދާ ބައިގެންގޮސްފައިވާ ކަމަށް އެމީހުން ދިރިއުޅެމުން އައި ސައުތް ކެރޮލައިނާގެ ނޫހެއްގައިވެ އެވެ.

18 އަހަރު ވަންދެން ކަމިޔާ (ވ) ގަބޫލު ކުރީ ވިލިއަމްސް (ކ) އަކީ އެނާގެ މަންމަ ކަމަށް -- ފޮޓޯ: ފޭސްބުކް
ވިލިއަމްސްގެ އަވަށްޓެރިން ވަނީ ކަމިޔާއަކީ އޭނާގެ ކުއްޖެއް ނޫން ކަން އެނގުމުން ވަރަށް ހައިރާންވާ ކަމަށާއި، ސޯޝަލް ވޯކަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި ވިލިއަމްސް އާއި އޭނާގެ އާއިލާއަކީ ވަރަށް އާދައިގެ އާއިލާއެއް ކަމަށް ބުނެފައެވެ.
ފުލުހުން މިހާރު ވަނީ ފަންސާސް އެއް އަހަރުގެ ވިލިއަމްސް ހައްޔަރުކޮށްފައެވެ. ކުޑަކުއްޖަކު ވަގަށް ނެގިކަން ވިލިއަމްސްގެ މައްޗަށް ސާބިތުވެއްޖެ ނަމަ އޭނާ އުމުރަށް ޖަލަށް ހުކުމް ކުރުމަކީ އެކަށީގެންވާ ކަމެކެވެ.
ކަމިޔާ ފެނުމާ ގުޅިގެން އޭނާގެ މުޅި އާއިލާ ވަނީ އުފަލުން ރޮވިފައި ކަމަށާއި އަދި ކަމިޔާ ވަނީ ފޭސްޓައިމް މެދުވެރިކޮށް އޭނާގެ އަސްލު މައިންބަފައިންނާ ވާހަކަ ދައްކާފައި ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް ކަމިޔާއަށް 18 އަހަރު ފުރިފައި ވުމުން، އޭނާގެ އަސްލު އާއިލާއާ ގުޅުން ބޭއްވުމަކީ ކަމިޔާގެ ނިންމުމެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.