ރޫމޭނިއާގެ ޑިފެންޑަރު އަންދްރޭ ކޯޑޯސް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ގުޅިއްޖެ އެވެ.

ރޫމޭނިއާގެ ފުރަތަމަ ޑިވިޝަންގައި ކުޅުނު ޑިފެންޑަރު ކޯޑޯސް މިހާރު ވަނީ ރާއްޖެ އަށް ވެސް އައިސްފަ އެވެ.

ސެންޓްރަލް ޑިފެންޑަރެއްގެ މަގާމަށް ކުޅެމުންދާ ކޯޑޯސް ވަނީ ރޫމޭނިއާގެ ވަރުގަދަ ކްލަބުތަކަކަށް ކުޅެފަ އެވެ. އެގޮތުން އޭނާ ވަނީ ރޫމޭނިއާގެ ކާމިޔާބު ކްލަބެއް ކަމަށްވާ ޑައިނަމޯ ބުކަރެސްޓީގައި ވެސް ދުވަސްތަކެއް ހޭދަކޮށްފަ އެވެ.

ރޫމޭނިއާ ކްލަބުތަކުގެ އިތުރުން ކޯޑޯސް ވަނީ އިޓަލީގެ ފްރޮސިނޯން ކަލްސިއޯ އަށް ވެސް ކުޅެފަ އެވެ. އެންމެ ފަހުން މިދިޔަ އަހަރު އޭނާ ކުޅެފައި ވަނީ ރޫމޭނިއާގެ ފުރަތަމަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ އޭއެސްއޭ ޓާރްގޫ މުރޭސް އަށެވެ. އޭގެ އިތުރުން ރޫމޭނިއާގެ ޒުވާން ގައުމީ ޓީމުތަކަށް ވެސް އޭނާ ވަނީ ކުޅެފަ އެވެ.

ކޯޑޯސް އަކީ މާޒިޔާ އިން މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ގެނައި ތިން ވަނަ ބިދޭސީ ކުޅުންތެރިޔާ އެވެ. ގޯލްކީޕަރު އިމްރާން މުހައްމަދުގެ ބަދަލުގައި މާޒިޔާ އަށް ކުރިން ވެސް ކުޅުނު ކިރްގިސްތާން ގޯލްކީޕަރު ޕަވެލް މަޓިއާޝް ގެނެސްފައިވާ އިރު، ސާބިއާ ފޯވަޑް އަލެކްސެންޑާ ރަކިޗް ވެސް ވަނީ އެ ޓީމާ ގުޅިފަ އެވެ.

ކުރިއަށްއޮތް ފުޓްބޯޅަ ސީޒަނުގައި މާޒިޔާ އަށް އިރުޝާދުދޭނީ މިޔަންމާގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރި މެސެޑޯނިއާ ކޯޗު މަރްޔަން ސެކުލޮވްސްކީ އެވެ.