ވިމްބަލްޑަން ޓެނިސް މުބާރާތުގެ އަންހެން ބައިގައި އަރަވޭން ރެޒާ ބަލި ކުރުމަށް ފަހު ސެރީނާ ވިލިއަމްސް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފި އެވެ.

ހަ ފަހަރަށް ވިމްބަލްޑަން ޓެނިސް މުބާރާތް ކާމިޔާބުކޮށްފައިވާ އަދި ކުރިން ދުނިޔޭގެ އެއްވަނަ ސީޑް، ސެރީނާ މިމެޗް ކާމިޔާބުކޮށް ދެވަނަ ބުރަށް ދަތުރުކުރެވުންކަން ކަށަވަރުވީ 1 ގަޑިއިރާއި 36 މިނެޓްގެ ވާދަވެރި ވަރުގަދަ ކުޅުމަކަށް ފަހުއެވެ. ގިނަ ދުވަސަތަކަކަށްފަހު ކުޅުމާއި ދުރުގައި ހުރުމަށްފަހު ވިމްބަލްޑަން މުބާރާތާ ސެރީނާ ކުރިމަތިލީ ރޭންކިންގެ 25 ވަނާގައި އޮތުމަށްފަހު އެވެ.

އެމެރިކާގެ މިކުޅުންތެރިޔާއަށް އަނިޔާގެ އިތުރުން ހިތުގެ މައްސަލަތަކެއް ކުރިމަތިވެފައިވާކަމަށް ކުރިން ބުނެފައިވާއިރު ދެ ފައިގެ އޮޕަރޭޝަނެއް ވެސް ވަރަށް ފަހުން ކުރި އެވެ.

"ނިމިގެންދިޔަ 12 މަހަކީ އަހަރެން ހިތާމައިން ފުރިގެންދިޔަ 12 މަސް. އެކަންތައްތަކަކީ އާދައިގެ ކަންތައްތަކެއް ނޫން. އަހަރެން ހިތަކަށް ނާރާ އެނބުރި ވިމްބަލްޑަން މުބާރާތަށް އާދެވޭނެކަމަކަށް. މިމެޗުން މޮޅުވުމަކީ އަހަރެންނަށް ލިބުނު އުފަލެއް." މެޗަށް ފަހު ސެރީނާ ބުންޏެވެ.

ސެރީނާގެ ދައްތަ ވީނަސް ވިލިއަމްސް ވެސް ވަނީ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. ވީނަސް ވިލިއަމްސް އުޅެނީ ދުނިޔޭގެ ރޭންކިންގްގެ 30 ވަނައިގ ައެވެ. ވީނަސް ވިލިއަމްސް ވަނީ ވިމްބަލްޑަން ޓެނިސް މުބާރާތް ފަސް ފަހަރު ކާމިޔާބުކޮށްފަ އެވެ. މި ދެކުޅުންތެރިން ކުރެ އެއްވެސް ކުޅުންތެރިއަކަށް ވިމްބަލްޑަން ތިން މުބާރާތް ޖެހިޖެހިގެން ކާމިޔާބު ކުރެވޭގޮތް ވެފައެއް ނުވެއެވެ. ޖެހިޖެހިގެން ތިންފަހަރު މިމުބާރާތް ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑީ ސެރީނާއަށެވެ.

މުބާރާތުގެ ފިރިހެން ބައިގެ ދެވަނަ ބުރަށް ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ ސްޕެއިންގެ ރަފެއަލް ނަޑާލް، ދެ ވަނާގައިވާ ސާބިއާގެ ނޯވަކް ޖޯކޮވިޗް އަދި ތިންވަނާގައިވާ ސްވިޒަލޭންޑްގެ ރޮޖާ ފެޑެރާ ދަތުރުކޮށްފައި ވެއެވެ.