ބުދާޕެސްޓް (ޖެނުއަރީ 14): ހަންގޭރީ އާއި ސާބިއާ ގުޅޭ ބޯޑަރު ކައިރިން ފުލުހުންނަށް ފިލަން ދުވި ރެފިއުޖީންނަށް ހަމަލާ ދިން ހަންގޭރީގެ ކެމެރާ ކުރާ އަންހެންމީހާ ތިން އަހަރުގެ ޕްރޮބޭޝަނަށް ހުކުމްކޮށްފި އެވެ.

ހަންގޭރީގެ ކޯޓަކުން ޕީޓްރާ ލަޒްލޯގެ މައްޗަށް އެހުކުމްކޮށްފައި ވަނީ 8 ސެޕްޓެމްބަރު 2015ގައި ހަންގޭރީގެ ބޯޑަރު ކައިރީ ހިނގި ހާދިސާތަކުގެ ވީޑިއޯއެއް ބެލުމަށް ފަހުގައި އެވެ.

އެވީޑިއޯ އިން ފެނިގެންދަނީ ސީރިއާގެ ފިރިހެނަކު އޭނާގެ ދަރިފުޅު އުރައިގެން ދުވެފައި ދަނިކޮށް، ލަޒްލޯ އޭނާ ފައިއަޅުވާ ވައްޓާލާ މަންޒަރާއި ދުވެފައިދާ ކުޑަ އަންހެންކުއްޖެއްގެ ފައިގައި ލަޒްލޯ ޖަހާ މަންޒަރެވެ.

ޕީޓްރާ ލަޒްލޯ ކުޑަ އަންހެންކުއްޖެއްގެ ފައިގައި ޖަހަނީ -- ފޮޓޯ: އޭއެފްޕީ

ސޯޝަލް މީޑިއާގައި އެވީޑިއޯ އާއްމުވެ، ލަޒްލޯގެ މައްޗަށް ފިޔަވަޅު އަޅަން ގިނަ ބަޔަކު ވަނީ ގޮވާލައިފަ އެވެ. އަދި މައްސަލައިގެ ޝަރީއަތުގައި އޭނާ އަށް ކޯޓަށް ހާޒިރު ނުވެވުނީ އޭނާއަށް ލިބެމުންދާ މަރުގެ އިންޒާރުތަކުގެ ސަބަބުން ކަމަށް ލަޒްލޯގެ ވަކީލުން ބުންޏެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތުގައި ބައިވެރިވެ، ލަޒްލޯ ވަނީ އޭނާ އެހަމަލާތައް ދީފައި ވަނީ އަމިއްލަ ރައްކަލަށް ކަމަށް ބުނެފަ އެވެ. ނަމަވެސް ލަޒްލޯ ދިން ހަމަލާގެ ވީޑިއޯ ބެލުމުން އޭނާ އެހަމަލާ ދިނީ އަމިއްލަ ރައްކަލަށް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ކޯޓުން ވަނީ ނިންމައިފަ އެވެ.

އެފަދަ މައްސަލައެއްގައި ގިނަ ވެގެން ދެ އަހަރުގެ ޖަލު ހުކުމް ކުރެވެން އޮތް ނަމަވެސް ކޯޓުން ނިންމީ އޭނާ ޕްރޮބޭޝަނަށް ހުކުމްކޮށް، ޕްރޮބޭޝަނުގެ ގަވާއިދުތަކާ ހިލާފުވެއްޖެ ނަމަ އޭނާ ޖަލަށްލުމަށެވެ.

ރެފިއުޖީންނަށް ދިން ހަމަލާއާ ގުޅިގެން އޭނާ މަސައްކަތް ކުރަމުންދިޔަ އެންވަންޓީވީން ވަކިކޮށްފައިވާ ލަޒްލޯ ވަނީ މައްސަލަ އިސްތިއުނާފު ކުރަން ހުށަހަޅާނެ ކަމަށް ބުނެފަ އެވެ.

ލަޒްލޯ ހަމަލާ ދިން ސީރިއާގެ ފިރިހެން މީހާ، އުސާމާ އަބްދުލް މުހްސިން މިހާރު ދިރިއުޅެނީ ސްޕެއިންގަ އެވެ. މެޑްރިޑްގެ ފުޓްބޯލް އެކަޑަމީއެއްގައި މަސައްކަތްކުރަމުންދާ އަބްދުކް މުހްސިން ދިރިއުޅެމުން ދަނީ އޭނާގެ ދެ ފިރިހެން ދަރިފުޅާ އެއްކޮށެވެ. (އިންޑިޕެންޑެންޓް)