12 Jan 2017, 13:15
ލ. އިސްދޫ އާއި ދަނބިދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީންއަނެއްކާވެސް ބީލަމަށް ހުޅުވާލައިފިއެވެ.
ހައުސިން މިނިސްޓްރީގެ ބޭނުމަކަށް ލ. އިސްދޫ އާއި ދަނބިދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ފުރަތަމަ ހުޅުވާލީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.
ނަމަވެސް ފިނޭންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އެ އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީވެ، އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު އަލުން ހުޅުވާލާ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މި ބީލަމުގައި ބައިވެރިވެވޭނީ ހަމައެކަނި ހައުސިން މިނިސްޓްރީގެ ނެޝަނަލް ކޮންޓްރެކްޓާސް ރަޖިސްޓްރީގައި ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށް ކަމަށެވެ.
އެގޮތުން، ބީލަމުގައި ބައިވެރިވާން ބޭނުންވާ ކުންފުނިތަކުން 1500 ރުފިޔާގެ ނޮން ރިފަންޑެބަލް ފީ އެއް ދައްކަން ޖެހޭއިރު، އެ ފައިސާ މިއަދުން ފެށިގެން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހާ ހަމައަށް ފިނޭންސް މިނިސްޓްރީން ބަލައިގަންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މީގެ އިތުރުން، ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 60000 ރުފިޔާ ދައްކަން ޖެހޭއިރު، ޕާފޯމަންސް ސެކިއުރިޓީގެ ގޮތުގައި ކޮންޓްރެކްޓްގެ އަގުގެ ފަސް ޕަސެންޓް ދައްކަންޖެހެ އެވެ. އަދި އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓްގެ އަގުގެ 15 ޕަސަންޓް ހުށަހެޅުމުން އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.