ޖިނާއީ ކުށްތައް ހުށްޓުވުމަށް އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އެއްބާރުލުން ދިނުމާއި ގާނޫނީ އެހީތެރިކަން ދިނުމުގެ މުއާހަދާ (މިއުޗުއަލް ލީގަލް އެސިސްޓަންޓް އިން ކްރިމިނަލް މެޓާސް)ގައި ބައިވެރިވުމުގެ މައްސަލަ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީއަށް ފޮނުވައިފި އެވެ.

އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ޖިނާއީ މައްސަލަތަކުގައި އެއްބާރުލުން ދިނުމާއި ގާނޫނީ އެހީތެރިކަން ދިނުމުގެ މުއާހަދާގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ފޮނުއްވެވި، ކަރުދާހުގެ މައްޗަށް ބަހުސް ކުރުމަށް ފަހު މިއަދު މަޖިލީހަށް ހާޒިރުވި މެންބަރުންގެ އަޣުލަބިއްޔަތުން ނިންމާފައި ވަނީ އެ މުއާހަދާ ކޮމެޓީއަށް ފޮނުވުމަށެވެ.

މިއަދުގެ ޖަލްސާއަށް ހާޒިރުވި މެންބަރުންގެ ތެރެއިން 71 އެ މުއާހަދާ ކޮމެޓީއަށް ފޮނުވުމަށް ވޯޓް ދެއްވީ 68 މެންބަރުންނެވެ. އަދި ކޮމެޓީއަށް ފޮނުވުމަށް ނުފެންނަ ކަމަށް ވޯޓް ދެއްވީ ތިން މެންބަރުންނެވެ. އަދި ވަކިކޮޅަކަށް ވޯޓް ނުދެއްވާ އެންމެ މެންބަރަކު އިންނެވި އެވެ.

އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ޖިނާއީ މައްސަލަތަކުގައި އެއްބާރުލުން ދިނުމުގެ މުހާދާގެ 25 މާއްދާ އެކުލެވިގެން ވަނީ ކޯޓް އަމުރުތައް ތަންފީޒު ކުރުމަށް ކުށްވެރިން ހާޒިރު ކުރުމާއި ޝަރުއީ ކަންކަމުގައި ދެ ގައުމުން އެއްބާރުލުންދިނުމުގެ މައްޗަށެވެ. އެ މުއާހަދާގެ (1) މާއްދާގައިވާ ގޮތުން ޝަރީއަތްތަކަށް ބޭނުންވާ މީހުން ހޯދައި ހާޒިރުކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ބަދަލު ކުރުން ހިމެނެ އެވެ. އަދި އިންޑިއާގައި ދިވެހި ކުށްވެރިން ހޯދައި ހިފެހެއްޓުމާއި ހެކި ހޯދުމާއި ތަހުގީގުތަކުގައި ދިވެއްސަކު ބައިވެރިވެވިދާނެ ކަމަށް ބުނެފައިވެ އެވެ. އަދި އިންޑިއާ އިން އެދިއްޖެ ހާލަތެއްގައި އެ ގައުމުގެ މީހަކު ރާއްޖޭގައި ހިންގާ ތަހުގީގެއްގައި ވެސް ބައިވެރިވެވިދާނެ ބުނެފައިވެ އެވެ.
އިންޑިއާ އާއި ރާއްޖޭގެ ސަރަހައްދުގައި ކުށުގެ އަމަލްތައް ހިންގުމަށް ބޭނުންކުރާ ފަންޑްތަކާއި ފައިސާތައް ހޯދައި ފްރީޒް ކުރުމަށް ދެ ގައުމުން ވެސް ފިޔަވަޅު އެޅުމަށް ވެސް އެ މުއާހަދާގެ (1) ވަނަ މާއްދާގައި ބުނެފައިވެ އެވެ.

އެ މުއާހަދާގެ ސަބަބުން ރާއްޖެ އަށް ކުރާނެ ފައިދާތަކާ ބެހޭ ގޮތުން ހޯމް މިނިސްޓްރީން މަޖިލީހަށް ފޮނުވި ލިޔުންތަކުގައި ބުނެފައި ޓެރަރިޒަމްގެ ބޮޑެތި މައްސަލަތައް ހައްލު ކުރުމަށް އިންޑިއާގެ އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ. އަދި ބޮޑެތި މައްސަލަތަކުގައި ބައިވެރިވާ ފަރާތްތަކާ އެކު ރާއްޖެއިން ބައިވެރިވެ، މައްސަލަތައް ބަލައި ތަހުގީގު ކުރުމުގައި ބޭނުންކުރާ އުސޫލުތައް ތަރައްގީކުރުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ހޯމް މިނިސްޓްރީ ބުނެފައިވެ އެވެ.