އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކާމިޔާބު ކުރައްވާނީ އެއްބުރުން ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް އެހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް އިސްނަންގަވައިގެން، ރައީސް ޔާމީންގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން މިއަހަރަށް ފެށުމަށް ހުޅުމާލޭގައި ކުރިއަށްދާ "ފެށުން" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރިޔާސީ އިންތިހާބު ނިންމާނީ އެއްބުރުން. ފަސޭހަކަމާއެކީގައި. ވާދަވެރިންނަށް ދެން އަލުން އަޅުގަނޑުމެންނާ 'ހަނގާ' ކުރަން ނުކެރޭ ވަރުގެ ބައްޔަކުން ބަލި ކުރުމަށްފަހު،އަބްދުއްރަހީމް

އަބްދުއްރަހީމް ވިދާޅުވީ ދެ ވަނަ ދައުރަކަށް ރައީސް ޔާމީން އިންތިހާބު ކުރައްވާނީ، އިދިކޮޅު ފަރާތްތަކަށް "ހަނގާ" ކުރަން ނުކެރޭ ވަރުގެ ބައްޔަކުން ބަލި ކުރުމަށްފަހުގައި ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނިންމާނީ އެއްބުރުން. ފަސޭހަކަމާއެކީގައި. ވާދަވެރިންނަށް ދެން އަލުން އަޅުގަނޑުމެންނާ 'ހަނގާ' ކުރަން ނުކެރޭ ވަރުގެ ބައްޔަކުން ބަލި ކުރުމަށްފަހު،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދެ ވަނަ ދައުރަކަށް ރައީސް ޔާމީން އިންތިހާބު ކުރަންޖެހޭނެ ކަމަށް ދިވެހިން މިއަދު ގަބޫލު ކުރާ ކަމަށެވެ. ސަބަބެއް ކަމަށް އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ ފުރަތަމަ ދައުރުގެ ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ތަރައްގީ ފެންނަމުންދާ ކަމަށެވެ.

"ސަބަބަކީ ކޮބައިތޯ؟ ހއ. ތުރާކުނުން ފެށިގެން، އައްޑޫ ސިޓީ ގަމާ ހިސާބަށް އަޅުގަނޑުމެން ބަލާލާއިރު، މީހުން ދިރިއުޅޭ އެއްވެސް ރަށެއް ތަރައްގީގެ ބޮޑު ބިޔަ މަޝްރޫއެއް، ނުވަތަ ނުހިނގާ ރަށެއް ރާއްޖޭގެ އެއްވެސް ހިސާބެއްގައެއް ނެތް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ތިން އަހަރު ދުވަހުގެ ތެރޭގައި ރައީސް ޔާމީން ސާބިތުކޮށްދީފައި ވަނީ ދިވެހިންގެ ހައްގުގައި ކޮންމެ ނިންމުމެއް ނިންމަން ޖެހުނަސް ފަސްނުޖެހި ކުރައްވާ ބޭފުޅެއްގެ ގޮތުގައި ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ލިބުނު ކުރިއެރުންތައް ފާހަގަ ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ކުރިއަރައިގެން ދަނީ އަވަށްޓެރި ގައުމުތަކާ ވާދަ ކުރާ ފެންވަރުގައި ކަމަށެވެ. އަދި ރާއްޖޭގެ އިޖުތިމާއީ ފޭރާން ވީދި ހަލާކުވެގެން ދަނިކޮށް، މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކޮށްދެއްވި އެމަނިކުފާނު ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ވިދާލުވީ ސިއްހީ ދާއިރާ ކުރިއަރައިގެން ދަނީ، އަވަށްޓެރި ގައުމުތަކުން ހަސަދަވެރިވާ ވަރަށް ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން މިއަހަރަށް ފެށުމަށް ރައީސް ޔާމީންގެ އަނބިކަނބަލުން އިސްނަންގަވައިގެން ފެށި މަސައްކަތަށް އިޝާރާތް ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ އެކަމަނާއަކީ ރާއްޖެ ނުދެކޭފަދަ "ފަސްޓްލޭޑީއެއް" ކަމަށެވެ. ރައީސް ޔާމީންގެ ކާމިޔާބީއަކީ އެކަމަނާގެ ބުރަ މަސައްކަތް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.