22 Jun 2011, 15:01
ވިހާފައި ފޫޅުދަނޑިއާ އެކު ގދ. ތިނަދޫގެ ގެއެއްގެ ގަރާޒު ތެރެއަށް އެއްލާލާފައި އޮއްވައި އިއްޔެ ފެނުނު ތުއްތު ފިރިހެން ކުއްޖާގެ މައްސަލާގައި ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް އެ އަތޮޅު ގައްދޫ ތިން މީހަކު ފުލުހުން ހައްޔަރުކުރަން އުޅުމުން ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ އެކަމަށް ހުރަސްއަޅައިފި އެވެ.
ގައްދޫ ކައުންސިލް އިދާރާގެ އޮފިޝަލެއް ކަމުގައިވާ އަބްދުﷲ އިމާދު މިއަދު ވިދާޅުވީ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ރަށު އޮފީސް ކައިރިއަށް އެއްވެ ނުރުހުން ފާޅުކުރީ، ތިނަދޫގައި އެއްލާލައިފައި އޮތް ކުޑަ ކުއްޖާގެ މައްސަލައިގެ ގައްދޫ އަތޮޅު މަދަރުސާގެ ޓީޗަރަކާއި ގައްދޫ ސިއްހީ މަރުކަޒުގައި އެޓެންޑެންޓެއްގެ ގޮތުގައި މަސައްކަތް ކުރާ އެ ރަށު އަންހެނަކާއި އެ މަރުކަޒުގެ ނަރުހެއް މިއަދު ހެނދުނު ގައްދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުކުރުމަށް ފަހު މެންދުރު އެކެއް ޖަހާއެހާކަންހާއިރު ތިނަދުއަށް ފުރަން ތައްޔާރުވުމަށް ފުލުހުން އެނގުމުން ކަމަށެވެ.
ނަމަވެސް ރައްޔިތުން އެއްވެ ނުރުހުން ފާޅުކުރަން ފެށުމުން ފުލުހުންގެ ލޯންޗް އައިސްފައިނުވާ ކަމަށާއި އެ މީހުން އެގޮތަށް ތިނަދު އަށް ގެންދިއުމަށް ރައްޔިތުންގެ ބޭނުންނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ މައްސަލައިގައި ތުހުމަތުކުރާ ގައްދޫ ސިއްހީ މަރުކަޒުގެ އެޓެންޑެންޓް މާބަނޑުނުވާކަން ރަށުގެ ރައްޔިތުން ޤަބޫލްކުރާ ކަމަށާއި މިހާރު ވެސް އޭނާ ހުރީ ޓެސްޓް ހަދަން ތައްޔާރަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެމީހުން ތިނަދުއަށް ދިޔައީ ބަލިވެގެން ޑޮކްޓަރަށް. އެކޮޅުން ޕޮލިސް ސްޓޭޝަނުން އެންގީ އިއްޔެ ތިނަދޫން ގައްދުއަށް އައި މީހުން އެ ރަށަށް ގެންދިއުމަށް. ނަމަވެސް އެއްވި މީހުން ވަނީ އެ މީހުން ރަށުގައި ބަހައްޓައިގެން އެ މައްސަލަ ތަހްޤީޤްކުރުމަށް ގޮވާލައި ނުރުހުން ފާޅުކޮށްފައި،" ޒަމާނުއްސުރެ ގުޅުން ގޯސްވެފައިވާ ގައްދުއާއި ތިނަދޫގެ މާހައުލަށް އިޝާރާތް ކުރައްވައި އިމާދު ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު، ސަބް އިންސްޕެކްޓާ އޮފް ޕޮލީސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ތިނަދޫން ތުއްތު ކުއްޖަކު ފެނުނު މައްސަލައާ ގުޅިގެން ލިބޭ މައުލޫމާތުތަކަށް ބަލައި ތަފާތު މަސައްކަތްތައް ކުރަމުން ގެންދާ ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ ތަފްސީލް އަދި ދެއްވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެއްލާލާފައި އޮއްވާ ފެނުނު އެތުއްތު ކުއްޖާގެ އެ މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހްޤީޤަށް އެއަތޮޅުގެ ހުރިހާ ފަރާތްތަކަކުން ވެސް އެއްބާރުލުން ދިނުމަށް ފުލުހުން ވަނީ ގޮވާލާފަ އެވެ.