ސޮލިޑް ވޭސްޓް ނައްތާލުމާ މެދު ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ޓަކައި ރާއްޖޭގައި ހިލޭސާބަހަށް މަސައްކަތްކުރާ ދެޖަމިއްޔާއަކާއި މަޝްރޫއަކަށް ވޯލްޑް ބޭންކުން އެހީދީފި އެވެ.

ވޯލްޑް ބޭންކުން ކޮންމެ ޖަމިއްޔާ އަކަށް 10000 ޑޮލަރުގެ[ 154200 ރުފިޔާ] އެހީއެއް ދިން ޖަމިއްޔާތަކާއި، ލިވް އެންޑް ލާން އެންވަޔަރުމެންޓް އެޑިއުކޭޝަން، ނައިފަރު ޖުވެނައިލް އަދި ބްލޫ ޕީސް މޯލްޑިވްސް އެވެ.

ވޯލްޑް ބޭންކްގެ ވެބްސައިޓްގައި މި މަހުގެ 17 ވަނަ ދުވަހު ހާމަކޮށްފައިވާ ގޮތުގައި އެބޭންކުން އެ ތިން ޖަމިއްޔާ އަށް އެހީތެރިވެދީފައި ވަނީ އެ ބޭންކުގެ ސިވިލް ސޮސައިޓީ ފަންޑުންނެވެ. ސިވިލް ސޮސައިޓީ ފަންޑުގެ ބޭނުމަކީ ތަރައްގީގެ މަޝްރޫއުތަކާއި އެ މަޝްރޫއުތަކުން ނުކުންނަ ނަތީޖާތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމެވެ.
ރާއްޖޭގެ މަދަނީ ޖަމިއްޔާތަކަށް އެހީތެރިވުމަށް ވޯލްޑް ބޭންކުން ހިންގި ޕްރޮގްރާމަށް ދީފައިވާ ނަމަކީ "ކްރިއޭޓިން ޕަބްލިކް އެވާނަސް އޮން މެނޭޖިން ސޮލިޑް ވޭސްޓް އިން ދަ މޯލްޑިވްސް( ސޮލިޑް ވޭސްޓް މެނޭޖްކުރުމާ މެދު ދިވެހިރާއްޖޭގައި ހޭލުންތެރިކަން އުފެއްދުން)" މިނަމެވެ.

ލިވް އެންޑް ލާން އެންވަޔަރްމަންޓް އެޑިއުކޭޝަން މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވާ ކަންތައްތަކަކީ ކުނީގެ ބާވަތްތައް ވަކިކުރާނެ ގޮތާއި އަލުން ބޭނުން ކުރުން ފަދަ ކަންތައްތަކަށް ހޭލުންތެރިކުރުވުމަށް ޓަކައި ވީޑިއޯ ކްލިޕްތައް އުފައްދައި އާއްމުކުރުމެވެ.

ނައިފަރު ޖުވެނައިލް އިން ކުރާނެ ކަމަކީ ސޮލިޑް ވޭސްޓް މެނޭޖްމަންޓާއި މެދު ހޭލުން ތެރިކުރުވުމުގެ ކެމްޕޭންތަކެއް ޅ. ނައިފަރުގައި ހިންގުމެވެ. އެ ޖަމިއްޔާއިން މަސައްކަތް ކުރާނީ ނައިފަރުގައި ހުރި އެކިއެކި މުއައްސަސާތަކާ ގުޅިގެންނެވެ.
ބްލޫޕީސް އިން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތަކީ ސޮލިޑް ވޭސްޓް މެނޭޖްމެންޓާ ބެހޭ އަތްމަތީ ފޮތްތަކެއް އެކުލަވާލައި އަތޮޅުތަކާއި ރަށްތަކުގެ ކައުންސިލްތަކަށް ފޯރުކޮށްދިނުމެވެ.