10 May 2010, 14:59
19:00
ކަންނެލީގެ މަސްވެރިކަން ކުރަން ނުކުމެ އުޅުނު ދޯންޏެއްގައި ކަންނެލި ބޭނުމުގެ މަސައްކަތުގައި އުޅުނު މީހަކު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ދ. ކުޑަހުވަދޫ ހުޅަނގުން އަށް މޭލު ބޭރުން ހިނގި އެ ހާދިސާގައި މަރުވެފައި ވަނީ ބަނޑިދޫ، ދިރިމާގޭ އުމުރުން 48 އަހަރުގެ މުހައްމަދު ހުސައިން ކަމަށެވެ. އަދި މިހާތަނަށް ބެލިބެލުމުން އޭނާ މަރުވުމުގައި އާދަޔާ ޚިލާފު ކަމެއް މެދުވެރިވެފައިވާކަން އެނގިފައިނުވާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
މި މަޢުލޫމާތު މިއަދު މެންދުރު 11:20 ހާއިރު ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ލިބުމާ ގުޅިގެން ލޯންޗްގައި ޑޮކްޓަރަކާއި ދެނަރުހުންނާއެކު އެދޯނި އޮތް ސަރަހައްދަށް ގޮސް އެ މީހާވަނީ ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް ފުލުހުން ބުނެ އެވެ. އަދި ހޮސްޕިޓަލުގެ ޑޮކްޓަރުންވަނީ އޭނާ މަރުވެފައިވާކަން ޔަޤީންކޮށްދީފައި ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އެމީހާ މަރުވެފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވަނީ ކަންނެއްޔެއް ގަނެގެން ބާނަން އުޅުމުގެ ތެރޭގައި އޭނާ ދޯނި ތެރޭގައި އިށީންތަނާ ކުއްލި ގޮތަކަށް ދޯނި ތެރެއަށް ވެއްޓިގެން ކަމަށެވެ.