14 Jan 2017, 08:35
ޒަމާނުންސުރެން އެންމެ މަތީ ފެންވަރެއްގައި ފުޓްބޯޅަ ޓީމުތަކާއި މުބާރާތްތަށް ކުރިއަށް ދަނީ ވެރިރަށް މާލޭގައެވެ. ނަމަވެސް ފުޓްބޯޅަ ފޯރި ގަދައީ އަތޮޅުތެރޭގައެވެ. ވާދަވެރިކަން ބޮޑު މުބާރާތްތައް މަދުން ނަމަވެސް ފެނިގެން ދަނީ އަތޮޅުތަކުންނެވެ. ރަށްރަށުގެ ޒުވާން ކުޅުންތެރިންނާއި ރައްޔިތުން ކެތްމަދުވެފައި ތިބީ ރާއްޖެގެ އެންމެ މަތީ ފަންތީގެ މުބާރާތެއްގައި ރަށު ޓީމު ކުޅޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. އެ ފުރުސަތު ލިބޭނެ ދުވަހަކަށެވެ. މިއަދު މި ވަނީ އެ ދުވަސް އައިސްފައެވެ. އެ ބަދަލާ އެކު ދިވެހި ފުޓްބޯޅަ ކިހާވަރަކަށް ބަދަލުކޮށްލާނެ ހެއްޔެވެ؟
އެފްއޭއެމެގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ވައުދަކީ މާލޭގެ ޓީމުތަކާ އެއް ހަމައެއްގައި އަތޮޅު ޓީމުތައް ކުރިއެރުވުމެވެ. މާލޭގެ ޓީމުތަކާ އެއް ހަމައެއްގައި ވާދަކުރެވޭނެ ފުރުސަތު ހޯދައި ދިނުމުގެ ވައުދެވެ. އެއީ އޭނާގެ ދައުރުގެ ބޮޑު އަމާޒެކެވެ. އެފްއޭއެމްގެ ރައީސް ކަމަށް ވަޑައިގެންނެވީ ވެސް އެ ވައުދު "ވިއްކައިގެންނެވެ".
އޮނިގަނޑަށް ގެނައި ބަދަލު
އާ ސީޒަނަށް ގެނައި އެންމެ ބޮޮޑު ބަދަލަކީ މިނިވަން ޗެމްޕިއަންޝިޕް ނުވަތަ އަތޮޅު ފުޓްބޯޅަ މުބާރާތުގެ ގަދަ ހަތަރު ޓީމަށް ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ދޭން ނިންމި ނިންމުމެވެ. އަނެއް ހަތަރު ޖާގަ ލިބޭނީ މިދިޔަ ސީޒަނުގައި ލީގުގައި ވާދަކުރި އަށް ޓީމްގެ މެދުގައި ކުޅޭ މާލޭ ލީގުގެ ގަދަ ހަތަރު ޓީމަށެވެ.
މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ ތެރެއިން: ތ. ތިމަރަފުއްޓާއި ބ. އޭދަފުށި ބައްދަލުކުރި މެޗަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ވަދެފައި ---ސަން ފައިލް ފޮޓޯ: އަފްރާހް
މި އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ކުޅޭ ގޮތަށް ވަނީ ބަދަލުތަކެއް ގެނެސް މުބާރާތް ފެށުން ވެސް އަވަސްކޮށްފައެވެ. އަންނަ މާޗު މަހުގެ 15 ވަނަ ދުވަހު ފަށަން ތާވަލްކޮށްފައި އޮތް އެ މުބާރާތް މި ފަހަރު ކުރިޔަށްދާނީ ދެ ބުރަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބުރުގައި އަތޮޅުތަކުގެ ހުރިހާ ޓީމްތަކެއް ކުޅުމަށްފަހު ޒޯނެއްގެ ޗެމްޕިއަނެއްގެ މެދުގައި ކުޅޭ ޒޯން ލީގު ބުރެވެ. ޕްރިމިއާ ލީގަށް ހޮވޭނީ ޒޯން ލީގު ބުރުގެ ގަދަ ހަތަރެކެވެ.
މީގެ ކުރިން ވެސް ދިވެހި ލީގުން ވަނީ އަތޮޅު ފުޓްބޯޅަ މުބާރާތުގެ ގަދަ ދެ ޓީމަށް ފުރުސަތު ދީފައެވެ. ނަމަވެސް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ކުރިމަތިވި ދަތިތަކާ އެކު، އެ ޓީމުތަކަށް މާގިނަ ދުވަހަކު ލީގުގައި ހިފަހައްޓައެއް ނުލެވުނެވެ. މިފަހަރު ވާނީ ކިހިނަކުން ހެއްޔެވެ؟
"ގާތްގަނޑަކަށް ހަތަރު މަހެއް ވަރު ޓީމުތައް މާލޭގައި ތިބެން ޖެހޭނެ. އަޅުގަނޑުމެން ފުދޭވަރެއްގެ ރަނގަޅު މާލީ އެހީތެރިކަމެއް އެ ޓީމުތަކަށް ފޯރުކޮށްދޭނަން." ބައްސާމު ވިދާޅުވިއެވެ.
އަތުޅޮތެރޭގެ ޓީމުތަކުގައި ރަށްރަށުގައި ވަޒީފާ އަދާކުރާ ކުޅުންތެރިން ގިނަ އަދަދަކަށް ތިބުމަކީ އެ ކުޅުންތެރިން ޓީމަށް ހުސްވެ މާލެގައި މުބާރާތް ކުޅެން ހުރުމަށް ދިމާވާނެ ވަރަށް ބޮޑު ދަތިކަމަކަށް ވާނެއެވެ.
މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލުގައި ތިމަރަފުށި ބަލިކޮށް ޗެމްޕިއަންކަން ހޯދި އޭދަފުށި: ފައިނަލް މެޗުން އޭދަފުށި މޮޅުވީ 1-0 ލަނޑުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ދެން އުފެދޭ ސުވާލަކީ އޮނިގަނޑަށް ގެނައި ބަދަލާ އެކު ފުޓްބޯޅައިގެ ފޯރި ކިހާވަރަކަށް ގަދަވާނެ ބާއެވެ؟
"މިސާލަކަށް ޕްރިމިއާ ލީގުގައި އޭދަފުށްޓާއި މާޒިޔާ ކުޅޭ މެޗަށް އޭދަފުށީ ސަޕޯޓަރުން ވަންނާނެ. އެހެންވެއްޖެނަމަ މާޒިޔާ އަށް ވެސް މަޖުބޫރުވޭ އެބަ ސަޕޯޓަރުން ގެންނަން. މި ބަދަލަކީ ފުޓްބޯޅަ ފޯރިއަށް ވަރަށް މުހިއްމު ބަދަލެއް،" ބައްސާމު ވިިދާޅުވިއެވެ.
މެޗު އަނބުރާލައި ފުޓްބޯޅައިގެ ފޯރި ގަދަކުރުމަށް ސަޕޯޓަރުންނަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ބައެކެވެ. އަތޮޅުތެރޭގެ ޓީމެއް ކުޅޭ މެޗުތަކުގައި އެ ރަށެއްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަދެ ދަނޑު ފުރާލާ މަންޒަރު މިދިޔަ އަހަރު ވަނީ ފެނިގެން ގޮސްފައެވެ. އެހެންކަމުން މާލޭގެ ޓީމުތަކަށް ވެސް އެ ޓީމުތަކުގެ ސަޕޯޓަރުން ދަނޑަށް ވައްދަން ކުރަންޖެހޭ ހުރިހާ މަސަތްކަތެއް ކުރާނެ ކަމަށް ބެލެވެއެވެ. އެ މަސަތްކަތްތަކަށް އެހީވުމަށް ވެސް އެފްއޭއެމް އޮތީ ފޫގަޅާލައިގެންނެވެ.
ފުޓްބޯޅަ ފޯރި އިތުރުކުރުމުގެ ފުރަތަމަ ތަޖުރިބާ ވަރަށް ހިތި!
ފީފާއިން 2014 ވަނަ އަހަރުތެރޭ އެކުލަވާލި އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީން ވެސް ވަނީ ފުޓްބޯޅަ ފޯރި އިތުރުކުރުމަށް މަސައްކަތްތަކެއް ކޮށްފައެވެ. އޭރު ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަންގެ އިސްނެންގެވުމާއެކު އެ ގެނައި ބަދަލުގެ ސަބަބުން ފޯރި އިތުރުވެގެންދިޔަ ތަން ފެނިގެން ގޮސްފައެއް ނުވެ އެވެ.
ނޯމަލައިޒޭޝަން ކޮމިޓީން ސަޕޯޓަރުން ފަޅުވެފައިވާ ގަލޮޅު ދަނޑަށް ވެއްދުމަށްޓަކައި ގެނައި ބަދަލަކީ ޓީމުތައް ނިސްބަތްވާ އަވަށްތަކުގެ ނަންތައް ބޭނުންކުރުމެވެ. ކޮންމެ ޓީމެއްގެ ޖާޒީ ފަހަތުގައި އެ ކްލަބެއް ނިސްބަތްވާ އަވަށުގެ ނަން ޖެހުމަށް މަޖުބޫރުކުރުވި އެވެ.
އެފްއޭއެމްގެ އެ ނިންމުމާ އެއްގޮތަށް ކްލަބުތަކުން ވެސް އޭރު އަމަލުކުރި އެވެ. ޖާޒީތަކުގެ ފަހަތުގައި އަވަށުގެ ނަން ފަވާލި އެވެ. ސަބަބަކީ އެ ޓީމުތަކުން ވެސް ބޭނުންވީ ދަނޑު ފަޅުކޮށް ނުބާއްވާ، ދަނޑަށް ސަޕޯޓަރުން ވެއްދުމަށް ކަމުގައި ވުމެވެ. ނަމަވެސް ހިތާމައަކީ އެކަމުގެ އެއްވެސް ފައިދާއެއް ނުފެނުމެވެ.

މިދިޔަ ސީޒަނުގައި މާޒިޔާއާ ދެކޮޅަށް އީގަލްސް ކުޅުނު މެޗެއްހެ ތެރެއިން: ފަހަތުން ފެންނަ ސިޑިބަރި އޮތީ ހުސްކޮށް --- ސަން ފައިލް ފޮޓޯ/ އަލީ ނަސީރު
އެ ބަދަލު އެފްއޭއެމް އިން ގެނައި އިރުވެސް، މިހާރުގެ އެ އިދާރާގެ ރައީސް ބައްސާމް އޭރުވެސް ހުންނެވީ އެފްއޭއެމްގެ މަގާމެއްގައެވެ. އޭރު ބައްސާމް ހުންނެވީ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައެވެ. ކޮންމެއަކަސް މިހާރު ބައްސާމް އެގެނުވީ ރަނގަޅު ބަދަލެކެވެ. ކަންކަމުގެ ނަތީޖާ ނުކުންނާނީ ތަޖުރިބާތަކެއް ކޮށްގެންނެވެ. އެހެންކަމުން އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތުދީގެން އެންމެ އެދެވޭ ނަތީޖާ ފެންނާނެތޯ އިންތިޒާރުކޮށްލަން އެބަޖެހެ އެވެ. ރަނގަޅު ތަޖުރިބާއެއް ކުރެވޭތޯ ބަލަން އެބަޖެހެ އެވެ.
ގޮންޖެހުންތަކާއި މެދު އެފްއޭއެމްއިން ވިސްނަން ޖެހޭ
ބޮޑު ބަދަލަކާ އެކު އާ ސީޒަން ފެށުމަށް އެފްއޭއެމް އިން އަންނަނީ ތައްޔާރުވަމުންނެވެ. ފުޓްބޯޅައަށް ގެނައި އެ ބަދަލާ އެކު ކޮންމެ ވެސް ވަރެއްގެ އުނދަގޫތަކާ މައްސަލަތަށް ނުކުންނާނެ ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުންނާއި ކޯޗުން ދިޔައީ ބުނަމުންނެވެ.
އިންޓަނޭޝަނަލް ސްޕޯޓްސް މެނޭޖްމަންޓުގެ ދާއިރާއިން މާސްޓާސް ހާސިލު ކުރައްވާފައިވާ ކުރީގެ އެންމެ މޮޅު ގޯލު ކީޕަރު އަދި މަޝްހޫރު ފުޓްބޯޅަ ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) "ސަން"އަށް ބުނީ އެފަދަ ބޮޑު ބަދަލަކާ އެކު ފުރަތަމަ ފަށައިގަންނައިރު ގިނަ މައްސަލަތަކެއް ކުރިމަތިވާނެ ކަމަށާއި އެ މައްސަލަތަށް ދެނެގަނެ ރަނގަޅު ކުރަމުން ގެންދިއުމުން އެ ބަދަލުގެ ފައިދާ އެންމެ އެދެވޭ ގޮތުގައި ފެނިގެންދާނެ ކަމަށެވެ.
"އެފްއޭއެން މި ވަނީ ވަރަށް ރަނގަޅު ޕްލެޓް ފޯމެއް ގާއިމް ކޮށްދީފައި. ދެން ޖެހޭނީ ކްލަބްތަކުން އަމިއްލައަށް ސްޓްރެޓިޖްކް ލެވަލެއްގައި މަސަތްކަތްތަކެއް ފަށަން. އެގޮތުން ކޮންމެ ކްލަބަކުން އެމީހުންގެ ދުރުރާސްތާ ޕްލޭނެއް ކަނޑައަޅައިގެން މަސަތްކަތް ކުރަން ވާނެ،" މައްޓޭ ބުންޏެވެ.
ފުޓްބޯޅައިން ރާއްޖެއަށް ފުރަތަމަ ތަށްޓެއް 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް މުބާރާތުން ހޯދި ޓީމްގެ ކެޕްޓަން އަދި ކުރީގެ ގައުމީ ޓީމްގެ އެސިސްޓެންޓް ކޯޗު އަސްއަދު އަބްދުލްޣަނީ ބުނީ އެފްއޭއެމް އިން އެ ވަނީ ރަނގަޅު ފުރުސަތެއް ހުޅުވައިދީފި ކަމަށާއި ރަނގަޅު މެކޭނިޒަމްގެ ތެރެއިން މޮނިޓަރ ކޮށްގެން ކުރިއަށް ގެންގޮސްފިނަމަ ދިވިހެ ފުޓްބޯޅަ ކުރިއަރިގެން ދާނެ ކަމީ އެއްވެސް ޝައްކެއް ހުރި ކަމެއް ނޫން ކަމަށެވެ.
އާ ބަދަލާއެކު އަންނަ މަހުގެ 16 ވަނަ ދުވަހު ފުޓްބޯޅަ ސީޒަން ފަށާނެ އެވެ. ހުރިހާ ކްލަބަކުން ވެސް އަންނަނީ ވަރަށް ފޯރީގައި ތައްޔާރުވަމުންނެވެ. އެހެން އަހަރުތަކުގައި ނުފެންނަ ވަރަށް ސަޕޯޓަރުންގެ ހަރަކާތްތަށް ވެސް މިހާރު ވަނީ ފެންނަން ފަށާފައެވެ. ފޯރިގަދަ ސީޒަނެއްގެ މަލަމަތި ފެންނަ ކަހަލައެވެ. އުންމީދު ކުރަނީ ނުވަދިހާގެ އަހަރުތަކުގައި ގަލޮޅު ދަނޑުން ފެނިގެންދިޔަ ފޯރި ސަޕޯޓަރުންގެ ފަރާތުން ފެނިގެންދާނެ ކަމަށެވެ.