ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ސަރުކާރުން ދޭ އެހީ ކުޑަ ކުރުމާއެކު އެމަނިކުފާނުގެ އަރިހުގައި ގިނަ ދުވަސް ތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ދެ ބޭފުޅުން މަގާމުން ވަކިކުރައްވައިފި އެވެ.

މަގާމުން ވަކިކުރައްވާފައިވާ ދެ ބޭފުޅުންނަކީ ރައީސް މައުމޫންގެ އޮފީހުގެ އިސް މަގާމުގައި ހުންނެވި އިސްމާއިލް ފާއިޒް އާއި އާދަމް ނައީމެވެ. އޭގެ ތެރެއިން އާދަމް ނައީމް ވަނީ 36 އަހަރު ރައީސް މައުމޫން އަރިހުގައި މަސައްކަތް ކުރައްވާފައެވެ.

އާދަމް ނައީމް މިއަދު ސަން އަށް ވިދާޅުވީ މަގާމުން ވަކިކުރެއްވީ ރައީސް މައުމޫން އޮފީސް ހިންގެވުމަށް ސަރުކާރުން ދެމުން އައި އެލަވަންސް ކުޑަކުރުމުގެ ސަބަބުން ހަރަދުތައް ފޫބެއްދުމަށް ކަމަށެވެ.

މަގާމުން ވަކިކުރެއްވި ނަމަވެސް ރައީސް މައުމޫން ފައުންޑޭޝަން ހިންގެވުމުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާނެ ކަމަށް އާދަމް ނައީމް ވިދާޅުވިއެވެ.

ކުރީގެ ރައީސުންނަށް އިނާޔަތާއި ރައްކާތެރިކަން ދިނުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ކުރީގެ ރައީސުން އިޖުތިމާއީ މަސައްކަތްތަކެއް ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ހަމަޖެއްސުމަށް މަހަކު 175،000 ރުފިޔާ ހަމަޖައްސައި ދޭންޖެހޭނެ އެވެ.

ނަމަވެސް މިދިޔަ އަހަރު އުސޫލަށް ގެނައި ބަދަލާއެކު އެ އަދަދު ވަނީ 85700 ރުފިޔާއަށް ކުޑަކޮށްފަ އެވެ.