ފަސްވަނަ ފަހަރަށް ކްރޮއޭޝިއާގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗް ހޮވިއްޖެ އެވެ.

އުމުރުން 31 އަހަރުގެ މޮޑްރިޗް ވަނީ މީގެ ކުރިން 2007، 2008، 2011 އަދި 2014 ވަނަ އަހަރުގެ ކްރޮއޭޝިއާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފަ އެވެ. އެންމެ ފަހުން 2015 ވަނަ އަހަރުގެ ކްރޮއޭޝިއާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ބާސެލޯނާގެ މިޑްފީލްޑަރު އިވާން ރަކިޓިޗް އެވެ.

މޮޑްރިޗް ވަނީ މިދިޔަ ސީޒަނުގައި ރެއާލްއާއެކު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އޭގެ އިތުރުން އޭނާ ވަނީ ޔޫރޯ 2016ގައި ކްރޮއޭޝިއާ ގައުމީ ޓީމަށް ވެސް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

"މިއީ އަހަރެންނަށް ވަރަށް މުހިންމު އިނާމެއް. މިއީ މި އެވޯޑު އަހަރެންނަށް ލިބޭ ފަސް ވަނަ ފަހަރު. އެއީ އަހަރެންނަށް ވަރަށް ހާއްސަ ކަމެއް. އަހަރެންނަށް ވޯޓުދިން އެންމެންނަށް ވެސް ޝުކުރު އަދާކުރަން. ކޮންމެ ދުވަހަކު ވެސް ބުރަ މަސައްކަތެއްކޮށް، އަހަރެންގެ ކުޅުން ރަނގަޅު ކުރަންޖެހޭނެ. އަހަރެންނަށް އެހީތެރިވި ހުރިހާ އެންމެންނަށް ވެސް ޝުކުރު އަދާކުރަން،" ރެއާލްގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި މޮޑްރިޗް ބުންޏެވެ.

މޮޑްރިޗަށް އެ އެވޯޑު ލިބިފައިވަނީ 110 ޕޮއިންޓް ލިބިގެންނެވެ. ބާސާގެ މިޑްފީލްޑަރު ރަކިޓިޗް އަށް 80 ޕޮއިންޓް ލިބުނު އިރު، ޔުވެންޓަސް ފޯވަޑް މާރިއޯ މަންޒޫކިޗް އަށް ލިބިފައި ވަނީ 76 ޕޮއިންޓެވެ.

މޮޑްރިޗަށްވުރެ ގިނައިން ކްރޮއޭޝިއާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހަމައެކަނި ކުޅުންތެރިޔަކީ އެ ގައުމުގެ ފުޓްބޯޅަ ލެޖެންޑް ޑޭވޯ ސުކާ އެވެ. އޭނާ ވަނީ ހަ ފަހަރަކު އެ އެވޯޑު ހޯދައިފަ އެވެ.