އެމެރިކާގެ ރައްޔިތަކަށް ދެވޭ އެންމެ މަތީ ޝަރަފާ އެކު މިނިވަން ކަމުގެ ރިޔާސީ މެޑަލް އެ ގައުމުގެ ނައިބް ރައީސް، ޖޯ ބައިޑެން އަށް، ރައީސް ބަރަކް އޮބާމާ އަރުވައިފިއެވެ.

މި މެޑަލް ހަވާލު ކުރެއްވި އިރު ބައިޑެން ހުންނެވީ ކަރުނައިން ފޯވެފައެވެ. ބައިޑެން ވިދާޅުވީ އެ މެޑަލް އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ކަމެއް އެންމެ ފަހު ވަގުތާ ޖެހެންދެން ހީވެސް ނުކުރައްވާ ކަމަށެވެ.

ރައީސް އޮބާމާ މި އެވޯޑު ބައިޑެންއާ ހަވާލު ކުރެއްވީ، އެމެރިކާގެ ރައްޔިތުންނާ މެދު ބައިޑެން ކުރައްވާ އިތުބާރާއި ގައުމު ދެކެ ވާ ލޯތްބާއި އުމުރު ދުވަހު ގައުމަށް ކުރައްވާފައިވާ ޚިދުމަތުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުންނެވެ.

އޮބާމާއާއި ބައިޑެން އާ ދެމެދު އޮންނަ ރަހުމަތްތެރިކަމުގެ ގުޅުމަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ގުޅުމެވެ. ރޭގެ މި ރަސްމިއްޔާތުގައި ބައިޑެން ފެންކަޅިވެފައި ހުންނެވީތީ ގިނަ ބަޔަކު ވަނީ އެ ދެ ބޭފުޅުންގެ ރަހުމަތްތެރިކަމުގެ ގުޅުމަށް ތައުރީފް ކޮށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކާފައެވެ.

މި އެވޯޑު ބައިޑެންއާ ހަވާލުކޮށްފައިވާއިރު މިމަހުގެ 20 ވަނަ ދުވަހު ރައިީސް އޮބާމާ އާ އެކު ބައިޑެންވެސް ވައިޓް ހައުސް ދޫކޮށް ވަޑައިގަންނަވާނެ އެވެ. އެ ދުވަހު އެގައުމުގައި ފަށާނީ އާ ރިޔާސީ ދައުރެކެވެ. އާ ރައީސަކަށް އެގައުމުގައި އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމް އެ ދުވަހު އެމެރިކާގެ ވެރިކަމުގެ ހުވާ ކުރައްވައި ވެރިކަމަށް ވަޑައިގަންނަވާނެ އެވެ.