13 Jan 2017, 11:02
ލޭނު މަސްވެރިކަމަށް މި މަހުގެ ތިން ވަަނަ ދުވަހު ނުކުމެ އުޅެނިކޮށް ބޯޓުގައި އަލިފާން ރޯވެގެން ބޯޓުގައި ތިބި 10 މީހުން ކަނޑުވީ މިދިޔަ އަންގާރަ ދުވަހުގެ ރެ އެވެ. އެ މީހުން ސަލާމަތް ކުރެވުނީ ޖެހިގެން އައި ބުދަ ދުވަހުގެ ހަވީރު އެވެ.
ކަނޑުގައި ގާތްގަނޑަކަށް 21 ގަޑި އިރު ހޭދަކުރުމަށްފަހު އެމީހުން މިހާރު ސަލާމަތް ކޮށް ރޭ ދަންވަރު ވަނީ މާލެ ގެނެސްފަ އެވެ. ދިވެއްސަކާއި އިންޑޮނޭޝިއާގެ ނުވަ މީހުން ތިބި އިރު އެ އެންމެން ވެސް ވަނީ ސަލާމަތްވެފަ އެވެެ. "މާކޯ ޕޯލޯ 2" ނަމަކަށް ކިޔާ ބޯޓު އަނދައިގެން އަޑިއަށް ދިޔައީ އެވެ. އެ ހާދިސާ ހިނގީ ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދުން ބޭރުގަ އެވެ.
އެ ބޯޓުން ރޯވުމުގެ ސަބަބުން ކަނޑަށް ފުންމާލައިގެން، ސަލާމަތްވި މީހުން ރޭ ދަންވަރު 01:30 ހާއިރު ވަނީ އެމްއެންޑީއެފްގެ ކޯސްޓުގާޑު އުޅަނދެއްގައި މާލެ ވަނީ ގެނެސްފަ އެވެ. އެ ބޯޓުގައި ހުރި ހަމަ އެކަނި ދިވެހި މީހާ، ލ. ކަލައިދޫ، ރީތި، މުހައްމަދު އިބްރާހީމް ރޭ މާލެ ގެނައުމުން ވަނީ ކަންހިނގައި ދިޔަގޮތް ނޫސްވެރިންނާ ހިއްސާ ކޮށްފަ އެވެ.
"ލޭނު އަޅަން ވެގެން ފުދޭވަރަކަށް ބޭރުގަ އަޅުގަނޑުމެން މަސައްކަތް ކުރީ. މަސައްކަތް ކުރަމުން ގޮސް ލޭނު ނަގަމުން ދަނިކޮށް، އޭރު ގާތްގަނޑަކަށް ރޭގަނޑު 7:30 އެހާކަށް ހާއިރުވާނީ. އޭރު އަޅުގަނޑު ދިޔައީ ނަމާދަށް. ނަމާދަށް އެރިތަނުން ވަސް ދުވަނީ. އެއްޗެއް އަނދާ ވަސް ދުވަނީ. ވަގުތުން ނަމާދު ކުރުން ހުއްޓާލާފަ ފައިބައިގެން އައި ގޮތަށް އައިސް އިންޖީނު ރޫމުގެ ދޮރު ހުޅުވާލި އިރުގަ އަލިފާންގަނޑު ފަޅާ އަރާފަ ހުރީ،" އަލިފާނުގެ ހާދިސާ އޭނާ ކިޔައިދިނެވެ.
ރޯވި "މާކޯ ޕޯލޯ 2" ބޯޓުން ކަނޑުވި މީހުން ރޭ އެމްއެންޑީއެފް ގެ ކޯސްޓްގާޑު ޣާޒީގައި މާލެ ގެނައުން: އެމީހުންގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި އިންޑޮނޭޝިއާގެ ނުވަ މީހުން ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މަސްވެރިކަމުގައި ގިނަ ދުވަސްތަކެއްގައި އުޅެފައިވާ މުހައްމަދު އިބްރާހީމް ބުނީ، އަލިފާން ރޯވުމާ އެކު ޖަނެރޭޓަރުވެސް ނިވިއްޖެ ކަމަށާއި، އެއްވެސް އަލިކަމެއް ބޯޓުގައި ނެތްކަމަށެވެ.
ބޯޓުގައި ހުރި ހަމަ އެކަނި ދިވެހި މީހާ، ބޯޓުގެ ކެޕްޓަން މުހައްމަދު އިބްރާހީމް ނޫން އެހެން މީހަކަށް ފަތަންވެސް ނޭނގެ އެވެ. ބިދޭސީ ނުވަ މީހުން ކަނޑަށް ބޭލީ ލައިފް ޖެކެޓު އެޅުވުމަށްފަހުގަ އެވެ. ކަނޑަށް ފުންމާލުމުގެ ކުރިން އެ ކުންފުނީގެ އެހެން ބޯޓަކަށް ވަނީ އެކަމުގެ ހާދިސާ ރިޕޯޓުކޮށް ބޯޓު އޮތް ޕޮޒިޝަން ވެސް ކިޔައިދީފަ އެވެ.
"ދެން އަށެއްޖެހި އިރު އަޅުގަނޑުމެން ފުންމާލީ މޫދަށް. ސަލާމަތްވެވޭނެ އެއްވެސް ގޮތެއް ނެތް. ފަތަން ނޭނގެ އެއްވެސް މީހަކަށް. ދެން ހުރިހާ އެންމެން ޖެކެޓު އަޅުވާފަ ފުޅިމަދު ގަނޑެއް އެއްލާލާފަ އަޅުގަނޑު ފުންމާލީ އެންމެ ފަހުން. އޭރު ގާތްގަނޑަކަށް އަށެއް ޖެހީ ހަމަ ގަޑިން. ދެން އަޅުގަނޑުމެން ގުޅިން. ގުޅާފަ ޕޮޒިޝަން ނަމްބަރާ އެއްޗެހި ދީފަ އެންޓަނާ އަކާ އެއްޗެހިވެސް ހިފައިގެން އަޅުގަނޑުމެން ފުންމާލީ. ދެން އެއްވެސް ހަބަރެއް ނުވޭ،" މުހައްމަދު އިބްރާހީމް ކިޔައިދިނެވެ.
އަނެއް ދުވަހުގެ ހެނދުނު ވަންދެންވެސް ތިބީ ލޭނު ބައިގައި ހިފަހައްޓައިގެން ކަމަށް މުހައްމަދު ބުނެ އެވެ. ހެނދުނު ވުމުން ލޭނު ބައިން ނަނުތައް ނަގައިގެން އެއްސުމަށްފަހު ފުޅިމަދުގަނޑު މައްޗަށް އެރީ އެވެ.
ކާނެ އަދި ބޯނެ އެއްޗެއްވެސް ނެތް!
ކަނޑުވީ ކާނެ އެއްޗެއްވެސް ނެތި އެވެ. ކަނޑުމަތީގައި 21 ގަޑިއިރު ހޭދަކުރި އިރު ކާނެ އެއްޗެއް ނެތްތަނުގައި ބޯނެ އެއްޗެއްވެސް ނެތީ އެވެ. މުހައްމަދަކީ ބޯޓުން ފުންމާލި ފަހު މީހާ ކަަމަށް އޭނާ ބުނެ އެވެ.
ބޯޓުން ފުންމާލުމުގެ ކުރިން އިންޑޮނޭޝިއާގެ ނުވަ މީހުން ކަނޑަށް ބޭލުމަށް ފަހު މުހައްމަދު ވަނީ އެވަގުތު އަތު ޖެހުނު ތިން ފުޅި ފެނާއި، ފުޅިމަދު ގަނޑެއް މޫދަށް އެއްލާފަ އެވެ. ނަމަވެސް އޭނާ މޫދަށް ފުންމާލުމަށްފަހު ފެންފުޅީގެ ވާހަކަ އެހުމުން އެ މީހުންނަށް އެ ވީތަން ނޭނގުނު ކަމަށް އޭނާ ބުންޏެވެ. އެހެން ކަމުން ބޯނެ ބޯ ފެން ފޮދެއްވެސް ނުލިބި ތިބެން ޖެހުނީ އެވެ.
ރޯވީ ކަރަންޓު ޝޯޓެއް ވެގެން!
މުހައްމަދު ލަފާ ކުރަނީ ބޯޓުގެ އިންޖީނުގޭގައި ރޯވެފައިވަނީ ކަރަންޓު ޝޯޓެއް ވެގެން ކަމަށެވެ.
"ހުރިހާ އެންމެން ދިރުނބާކޮޅުގަ އުޅެމުން ދަނިކޮށް އިންޖީނު ރޫމުގަ އަލިފާން ރޯވީ. ދެން ލަފާ ކުރެވޭ ގޮތުން ކަރަންޓު ޝޯޓެއް ވެގެން އަލިފާން ރޯވީ. ހަމަ އެއްކޮށް އަނދާ ހުލިވީ. ފެނުން މަތި އެއްކޮށް،" މުހައްމަދު ކިޔައިދިނެވެ.
މުހައްމަދު ބުނީ ސަލާމަތީ ހުރިހާ އެއްޗެއް ބޯޓުގައި ހުރި ނަމަވެސް އެތަނުން އެއްވެސް އެއްޗެއް ސަލާމަތް ކުރުމަށް ވަގުތު ނުލިބޭ ކަމަށެވެ.
އެރޭ 7:30 ހާއިރު ރޯވި އެ ބޯޓު ވަނީ އެއްކޮށް އަނދައި ހުލިވެ އަޑިއަށް ގޮސްފަ އެވެ.
ބޯޓުތައް ދަތުރު ކުރީ ކައިރިން، އެކަމަކު ބޯޓަކަށް ނުފެނޭ!
ބުދަ ދުވަހު ހެނދުނުއްސުރެ ކައިރިން ދެ ބޯޓެއް ފެނުން ކަމަށާއި ނަމަވެސް އެ ބޯޓުތަކަށް އެމީހުން ނުފެންނަ ކަމަށް މުހައްމަދު ބުންޏެވެ. އެތަނުން އެއްބޯޓަކީ އެމީހުންގެ ޕޮޒިޝަން ނަމްބަރު ދިން ބޯޓުކަމަށް ވެސް އޭނާ ބުންޏެވެ.
"ގާތްގަނޑަކަށް 06:30 ހެނދުނު 06:30 ހަތެއް ޖަހާކަށް ހާއިރު. އަންދާޒާ ކޮށްލާފަ. ގަޑިއެއް ނޭނގެ ގަޑިއެއް ނެތް އަތަކު. އެހާއިރުގަ ފެންނަނީ ބޯޓެއް އައި ތަން. އެއީ އަޅުގަނޑުމެން ޕޮސިޒަން ނަމްބަރު ދިން ބޯޓު. އެކަމަކު އެބޯޓަކަށް އަޅުގަނޑުމެން ދިމައެއް ނުވޭ. އަބަދުވެސް ދެ ބޯޓު އޮވޭ ފެންނަ ހިސާބުގަ. އަޅުގަނޑުމެންނަށް ފެނޭ ދެ ބޯޓުވެސް. އެކަމަކު ބޯޓަކަށް އަޅުގަނޑުމެންނެއް ނުފެނޭ،" މުހައްމަދު ކިޔައިދިނެވެ.
އެންމެ ފަހުން އެ ބޯޓުތަކަށް ފެނިގެން އެ މީހުން ނެގީ މިދިޔަ ބުދަ ދުވަހުގެ ހަވީރު 4:30 ހާއިރު އެވެ.
މުހައްމަދު އިބްރާހީމް ބުނީ އެ މީހުން ސަލާމަތްވީ އެއްކޮށް އުއްމީދު ކަނޑާލާފައި ވަނިކޮށްކަމަށެވެ.
"އެއްވެސް އުއްމީދެއް ނުކުރަން ސަލާމަތް ވެވޭނެ ކަމަކަށް. އެއްކޮށް އުއްމީދު ކަނޑާލާފައި ތިއްބާ ފެންނަނީ ބޯޓު،" އޭނާ ކިޔައިދިނެވެ.
މުހައްމަދު އިބްރާހީމް މިހާރު ހުރީ މާލޭގަ އެވެ. އިންޑޮނޭޝިއާގެ ނުވަ މީހުން ރޭ ވަނީ އެ މީހުންގެ އޭޖެންޓުންނާ ހަވާލު ކުރުމަށް ހުޅުމާލެއަށް ގެންގޮސްފަ އެވެ. އެ އެންމެންގެ ވެސް ހާލު ރަނގަޅެވެ.