12 Jan 2017, 13:31
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާ މެދުވެރިކޮށް މިދިޔަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ 2015 ވަނަ އަހަރާ އަޅާބަލާއިރު 11.2 ޕަސެންޓު އިތުރުވެއްޖެ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ މީރާގެ ތަފާސް ހިސާބުތަކަށް ބަލާއިރު ޑިސެމްބަރުމަހު އާމްދަނީގެ ގޮތުގައި ލިިބިފައި ވަނީ ޖުމްލަ 1.2 ބިލިއަން ރުފިޔާ އެވެ. އަހަރުން އަހަރަށް ބަލާއިރު 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާ ބަލާއިރު މިދިޔަ އަހަރުގެ ޑިސެމްބަރުގައި އެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހު އާމްދަނީގެ ގޮތުގައި މީރާއަށް ލިބުނީ 974.6 މިލިއަން ރުފިޔާ އެވެ.
ޖުމްލަކޮށް މިދިޔަ އަހަރުގެ ތެރޭގައި ދައުލަތަށް ލިބިފައިވާ އާމްދަނީވެސް ވަނީ އިތުރުވެފައެވެ. އެގޮތުން 2015 ވަނަ އަހަރުގެ ނިޔަލަށް ދައުލަތަށް ޖުމްލަ 13 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު ނިމުނު 2016 ވަނަ އަހަރުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ ވަނީ 14.5 ބިލިއަނަށް އަރާފައެވެ. އެއީ 2015 ވަނަ އަހަރުގެ އާމްދަނީއާ އަޅާބަލާއިރު 11.2 ޕަސެންޓު އިތުރު އަދަދެކެވެ.
އާދައިގެ މަތިން މިދިޔަ އަހަރުވެސް އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ޖީއެސްޓީންނެވެ. ޖުމްލަ އާމްދަނީގެ 43.2 ޕަސެންޓު ހިއްސާ ކުރަނީ ޖީއެސްޓީން ލިބުނު އާމްދަނީ އެވެ. ޓީޖީއެސްޓީ އާ އެކު ޖީއެސްޓީގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް ލިބިފައި ވަނީ 2.6 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ބިޒްނަސް ޕްރޮފިޓް ޓެކުހުންނެވެ.
ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ ދައުލަތަށް ލިބުނު އިރު 2015 ވަނަ އަހަރު މި ޓެކުހުން ދައުލަތަށް ލިބުނީ 2.6 ބިލިއަން ރުފިޔާ އެވެ.
ތިން ވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ބިންތަކުގެ ކުލީގެ ގޮތުގައި ނަގާފައިވާ ޓެކުހެވެ. އެގޮތުން މިދިޔަ އަހަރު ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ދައުލަތަށް 1.4 ބިލިއަން ރުފިޔާ ވަދެފައިވެއެވެ. މިއީ ޖުމްލަ އާމްދަނީގެ 10 ޕަސެންޓު ހިއްސާ ކުރާ ޓެކުހެވެ.
ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ބިންތަކުގެ ކުލީގެ ގޮތުގައި 2015 ވަނަ އަހަރު ދައުލަތަށް ވަދެފައިވަނީ 1.2 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު ފަތުރުވެރިކަމުގެ ބޭނުންތަކަށް ދޫކުރި ބިންތައް އިތުރުވުމާ އެކު ދައުލަތަށް އޭގެން ލިބުނު އާމްދަނީގެ މިންވަރުވެސް ވަނީ އިތުރުވެފައެވެ.