މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އަށް ކުރިމަތިވެފައިވާ މާލީ ހާލަތުން އަރައިގަނެ، ގެއްލުން ކުޑަކުރުމަށްޓަކައި އެކުންފުނީގެ މުވައްޒަފުންނާއި، މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައުމަށް ނިންމައިފިއެވެ.

ސަރުކާރުން މިދިޔަ އަހަރު ވަނީ މިފްކޯ، ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއާ ސައިނަޖައިޒް ކުރުމުގެ ގޮތުން، އެސްޓީއޯގެ ދަށުން ހިންގާ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި މިފްކޯ ހަމަޖައްސައިފައެވެ. މިފްކޯގެ މާލީ ހާލަތު ދަށްވެ، ދަރަނި ވަރަށް ބޮޑުވެފައި ވަނިކޮށް ސަރުކާރުން މި ފިޔަވަޅު އަޅައި، އެސްޓީއޯގެ 99.99 ޕަސަންޓު ހިއްސާ އަދި އެލައިޑް އިންޝުއަރެންސްގެ 0.01 ޕަސަންޓު ހިއްސާއާ އެކު، މިދިޔަ އަހަރު ވަނީ މިފްކޯ އަލުން ރެޖިސްޓާ ކޮށްފައެވެ.

މިފްކޯގެ ސީއީއޯ އަދުލީ އިސްމާއިލް ސޮއިކުރައްވައި، އެކުންފުނީގެ މުވައްޒަފުންނަށް މިހަފްތާގައި ފޮނުވާފައިވާ މެމޯއެއްގައި ވިދާޅުވެފައިވަނީ، މިފްކޯއަށް ދިމާވެފައިވާ މާލީ ގޮންޖެހުމުން އަރައިގަނެ، ޚިދުމަތްތައް ރަނގަޅުކޮށް، ހިންގުން ހަރުދަނާކުރުމަށާއި ގެއްލުން ކުޑަކުރުމަށްޓަކައި ކުންފުނިން އާ އޮނިގަނޑެއް ތައާރަފުކުރާނެ ކަމަށެވެ.

ސީއީއޯ އަދުލީ ވިދާޅުވީ، ބައެއް މުވައްޒަފުން މަސައްކަތް ކުރާ ދާއިރާ ނުވަތަ ސައިޓުން އެހެން ދާއިރާތަކާއި ސައިޓުތަކަށް ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އަދި ބައެއް މުވައްޒަފުންގެ މަގާމަށާއި މުސާރައަށް ވެސް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް މިފްކޯގެ ސީއީއޯ ފޮނުއްވި މެމޯގައި ވިދާޅުވެފައިވެއެވެ.

އަދުލީ ވިދާޅުވީ، މި ބަދަލުތައް ގެނައުމުގެ ކުރިން، އެކަމުގެ މައުލޫމާތާއި، މުވައްޒަފުންނާ މެދު އަމަލުކުރެވޭނެ ގޮތްތައް ދުރާލާ އަންގާނެ ކަމަށެވެ.