12 Jan 2017, 16:43
ކީރިތި ރަސޫލާގެ ސުންނަތާއި ނަބަވީ އިރުޝާދުގެ ތެރެއިން ގަސްގަހާގެހީގެ ތަފާތު ބާވަތްތައް ބޭނުންކޮށްގެން ބޭސްފަރުވާ ކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް މަހާސިންތާއެއް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ މަހާސިންތާ ބާއްވަން ނިންމާފައި ވަނީ އަންނަ އޭޕްރީލް މަހުގެ 17 ވަނަ ދުވަހު ކަމަށެވެ.
އެ މަހާސިންތާ ބާއްވަނީ މެލޭޝިޔާގެ، ޔުނިވާސިޓީ އޮފް މަލާޔާއާ ގުޅިގެން އެ ޔުނިވާސިޓީގެ ކަމާ ގުޅޭ މާހިރުންނާއި ޕްރޮފެސަރުންގެ އެހީގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މެލޭޝިޔާގެ ޔުނިވާސިޓީ އޮފް މަލާޔާގެ އިސް ބޭފުޅުންނާއެކު ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ އިސް އޮފިޝަލުން --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު ވަނީ އެ ޔުނިވާސިޓީގެ އެ މަހާސިންތާ ރާވާ ހިންގުމަށް ހަވާލުވެވަޑައިގެން ތިއްބަވާ ބޭފުޅުންނާއި އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި އެ ޔުނިވާސިޓީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ޓީމުގެ އިސް ބޭފުޅަކަށް ހުންނެވީ ޑރ. އެމް ވައި ޒުލްކިފްލީއެވެ. މި ބައްދަލުވުމުގައި މި މަހާސިންތާގެ އިދާރީ ގޮތުން ނިންމަން ޖެހޭ ކަންކަން ފަދަ މުހިންމު މަޝްވަރާތައް ވަނީ ކުރެވިފަ އެވެ.
އެ މުހިންމު މަހާސިންތާ ބޭއްވުމުގެ މަޝްވަރާތައް ކުރުމަށް ދިވެހިރާއްޖެއަށް ޒިޔާރަތް ކުރަމުންދާ މި ޓީމުން ވަނީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމާ ވެސް ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި ސިއްޙީ ދާއިރާގެ މުވައްޒަފުން ބިނާ ކުރުމާއި ހުނަރު ކުރިއެރުވުމަށް އެޔުނިވާސިޓީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައިވެ އެވެ.

ރާއްޖެ ވަޑައިގަތް މެލޭޝިޔާގެ ޔުނިވާސިޓީ އޮފް މަލާޔާ ޓީމްގެ އިސް މެމްބަރަކަށް ހުންނަވާ ޑރ. އެމް ވައި ޒުލްކިފްލީ އާއެކު ރާއްޖޭގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
އެ ޓީމުން ވަނީ ޤުރުއާނާ ބެހޭ މަރުޒަށް ވެސް ޒިޔާރަތްކޮށް، ޤުރުއާން އުނގަންނައިދިނުމުގެ ދާއިރާގައި ދެ މުއައްސަސާ ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައެވެ.