ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކުރީގެ ގޯލްކީޕަރު އަބްދުﷲ ޒިޔަޒަން އެ ކްލަބާ އަލުން ގުޅިއްޖެ އެވެ.

ކީޕަރު ޒިޔަޒަން ނިއު ރޭޑިއަންޓަށް ސޮއިކުރިކަން އެ ކްލަބުން ކަށަވަރުކޮށްދީފައިވާ އިރު، އޭނާ ވަނީ މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި ބ. އޭދަފުށީ ޓީމަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް އޭދަފުށީ ޓީމަށް ކާމިޔާބުކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކޮށްދިން އެއް ކުޅުންތެރިޔަކީ ވެސް ކީޕަރު ޒިޔަޒަން އެވެ. މުބާރާތް ފެށިގެން ފައިނަލް މެޗާ ހަމައަށް ވެސް މުޅި މުބާރާތުގައި އޭނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ.

ނިއު އަށް ސޮއިކުރުމަށްފަހު ކީޕަރު ޒިޔަޒަން(ކ)، އެ ކްލަބުގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު ނިޔާޒް މޫސާ (ޓެޑް) --- ފޮޓޯ/ ނިއު ރޭޑިއަންޓް

ޒިޔަޒަން ވަނީ ނިއުގެ އިތުރުން ފުރަތަމަ ޑިވިޝަންގެ އިތުރު ކްލަބުތަކަކަށް ވެސް ކުރިން ކުޅެފަ އެވެ. އެއީ ވީބީ އައްޑޫ އެފްސީއާއި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަދި ވިޔަންސާ ހިމެނެ އެވެ. އޭގެ ތެރޭގައި ވީބީ އަށް އޭނާ ދެއްކި ކުޅުން ފާހަގަކޮށްލެވެ އެވެ.

ކީޕަރު ޒިޔަޒަން ނިއު އަށް ސޮއިކުރުމުގެ ކުރިން އެ ކްލަބުން ވަނީ މާޒިޔާ ސްޕޯޓްސް ކްލަބަށް ފާއިތުވެދިޔަ ދެ އަހަރު ކުޅުނު ކީޕަރު އިމްރާން މުހައްމަދު ވެސް ގެނެސްފަ އެވެ. ކީޕަރު އިމްރާނަކީ ވެސް ކުރިން ނިއު އަށް ކުޅުނު ކީޕަރެކެވެ.