މެންޗަސްޓާ ޔުނައިޓެޑް އަންނަނީ މެޗަކަށް ވުރެ މެޗެއް ރަނގަޅު ކުރަމުން ކަމަށާއި ލީގް ލިބޭނެ ކަމުގެ އުންމީދު އަދިވެސް އެބައޮތް ކަމަށް އެޓީމްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ ބުނެފިއެވެ.

މިސީޒަން ފެށިގެން ޔުނައިޓެޑްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް އެޓީމް އޮތީ އެންމެ ފަހުން ކުޅުނު ނުވަ މެޗު ކާމިޔާބްކޮށް ރަނގަޅު ފޯމެއްގައެވެ. ލީގް ފެށިގެން ނެރުނު ދަށް ނަތީޖާ ތަކުގެ ސަބަބުން އެޓީމް އޮތީ ކުޅުނު 20 މެޗުން 39 ޕޮއިންޓާ އެކު ހަ ވަނައިގައެވެ. ލީގުގެ އެއްވަނައިގައި އޮތް ޗެލްސީއަށް 49 ޕޮއިންޓް ލިބުނު ނަމަވެސް ގަދަ ހަތަރު ޓީމާއި ޔުނައިޓެޑް ހުރި ފަރަގު މިހާރު ވަނީ ތިން ޕޮއިންޓަށް ކުޑަވެފައެވެ.

ބީބީސީގެ ފުޓްބޯލް ފޯކަސް ޕްރޮގްރާމަށް ދިން އެކްސްކުލޫޝިވް އިންޓަވިއުއެއްގައި ޕޮގްބާ ބުނީ ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ އެ ޓީމް އޮތީ މާ ފަހަތު ނޫން ކަމަށާއި ކުޑަ ހިތްވަރެއް ކޮށްލަނިކޮށް އެންމެ މައްޗަށް ނޭރެންވީ ސަބަބެެއް ނެތް ކަމަށެވެ.

ޔުނައިޓެޑް ކުޅުނު މެޗެއްގައި ޕޮގްބާ ބޯޅަ ފޮނުވާލަނީ --- ފޮޓޯ: އޭޕީ

"އަހަރެންނަށް އެނގޭ އެއްވަނައިގައިި އޮތް ޗެލްސީއާ 10 ޕޮއިންޓްގެ ފަރަގެއް އޮތްކަން ވެސް. ނަމަވެސް މިއީ ޕްރިމިއާ ލީގް، އެއްވެސް މީހަކަށް ނޭނގޭނެ މި ލީގްގައި ކުރިއަށް ވާނެ ގޮތެއް ބުނާކަށް. ހުރިހާ ކުޅުންތެރިން ވެސް އިނދިކޮޅު ޓީމްތަކަށް ރަނގަޅު ފައިޓެއްދިނުމަށް ތައްޔާރުވެ ތިބެން ޖެހޭނެ. އަހަރެން ގަބޫލު ކުރަނީ އަދިވެސް ލީގް ލިބޭނެ ކަމަށް،" ޕޮގްބާ ބުންޏެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި 89 މިލިއަން ޕައުންޑަށް އިޓަލީގެ ޔުވެންޓަސްއިން ޔުނައިޓެޑާ ގުޅުނު ޕޮގްބާ ވަނީ އެޓީމްގެ ކޯޗު ހޯސޭ މޮރީނިއޯއަށް ތައުރީފްކޮށް ވާހަކަ ދައްކާފައެވެ. ޕޮގްބާ ބުނީ މޮރީނިއޯގެ ފަރާތުން ވަރަށް ގިނަ ނަސޭހަތްތަށް ލިބެމުންދާ ކަމަށާއި އޭނާ އަކީ ނަމޫނާ ކޯޗެއް ކަމަށެވެ.

"އޭނާ[މޮރީނިއޯ] އަހަރެން ކައިރީ ބުނޭ އެއްވެސް މީހަކު ދައްކާވާހަކަ ގަބޫލު ނުކުރާށޭ ހަމައެކަނި ކުޅުމަށް ފޯކަސްކޮށް އަހަރެން ބޭނުން ގޮތަކަށް ކުޅޭށޭ،" ޕޮގްބާ ބުންޏެވެ.

ޕޮގްބާ ވަނީ މި ސީޒަނުގެ އެއް މެޗު ފިޔަވައި ލީގްގެ ހުރިހާ މެޗެއްގައި ކުޅެ ހަތަރު ގޯލު ކާމިޔާބުކޮށްދީ ގިނަ ގޯލުތަކެއް ޖެހުމަށް އެހީތެރިވެދީފައެވެ.