ކުރެއްވުމާއި މިހުރިހާ ކަމެއްގެ ސަބަބުން ހުންނެވީ ވަރަށް ވަރުބަލިފުޅުވެފައެވެ.

ގަނޑުވަރަށް ވަޑައިގެންނެވިއިރު މޫނުފުޅުގެ ކުލަކޮޅު ހުރީ ބަދަލުވެފައެވެ. އެކަމާ ގުޅިގެން ޚާދިމާއަކު ދަންނަވައިލިއެވެ. "ސާހިބާ މާ ދެރަފުޅުވެފައި ކަންބޮޑުވެވަޑައިގެންފައި ތިޔަ ހުންނެވީ ކީއްވެތޯއެވެ؟"

ޢުމަރު ވިދާޅުވިއެވެ. " މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މިއޮތްބޮޑު އުންމަތުގައިވެސް އަހަރެންގެ މައްޗަށް ޙައްޤުތަކެއް ލިބިގެންނުވާ އެކަކުވެސް ނެތެވެ. އެމީހަކު ނޭދެނީސް އެމީހެއްގެ ޙައްޤު އަދާކުރުމަކީ އަހަރެންގެ ވާޖިބެކެވެ. މިއަށްވުރެ މީހަކު ފިކުރުބޮޑުވާންޖެހޭނެ ކަމެއް އޮންނާނެހެއްޔެވެ؟"

އަމީރުލް މުއުމިނީން އުމަރު ބުނު އަބްދުލް ޢަޒީޒުގެ އަނބިކަނބަލުން ވިދާޅުވެފައިވެއެވެ. " ޢުމަރު ކޮޓަރިކޮޅަށް ވަޑައިގެންނެވުމުން އިރުކޮޅެއްކޮށްލައިފައި އަހަރެން ދިޔައިރު މުސައްލަކޮޅު މަތީގައި އިންނަވައި ކީރިތިކުރައްވަނީއެވެ. އަހަރެން ކީއްވީތޯއޭ ދަންނަވައިލުމުން ވިދާޅުވިއެވެ.

"މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އުންމަތުގެ މަސްއޫލިއްޔަތު އަހަރެންގެ ކޮނޑުގައި އެޅިއްޖެއެވެ. އަހަރެންގެ ހިތަށް އަރަނީއެވެ. ބަނޑުހައިކަމުގައި ތިބި ކިތައް ފަޤީރުން އެބަތިބި ބާވައެވެ؟ އަނިޔާ އާއި ބޭއިންސާފު ތަޙައްމަލުކުރަން ޖެހިފައިވާ ކިހާބަޔަކު އެބަތިބި ބާވައެވެ. ކުށެއްނެތް ކިތައް މީހުން ޖަލުގައި އެބަތިބި ބާވައެވެ؟ ބަލިކަށި ކިތައް މުސްކުޅީން އެބަތިބި ބާވައެވެ؟ ޅަދަރިބަފައި ކިތައް ފަޤީރުން އެބަތިބި ބާވައެވެ؟ މިއުންމަތުގެ އެކިކަންކޮޅުތަކުގައި މިފަދަ އެތައްހާސް ބަޔަކު ފެތުރިފައިވާނެއެވެ. އަހަންނަށް އެނގެއެވެ. އަހަރެން އެފަދަ މީހުންނަށްޓަކައި ކުރީ ކީއްތޯ އަހަރެންގެ ވެރިރަސްކަލާނގެ ޤިޔާމަތްދުވަހުން ސުވާލުކުރައްވާނެއެވެ. އަހަންނާ ދެކޮޅަށް ދަޢުވާކުރައްވަން ތެދުވެވަޑައިގެން ހުންނަވާނީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ. އެކަލޭގެފާނު ކުރައްވާ ދަޢުވާ ފަހަރެއްގައި އަހަންނާ ދެކޮޅަށް ސާބިތުވެދާނެތީ ބިރުގަންނަނީއެވެ. އަހަރެންގެ އަމިއްލަ ހާލު ހީވެފައި ރޮވެނީއެވެ."

އެއަށްފަހު ބޭރަށް ނިކުމެވަޑައިގެން ކުޑަ ނާސްތާ ފަރިއްކޮޅެއްގެ ބޭނުންފުޅު ކުރައްވައިގެން ވަރުބަލިފުޅު ފިލުއްވައިލައްވަން އޮށޯވެވަޑައިގެންނެވިއެވެ. އޮށޯވެވަޑައިގެންނެވިތަނާ އެކަލޭގެފާނުގެ ދަރިކަލުން ޢަބްދުލްމަލިކު ވަޑައިގެންފިއެވެ. ޢަބްދުލްމަލިކަކީ ވަރަށް ޢިލްމުވެރި، އިންތިހާ ދަރަޖައިގެ ތަޤްވާވެރި ބޭކަލެކެވެ. ހުރިހާ މާނައެއްގައިވެސް ޢަބްދުﷲ ބުނު ޢުމަރު ރަޟިޔަﷲ ޢަންހުގެ ފުރިހަމަ ނަމޫނާއެކެވެ. ޢަބްދުލްމަލިކު ސަލާމްކޮށްލައްވައިފައި ވިދާޅުވިއެވެ.

"ލޯބިވާ ބައްޕާފުޅާއެވެ. އަޅުގަނޑުމެން އުމައްޔަތު ވަންހައިގެ މީހުން ރައްޔިތުންގެ އަތުން ފޭރިގެންފައިވާ ބިންތަކާއި މުދާތައް އެތަކެތީގެ ޙައްޤުވެރީންނަށް ލިބި ނުދެއްވައި ބައްޕާފުޅު އަވަހާރަފުޅުލައްޕަވަނީތޯއެވެ؟"

އަމީރުލްމުއުމިނީން ޢުމަރު ވިދާޅުވިއެވެ. "އިރާދަކުރެއްވިއްޔާ މެންދުރުނަމާދަށްފަހު ތިޔަ ކަންތައް ކުރާނަމެވެ."

ޢަބްދުލްމަލިކު ވިދާޅުވިއެވެ. "އެހައިތަނަށް ބައްޕާފުޅު ދުނިޔޭގައި ހުންނަވާނެކަމުގެ ކަށަވަރުކަމަކީ ކޮބައިތޯއެވެ؟"

ދަރިކަލުންގެ ވާހަކަފުޅު އިވިވަޑައިގަތުމާއެކު ކުއްލިޔަކަށް ތެދުވެވަޑައިގެން އިށީނދެވަޑައިގެންނެވިއެވެ. ނުހަނު ލޯބިފުޅުން ދަރިކަލުން މޭފުޅުގައި ޖައްސަވައިލެއްވުމަށްފަހު ވިދާޅުވިއެވެ. "މާތްﷲ އަށް ޙަމްދާއި ޝުކުރު ހުއްޓެވެ. އެކަލާނގެއީ ދީނީ ކަންކަމުގައި އެހީވެދޭފަދަ ދަރިޔަކު އަހަންނަށް ދެއްވި ރަސްކަލާނގެއެވެ."

ޣަޞްބުން އަތުލެވިފައިވާ މުދާތައް އޭގެ ޙައްޤުވެރީންނަށް ލިބިދެއްވުން

އަމީރުލްމުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ އެހައިތަނުން ޚިލާފަތުގެ މަސްއޫލިއްޔަތުތަކާމެދު ސަމާލުކަންދެއްވިއެވެ. އުމަވީންގެ ވެރިކަމުގައި ވޭތުވެގެން ގޮސްފައިވާ ދިގު މުއްދަތުގައި މުސްލިމުންގެ ސިޔާސީ ނިޒާމާއި، އިޖްތިމާޢީ ނިޒާމާއި، އިޤްތިޞާދީ ނިޒާމާއި، އަޚްލާޤީ ނިޒާމުގައި ވަނީ ވަރަށްބޮޑަށް ދަމިލަޖަހައިފައެވެ. އިސްވެދިޔަ ޞަޕްޙާތަކުގައި އަޅުގަނޑުވަނީ ކޮންމެވެސް ވަރަކަށް އެކަންކަމަށް އަލިއަޅުވައިފައެވެ. ޢުމަރު ބުނު ޢަބްދުލްޢަޒީޒު ހިންގަވައިލެއްވި އިސްލާޙީ މަސައްކަތްޕުޅުގައި އެނިޒާމުތައް އަލުން އާބާތުރަ ފިލުއްވައި ސާފުކުރެއްވިއެވެ. އަލްޚިލާފަތުއްރާޝިދާގެ ނިޒާމު އަލުން ޤާއިމު ކުރެއްވިއެވެ. ޚުލަފާއުއްރާޝިދޫންގެ ހެޔޮކަމުން ފުރިގެންވާ ބާއްޖަވެރި ދައުރު އަލުން ގެނެސްދެއްވިއެވެ. އެމަސައްކަތްޕުޅާމެދު ޢައްލާމާ އިބްނު ޚުލްދޫން ލިޔުއްވައިފައިވެއެވެ.

"ޢުމަރު ބުނު ޢަބްދުލްއަޒީޒު އަކީ މަރްވާނީ ޚާންދާނުގެ ޚިލާފަތުގެ މެދުތެރޭ ބޮޅެކެވެ. އެކަލޭގެފާނުގެ ހުރިހާ މަސައްކަތްޕުޅެއް ވަޤުފުކުރެއްވީ އަލްޚުލަފާއުއްރާޝިދޫން އާއި، ޞަޙާބީންގެ ހެޔޮކަމުން ފުރިގެންވަ ދައުރު އަލުން ދިރުއްވައި އާލާކުރެއްވުމަށެވެ."

ޢުމަރު ބުނު ޢަބްދުލްއަޒީޒު މަސައްކަތްޕުޅު ފެއްޓެވީ ދިމާވެދާނެ އެއްވެސް ނުރައްކަލަކަށް ކުޑަވެސް ބިރުފުޅެއްނެތިއެވެ. އެކަލޭގެފާނުގެ މަސައްކަތްޕުޅުތަކަކީ ޙަޤީޤީ މާނައިގައި އިސްލާމީ އިންޤިލާބެކެވެ. އިސްލާމީތާރީޚުގެ އިމާމުން، ޢުމަރު ބުނު ޢަބްދުލްޢަޒީޒަކީ އެކަލޭގެފާނުގެ ޤަރްނުގެ މުޖައްދިދުކަމުގައްޔާއި، އިސްލާމްދީނުގެ މުޢުޖިޒާތަކުގެ ތެރެއިން މުޢުޖިޒާއެއްކަމުގައި ލިޔުއްވައިފައިވަނީ އެސަބަބަށްޓަކައެވެ.

އަމީރުލްމުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒު އެކަލޭގެފާނުގެ އެންމެ ފުރަތަމަ މަސައްކަތްޕުޅަކަށް ހެއްދެވީ އުމަވީ ޚަލީފާއިންނާއި، ޝާހީ ޢާއިލާގެ މެމްބަރުންނާއި، ގަވަރުނަރުންނާއި، އަސްކަރީ އިސް ޖެނެރަލުން ނާޖާއިޒު ގޮތްގޮތުން އަތްތެރިކުރައްވައިފައިވާ މީސްމީހުންގެ ބިންބިމާއި ހަރުމުދާތައް އެތަކެތީގެ ވެރީންނަށް އަނބުރާ ރައްދުކުރެއްވުމެވެ. އަމީރުލްމުއުމިނީން މި އައިތަވެރި މަސައްކަތްޕުޅު ފެއްޓެވީ ޚުދު އެކަލޭގެފާނުގެ އަމިއްލަފުޅު ނަފުސުންނެވެ. އެއަށްފަހު އެކަލޭގެފާނުގެ ޢާއިލާއިންނެވެ.

ޢައްލާމާ އިބްނުލް ޖައުޒީ ބަޔާންކުރައްވާގޮތުގައި ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ އެކަލޭގެފާނަށް ވާރުތައިން ލިބިވަޑައިގެންފައިވާ ބިންބިމާއި، ނުއުފުލޭ މުދާތައް ދޫކޮށްލައްވަން އުޅުއްވުމުން އެކަލޭގެފާނަށް ހެޔޮއެދިވަޑައިގަންނަވާ ބައެއް ފަރާތްތަކުން އެކަމާ އިޢުތިރާޟުކުރެއްވިއެވެ. އެފަރާތްތަކުން ވިދާޅުވިއެވެ. "އަމީރުލް މުއުމިނީނެވެ. ތިޔަގޮތަށް ޢަމަލުކުރައްވައިފިނަމަ ކަލޭގެފާނުގެ ބޭފުޅުންގެ ހަސްފަސްނެތިދާނެއެވެ." ޢުމަރު ޖަވާބުގައި ވިދާޅުވިއެވެ. "އަޅުގަނޑުގެ ކުދީންނާ މާތްﷲއާ ވަކީލުކޮށްފީމެވެ." އަމީރުލްމުއުމިނީންގެ މި ޖަވާބުން އެފަރާތްތަކުގެ ދޫފުޅުތައް ބަންދުކޮށްލެއްވިއެވެ.

އެއަށްފަހު މުސްލިމުން މިސްކިތަށް އެއްކުރައްވައި ޢާއްމު ޖަލްސާއެއް ބޭއްވެވިއެވެ. އެޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

"އުމަވީ ދައުލަތުގެ ޚަލީފާއިންވަނީ އެބޭފުޅުންގެ އާއިލާގެ މެމްބަރުންނަށް ވަރަށް ގިނަ އެސްޓޭޓްތަކެއް ދެއްވައިފައެވެ. އެތަންތަން އެހެން މީހުނަށް ދެއްވުމުގެ އެއްވެސް ޙައްޤެއް އެބޭފުޅުންނަށް ލިބިވަޑައިގެންފައި ނުވާ އެސްޓޭޓްތަކެވެ. އެތަންތަން ލިބިވަޑައިގެންނެވި ފަރާތްތަކަށް ލިބިވަޑައިގަތުމުގެ ޙައްޤެއްވެސް ނެތް ތަންތަނެވެ. އަހަރެން ޤަޞްދުކުރަނީ އެތަންތާނގެ ޙަޤީޤީ މިލްކުވެރީންނަށް އެތަންތަން އަނބުރާލިބިދިނުމަށެވެ. މިގޮތުން އަހަރެން އެންމެ ފުރަތަމަ އެތަންތާނގެ ޙައްޤުވެރީންނަށް މިދޫކޮށްލަނީ އަހަރެންނަށް ވާރުތައިން ލިބިފައިވާ އެސްޓޭޓްތަކެވެ. ދެވަނަޔަށް އަހަރެންގެ ޢާއިލާގެ މެމްބަރުންނަށް ލިބިފައިވާ އެސްޓޭޓްތަކެވެ."

އަމީރުލް މުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ އެކަލޭގެފާނުގެ ވާހަކަފުޅު ނިންމަވާލެއްވުމަށްފަހު އެކަލޭގެފާނު މިނިވަންކުރެއްވި އަޅެއްކަމުގައި މަޒާހިމަށް އަންގަވައިގެން އެކަލޭގެފާނާއި އެކަލޭގެފާނުގެ އާއިލާގެ މެމްބަރުންގެ އެސްޓޭޓްތަކުގެ ފަތްތަކާއި ސަނަދުތަކާއި ފުރޭފުތައް ގެންނެވިއެވެ. އެފަތްތަކާއި އެސަނަދުތަކާއި ފުރޭފުތައް އެންމެންނަށް އަޑުއިވޭވަރަށް ކިޔަމުން ގެންދަން މަޒާހިމަށް އެންގެވިއެވެ. ކޮންމެ ފަތެއްވެސް ސަނަދެއްވެސް ކޮންމެ ފުރޭފެއްވެސް ކިޔައި ނިމުމުން އަމީރުލްމުއުމިނީންގެ އަތްޕުޅުގައިވާ ކަތުރަކުން އެލިޔުމެއް ކައްޕަވައި ކުދިކުދިކޮށްލައްވައެވެ.

މިގޮތަށް އަމީރުލްމުއުމިނީންގެ އަމިއްލަފުޅު ބިންތަކާއި އާއިލާގެ އެސްޓޭޓްތައް ދޫކޮށްލައްވަމުން ގެންދެވިއިރު އޭގެތެރެއިން އެންމެ މުހިއްމު އެއްތަނަކަށްވީ ފަދަކުގެ ބަގީޗާގެ މައްސަލައެވެ. ފަދަކަކީ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަގީޗާއެކެވެ. އިތުރު ސާހިބާގެ ޙަޔާތްޕުޅުގައި އެބަގީޗާގެ އާމްދަނީ ހޭދަކުރައްވަމުން ގެންދެވީ އެމާތް ސާހިބާގެ އަހްލުބައިތުންނަށާއި ހާޝިމު ވަންހައިގެ ބޭފުޅުންގެ ޚަރަދުތަކަށެވެ. އިތުރުސާހިބާގެ ލޮބުވެތި ދަރިކަނބަލުން އައްސައްޔިދާ ފާޠިމަތުއް ޒަހްރާ ރަޟިޔަﷲ ޢަންހާ އެކަމަނާއަށް އެބަގީޗާ ދެއްވަވާތޯ ދެންނެވުމުން އިތުރު ސާހިބާ ވަނީ އެކަމާ އިންކާރު ކުރައްވައިފައެވެ. އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވަރުގެ ވަޑައިގަތުމަށްފަހު އަލްޚުލަފާއުއްރާޝިދޫންވެސް ފަދަކުގެ އާމްދަނީ ހޭދަކުރެއްވީ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހޭދަކުރެއްވިފަދައިންނެވެ. ނަމަވެސް އުމަވީ ދައުލަތުގައި ޚަލީފާ މަރްވަނު ބުނުލް ޙަކަމު ވަނީ އެބަގީޗާއަށް ވެރިވެވަޑައިގެން އޭނާގެ ތަރިކައަކަށް ހައްދަވައިފައެވެ. ޢުމަރު ބުނު ޢަބްދުލް ޢަޒީޒު ރަޙިމަހުﷲ އަށް ޚަލީފަކަން ލިބިވަޑައިގެން އެކަލޭގެފާނުގެ ބިންތަކާއި ބަގިޗާތައް ދޫކޮށްލެއްވުމުން އެކަލޭގެފާނުގެ ޢާއިލާގެ ޚަރަދު ބަރަދު ބަލަހައްޓަވަން އޮތްހައިވެސް ވަސީލަތަކީ ފަދަކުން އަހަރަކު ލިބިވަޑައިގަންނަވާ ދިހަހާސް ދީނާރެވެ. ނަމަވެސް ރައްބާނީ އިންސާނެއްކަމުގައިވާ އަމީރުލް މުއުމިނީން ޢުމަރު ބުނު ޢަބްދުލް ޢަޒީޒު ރަޙިމަހުﷲ ހިތްޕުޅުގެ އަޑީން ރުހިވަޑައިގެން ހުންނަވައި ފަދަކުވެސް ދޫކޮށްލެއްވީއެވެ.

އެކަމާ ގުޅޭ ގޮތުން މަރްވާނުގެ ޢާއިލާގެ މެމްބަރުންނާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "ފަދަކަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަމިއްލަފުޅު މިލްކެކެވެ. ތިޔަބޭފުޅުން ފަދަކަކީ ތިޔަބެފުޅުންގެ އެސްޓޭޓަކަށް ހެއްދެވިކަމީ ކަނޑައެޅިގެންހުރި ބޭ އިންސާފެކެވެ. ޞަރީހު އަނިޔާއެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ދަރިކަނބަލުން ފާޠިމަތުއްޒަހްރާ އެބަގީޗާއަށް އެދިވަޑައިގެންނެވުމުން ވެސް އޮތީ ނުދެއްވައެވެ. އެހެންކަމުން އެބަގީޗާގެ މައްޗަކަށް އަޅުގަނޑުގެ އެއްވެސް ޙައްޤެއްނެތެވެ. ތިޔަ އެންމެ ބޭފުޅުން ހެކިކޮށް އަޅުގަނޑު ފަދަކު މިދޫކޮށްލަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި ފަދަކު އޮތްގޮތުގެ މައްޗަށެވެ." (އަބޫދާއޫދު، އިބްނުލްޖައުޒީ، އިމާމު ސުޔޫޠީ)

ހަމަމިފަދަ އާދަޔާޚިލާފު އަނެއްކަމަކީ އެކަލޭގެފާނުގެ އަނބިކަނބަލުން ފާޠިމާ ބިންތި ޢަބްދުލްމަލިކުގެ އަތްޕުޅުގައި އޮތް ވަރަށް އަގުބޮޑު ޖަވާހިރެއްގެ މައްސަލައެވެ. އެޖަވާހިރަކީ އެކަމަނާއަށް އެކަމަނާގެ ބައްޕާފުޅު ޢަބްދުލްމަލިކު ބުނު މަރްވާނު ދެއްވައިފައިއޮތް ޖަވާހިރެކެވެ. އުމަރު އެކަލޭގެފާނުގެ އަނބިކަނބަލުންނާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. ކަމަނާ ދެގޮތުންކުރެ އެއްގޮތެއް ޚިޔާރުކުރައްވާށެވެ. އެއްގޮތަކީ އަޅުގަނޑުގެ ގާތުން ވަރިވެވަޑައިގަންނަވާށެވެ. ނުވަތަ ތިޔަ ޖަވާހިރު ބައިތުލްމާލަށް ލައްވާށެވެ. ފާޠިމާ ޖަވާބުދެއްވިއެވެ. ކަލޭގެފާނުގެ އެކުވެރިކަމުގެ މައްޗަށް އަޅުގަނޑު މިކަހަލަ ހާސް ޖަވާހިރުވެސް ދޫކޮށްލާނަމެވެ. އެހެން ވިދާޅުވެފައި އެޖަވާހިރު ބައިތުލްމާލަށް ލެއްވިއެވެ. ޢުމަރުބުނު ޢަބްދުލްއަޒީޒު އަވަހާރަވުމަށްފަހު އެކަމަނާގެ ކޮއްކޯފުޅު ޔަޒީދު ބުނު އަބްދުލްމަލިކަށް ޚަލީފާކަން ލިބިވަޑައިގަތުމުން އޭނާ އަނެއްކާވެސް އެޖަވާހިރު ފާޠިމާއަށް ދެއްވިއެވެ. ނަމަވެސް ފާޠިމާ އެޖަވާހިރު ޤަބޫލެއް ނުކުރެއްވިއެވެ.

އިސްވެދިޔަފައިދައިން އުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ އެކަލޭގެފާނުގެ ބިންބިމާއި ދަނޑުފަނގުތައް ދޫކޮށްލެއްވުމަށްފަހު ދެން އެނބުރި ވަޑައިގެންނެވީ ގަނޑުވަރުގެ ފެހާމާނު މުދަލާއި ގެވެހިކަންވާރާއި، ހެދުންކޮޅުތަކާއި އަތަރާއި އަދި އެނޫންވެސް ޒީނަތްތެރި ވެވަޑައިގެންނެވުމުގެ ސާމާނާ ދިމާޔަށެވެ. އެހުރިހާ ތަކެތި ވިއްކައިލެއްވުމަށްފަހު ލިބިވަޑައިގެންނެވި ފައިސާ މާތްﷲގެ މަގުގައި ބައްސަވައިލެއްވިއެވެ. އެމަސައްކަތް ނިންމަވައިލެއްވުމަށްފަހު އުމަރު ބުނު ޢަބްދުލްޢަޒީޒު ތެދުވެވަޑައިގެންނެވީ

(ނުނިމޭ)