14 Jan 2017, 11:33
ރޯމް (ޖެނުއަރީ 14): އިޓަލީގައި ހުންނަ ޗައިނާގެ ރެސްޓޯރެއްގެ ވެއިޓަރަކު ސޯޝަލް މީޑިއާގައި ޝެއާ ކުރި ފޮޓޯއަކާ ގުޅިގެން، އެރެސްޓޯރެންޓުން އިންސާނެއްގެ ފައިތިލަ ކާންދިން ކަމަށް ތުހުމަތުކޮށްފި އެވެ.
އެރެސްޓޯރެންޓުގެ ބަދިގޭގައި ނަގާފައިވާ ފޮޓޯއެއް ކަމަށް ބެލެވޭ އެފޮޓޯއިން ފެނިގެން ދަނީ ނޫކުލައިގެ ތައްޓަކަށް ލާފައިވާ ދެ ފައިތިލަހެން ހީވާ އެއްޗެކެވެ. ފޮޓޯ ޝެއާ ކުރި ވެއިޓަރު ބުނެފައި ވަނީ އެއީ ސާރިދޯޅައެއްގެ މޮއްގަނޑު ކަމަށެވެ.
ފޮޓޯއިން ފެންނަ ގޮތުގައި ފައިތިލައިގެ އެއްބައި ވަނީ ކުނިވެފަ އެވެ. ނަމަވެސް އެފޮޓޯ ޝެއާކޮށްފައި ވަނީ އެރެސްޓޯރެންޓަށް ދިޔަ ސްލޮވީނިއާގެ ކަސްޓަމަރުންތަކަކަށް އެކާންދިނުމަށް ފަހުގައި އެވެ.
އެފޮޓޯ ސޯޝަލް މީޑިއާގައި އާއްމުވުމާ ގުޅިގެން ބަޔަކު ވަނީ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފަ އެވެ. އަދި ފުލުހުން ރެސްޓޯރެންޓު ބަލާ ފާސްކުރުމުން ގާތްގަނޑަކަށް 25 ކިލޯގެ ގޮތްނޭނގޭ ބާވަތްތަކުގެ މަސް ފެނިފައިވާ ކަމަށާއި، ރެސްޓޯރެންޓުގެ ފުރިޖުތަކާއި އަވަނާއި ބިންމަތީ ހުރީ ވަރަށް ހަޑިކޮށް ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
މީގެ އިތުރުން ރެސްޓޯރެންޓުން ފެނިފައިވާ ބޮކުގެ ފަޔާއި ކަކުނީގެ މަސް ވަނީ މުއްދަތު ހަމަވެފައި ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.
ފޮރެންސިކް ޕެތޮލޮޖިސްޓެއްގެ ލަފާ ހޯދުމަށް ފަހު ފުލުހުން ވަނީ އެއީ އިންސާނެއްގެ ފައިތިލަ ކަމަށް ލަފާ ކުރެވޭ ކަމަށް ބުނެފަ އެވެ. ނަމަވެސް ފުލުހުން ދަނީ އެފޮޓޯގެ ހަގީގަތް ދެނެގަތުމަށް މަސައްކަތް ކުރަމުން ކަމަށް ފުލުހުން ބުންޏެވެ. (ޑެއިލީމެއިލް)