ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތްކުރާ ނޭޕާލު ޑޮކްޓަރެއް އިސްލާމްދީން ގަބޫލުކޮށް އިސްލާމް ވެއްޖެއެވެ.

ކުރިން ބުދު ދީނަށް އުޅެމުންއައި، އުމުރުން 54 އަހަރުގެ ޑރ. ޝައިލޭޝް ކޭ ބަގަތު ނަމަކަށް ކިޔާ އެ ޑޮކްޓަރު އިސްލާމްދީން ގަބޫލުކޮށްފައިވަނީ މިއަދު އުނގޫފާރު މެޖިސްޓްރޭޓް ކޯޓުގައެވެ. އިސްލާމްދީން ގަބޫލުކުރުމަށްފަހު އޭނާގެ ނަން ވަނީީ އިބްރާހިމް ސުލައިމާންގެ ނަމަށް ބަދަލުކޮށްފައެވެ.

އުނގޫފާރު ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ، ޑެންމާކު އަދި ބެލްޖިއަމްފަދަ ގައުމުތަކުން ކިޔަވައި އެ ގައުމުތަކުގައި މަސައްކަތް ކޮށްފައިވާ އެ ޑޮކްޓަރު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ހޭނައްތާ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށީ މީގެ ދެ އަހަރު ކުރިން ކަމަށެވެ.

އަދި އޭރުވެސް ހޮސްޕިޓަލުގައި މަސައްކަތްކުރާ މުސްލިމް ބައެއް ޑޮކްޓަރުންނާއެކު އިސްލާމްދީނާ ގުޅޭގޮތުން ވާހަކަދައްކާ ހަދާ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.

"އޭނަ މިދިޔަ ހުކުރު ދުވަހު ހުކުރު ނަމާދަށްވެސް އެރި. ނަމަވެސް މިއަދު ރަސްމީކޮށް އޭނާ އިސްލާމްދީން ގަބޫލުކުރީ. އޭނާ އިސްލާމްދީން ގަބޫލުކުރި ތަނުގައި ރަށުގެ އިސްވެރިންނާއި ރަށުގެ މުދިމުގެ އިތުރުން ބައެއް އިސް ފަރާތްތައްވެސް ބައިވެރިވި،" އުނގޫފާރު ހޮސްޕިޓަލުގެ އޮފިޝަލު ވިދާޅުވިއެވެ.