ރާއްޖޭގެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހިމް ވަހީދުގެ ސްކްރީންޕްލޭ އަކަށް ޒުވާން ގިނަ ތަރިންތަކެއް ފެނިގެންދާ ފިލްމު، "މަލިކާ" އަންނަ މާޗް މަހު ބޮޑު ސްކްރީނަށް އަންނަން ތައްޔާރުވެއްޖެ އެވެ.

ސީކްރެޓް ރެސިޕީގައި ރޭ ބޭއްވި ހަފްލާއެއްގައި ވަނީ އެ ފިލްމުގެ އޮފިޝަލު ޕޯސްޓަރުތަކާއި ޓްރެއިލާ ވެސް ލޯންޗު ކޮށްފައެވެ. އަދި ފިލްމުގެ ޕާޓްނަރުންނާއެކު ވަނީ ސޮއިކޮށްފައެވެ.

ފިލްމު ޕްރޮޑިއުސް ކޮށްފައި ވަނީ އީސް އެންޓަޓައިމަންޓުގެ ލިލީގެ ޗެއާމަން މައްލާ ނާސިރު (މައްލާ ނާބެ) އާއި އިބްރާހިމް ރަޝީދު (ޓީވީއެމް އިއްބެ) އެވެ.

ޑައިރެކްޓަރުންގެ ޓީމުގައި ހިމެނެނީ އަލީ މުސްތަފާ (ސެމީ) އާއި ގައުމީ ފިލްމު އެވޯޑްސްގެ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑާއި އެންމެ މޮޅު ސްކްރީންޕުލޭގެ އެވޯޑް މިއަހަރު އުފުލާލި ޑައިރެކްޓަރު މޫމިން ފުއާދުގެ އިތުރުން ފިލްމު އެވޯޑްސްގެ އެންމެ މޮޅު ބަތަލަކަށް ހޮވުނު އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)އެވެ.

ފިލްމުގެ މާކެޓިން ކަންތައްތަކާ ހަވާލުވެ ހުންނަ، ގައުމީ ފިލްމު އެވޯޑްސްގެ އެންމެ މޮޅު ފިލްމަކަށް ހޮވުނު "ލޫދިފާ"ގެ ޕްރޮޑިއުސަރު ހުސެއިން ނޫރައްދީން (ނޫރު) ބުނީ، ފިލްމަކީ ރާއްޖޭގައި މިހާރު ފާހަގަވެފައިވާ ބޮޑު އިޖްތިމާއީ މައްސަލައެއްގެ މައްޗަށް ހަދާފައިވާ ފިލްމެއް ކަމަށެވެ. އަދި ފިލްމުގެ މަސައްކަތް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އެއްކޮށް ނިމިފައިވާ ކަމަށް އޭނާ ބުންޏެވެ.

"ފިލްމު މަލިކާ އިން ފެނިގެންދާނީ ދާއިރާގެ މުސްތަގްބަލްގެ ގޮތުގައި ފެންނަން ތިބި ތަރިންތަކެއް. ދާއިރާގެ ކުރީގެ މަސައްކަތްތަކެއް ކުރި މީހުން ނުކުމެ މުސްތަގްބަލް ކުރިއަރުވަން ކުރާ މަސައްކަތް،" ނޫރު ބުންޏެވެ.

އެގޮތުން ފިލްމު ތަރިންގެ ތެރޭގައި އަލީ އާޒިމް (ދޮން އައްޔަ) އާއި މިއަހަރުގެ ގައުމީ ފިލްމު އެވޯޑްސްގެ އެންމެ މޮޅު ސަޕޯޓިން އެކްޓުރެސްގެ އެވޯޑް ހޯދި ޒުވާން ބަތަލާ ފާތިމަތު އަޒީފާ (އަޒޫ)، ޖުމައްޔިލް ނިމާލް އަދި އަހުމަދު ޝާކިރު (ޝާކް އައްމަޑޭ) ހިމެނެއެވެ.

އޭގެ އިތުރުން އަހުމަދު އާސިމް އަދި ނީނާ ސަލީމްގެ ފެނިގެންދާއިރު ކުރީގެ މަޝްހޫރު ފިލްމީ ތަރި އިސްމާއިލް ޒާހިރާއި ފިލްމީ ދާއިރާއަށް މުޅިން އަލަށް ނުކުންނަ މޫނެއް ކަމަށްވާ، ނުޒުހަތު ޝުއެއިބު (ނުޒޫ)، ކާސްޓުންގެ ތެރޭގައި ހިމެނެއެވެ.

ނޫރު ބުނީ، ފިލްމު އަޅުވަން ނިންމާފައިވަނީ އަންނަ މާޗް މަހުގެ ދެވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ކަމަށެވެ. ފިލްމުގެ ޓިކެޓް އަންނަ މަހުން ފެށިގެން ވިއްކަން ފަށާނެ ކަމަށާއި އޮންލައިންކޮށް ވެސް ޓިކެޓް ބުކް ކުރެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ.