12 Jan 2017, 15:58
މޮސްކޯ (ޖެނުއަރީ 12): ރަޝިއާގައި 2014އިގެ ފަހުން އުފަންވި، އަދި އުފަންވާ މީހުން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރަން އެގައުމުގެ ހެލްތް މިނިސްޓްރީން ވިސްނަމުންދާ ކަމަށް ރަޝިއާގެ މީޑިއާތަކުން ބުނެފި އެވެ.
މީޑިއާ ރިޕޯޓުތަކުގައިވާ ގޮތުން ރަޝިއާގެ ހެލްތް މިނިސްޓްރީން ވަނީ 2014އިގެ ފަހުން އުފަންވި ކުދިން 18 އަހަރު ފުރުމުން ވެސް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ވާނެ ގަވާއިދެއް ފާސްކުރުމަށް ސަރުކާރަށް ހުށަހަޅާނެ ޕްރޮޕޯޒަލްއެއް އެކުލަވާލާފަ އެވެ.
އެޕްރޮޕޯޒަލްއަކީ ރަޝިއާ އިން ދުންފަތުގެ އިސްތިއުމާލު ކުރުން މަދުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ. މީގެ ކުރިން 2013 ވަނަ އަހަރު އެގައުމުން ވަނީ ރެސްޓޯރެންޓުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކޮށްފަ އެވެ.
އެޕްރޮޕޯޒަލްއާ ގުޅިގެން ކަމާ ބެހޭ ބައެެއް މާހިރުން ވަނީ އޭގެ ސަބަބުން ދުންފަތުގެ ކަޅު ބާޒާރެއް އުފެދިދާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ހެލްތް މިނިސްޓްރީން ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމާ ގުޅުން ހުރި ބަލިތަކުގެ ސަބަބުން އެގައުމުން އަހަރަކު 300،000 އާއި 400،000 ހާ ދެމެދުގެ މިންވަރަކަށް މީހުން މަރުވާ ކަމަށް ބުނެ، ޕްރޮޕޯޒަލް ދިފާއުކޮށްފަ އެވެ. (ޓައިމްސް)