13 Jan 2017, 18:01
ގެއްލިގެން ހޯދަމުންދިޔަ ސްރީލަންކާގެ ދެ މަސްބޯޓު ރާއްޖެއިން ހޯދައި އޭގައި ތިބި ފަޅުވެރިން ސަލާމަތް ކުރުމުގައި ރާއްޖެއިން ދައްކާފައި ވަނީ އެކުވެރިކަމުގެ ލާމަސީލު މިސާލެއް ކަމަށް ބުނެ ލަންކާ ސަރުކާރުން ދިވެހި ސަރުކާރަށް ޝުކުރު އަދާކޮށްފަ އެވެ.
މާލޭގައި ހުންނަ ސްރީލަންކާގެ އެމްބަސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ލަންކާގެ ސަފީރު، މޭޖާ ޖެނެރަލް (ރިޓަޔާޑް) އަސޯކާ ތޮރަޑެނިޔާ ވިދާޅުވީ ދިވެހި އަސްކަރިއްޔާ އިން ކުރިއަށް ގެންދިޔަ ކާމިޔާބު އޮޕަރޭޝަނަކީ އިންސާނީ އެހީތެރިކަމުގެ ލާމަސީލު މިސާލެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދިޔަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މި މަހުގެ ހަތަރު ވަނަ ދުވަހު ލަންކާގެ މަސް ބޯޓެއް ފެނިގެން އެކަން ފުރަތަމަ ރިޕޯޓު ކުރީ ރާއްޖޭގެ މަސް ދޯންޏަކުންނެވެ. ކޯސްޓް ގާޑުން ވަނީ އެ ބޯޓުގައި ތިބި ދެ މީހުން ސަލާމަށްކޮށް، ހއ. ދިއްދޫއަށް ގެންގޮސްފަ އެވެ.
ލަންކާ ސަފީރު ވިދާޅުވި ގޮތުގައި، އިތުރު ބޯޓެއް ގެއްލިގެން އުޅޭ ކަން އެނގިފައި ވަނީ އެ ބޯޓުގައި ތިބި ފަޅުވެރިން އެފަދަ މައުލޫމާތެއް ދިނުމުންނެވެ. އެއަށްފަހު އެ މަސް ބޯޓު ހޯދުމަށް ދިވެހި ސަރުކާރުގެ އެހީއަށް އެދުނު ކަމަށާއި ބޯޓު ފެންނަން ދެން ދިވެހި އަސްކަރިއްޔާއިން ކުރި މަސައްކަތް ފާހަގަކޮށް އޭނާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ލަންކާގެ މަސް ބޯޓެއް ގެއްލިގެން އެ ބޯޓު ހޯދުމުގެ މަސައްކަތް އެ ގައުމުން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ.
"ސްރީލަންކާގެ ސަރުކާރާއި ލަންކާގެ ރައްޔިތުން މި ތިބީ ރާއްޖޭގެ ރައީސް އާއި ދިވެހި ސަރުކާރާއި ދިވެހިރައްޔިތުންނަށް ޝުކުރުވެރިވެފައި. އަޅުގަނޑުމެންގެ މަސްވެރިން ހޯދުމަށް ޑިފެންސް މިނިސްޓަރާއި، އެމްއެންޑީއެފް އަދި ކޯސްޓްގާޑާއި ދިވެހި ފުލުހުން ގުޅިގެން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގި އަށް ދުވަހުގެ މި ބޮޑު ކާމިޔާބު އޮޕަރޭޝަނަށް ޝުކުރުވެރިވަން،" އަސޯކާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދިވެހި ސަރުކާރުން އެ އޮޕަރޭޝަން ހިންގީ އަމިއްލަ ގައުމުގެ ބަޔަކު ގެއްލިގެން ކުރާ މަސައްކަތެއްގެެ ގޮތުގައި ވަރުބަލި ކަމެއް ނެތި ކަަމަށެވެ.
"މިއީ މުޅި ދުނިޔެއަށް ވެސް ދެވޭ މެސެޖެއް. މި ކަމުން މުޅި ގައުމަށް ވެސް ސާފުވެގެން ގޮސްފި މި ދެ ގައުމުގެ ދެމެދެގައި އޮތް ގާތް ގުޅުން. އަދި ސަރަހައްދީ އެހެން ގައުމުތަކަށް ވެސް މިފަދަ ކަންކަމުގައި އެހީތެރިވުމަށް ދިވެހި ސަރުކާރުން ފަސްނުޖެހޭނެ ކަން މި އޮޕަރޭޝަނުގެ ސަބަބުން ސާބިތުވެގެން ގޮސްފި،" ސަފީރު ވިދާޅުވިއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ލަންކާގެ ދެ މަސްބޯޓެއް ފެނުނު އިރު ދެ މަސް ބޯޓުގައި ޖުމްލަ ހަ ފަޅުވެރިން ތިއްބެވެ. އޭގެ ތެރެއިން ހދ. މަކުނުދޫގެ ހުޅަނގުން 153 ނޯޓިކަލް މޭލު ބޭރުުން ފެނުނު މަސްބޯޓުން ފެނުނު ހަތަރު ފަޅުވެރިންގެ ތެރެއިން އެކަކުގެ ހާލު ސީރިއަސް ކަމަށް ކުރިން ބުނެފައިވީ ނަމަވެސް، ސަފީރު ވިދާޅުވި ގޮތުގައި އެ މީހާގެ ހާލު މިހާރު ރަނގަޅެވެ. އަދި މިރޭ 08:00 ހާއިރު، ކޯސްޓްގާޑުގައި އެ މީހުން މާލެ ގެންނާނެ އެވެ.
"މަސްވެރިން އެނބުރި ލަންކާއަށް ފޮނުވުމަށް ކުރަން ޖެހޭ ކަންކަން ކުރަމުން މި ދަނީ. އެކަމަށް ވަރަށް ގިނަ ފޯމެލިޓީސް ފުރިހަމަ ކުރަން ޖެހޭ. އަޅުގަނޑުމެންނަށް އެބަ އޮތް ދެގޮތެއް. އެއީ އެމީހުންގެ މަސްބޯޓުތަކުގައި އެ މީހުން އެނބުރި ފޮނުވާލުން. ނުވަތަ ބޯޓުތައް ރާއްޖޭގައި ބަހައްޓާފައި މަސްވެރިން ވަކިން ފްލައިޓުގައި ލަންކާއަށް ފޮނުވުން،" ސަފީރު ވިދާޅުވި އެވެ.
އެ ދެ މަސްބޯޓުގެ ތެރެއިން ފުރަތަމަ މަސްބޯޓު ރާއްޖެއިން ފެނުމާ އެކު އެ ގައުމުގެ ސްޕޯޓްސް މިނިސްޓްރީގެ ނައިބު، ހަރީސް ވަނީ ރާއްޖެ ވަޑައިގެން ހާލުގައި ޖެހުނު މީހުންނާ އެންމެ ގާތުން އެ މީހުންގެ ހާލު ބަލައި ސްރީލަންކާގެ ސަރުކާރާ ހިއްސާކުރައްވާފަ އެވެ.