ޗެލްސީގެ ދަނޑު، ސްޓެމްފޯޑް ބްރިޖަށް ބަދަލުތައް ގެނައުމުގެ ހުއްދަ ހެމާސްމިތު އެންޑް ފުލަމް ކައުންސިލުން އެ ކްލަބަށް ދީފި އެވެ.

ޗެލްސީގެ ދަނޑު 60،000 ސަޕޯޓަރުންގެ ޖާގައާއެކު ބަދަލުތައް ގެނައުމުގެ ހުއްދަ އެ ކްލަބަށް ދީފައިވަނީ އިއްޔެ ބޭއްވި ބައްދަލުވުންތަކަށް ފަހު އެވެ. މިހާރު ޗެލްސީގެ ދަނޑަކީ 41،629 ސަޕޯޓަރުންގެ ޖާގައިގެ ދަނޑެކެވެ.

ބަދަލުތަކާއެކު ތަރައްގީކުރާ ޗެލްސީގެ ދަނޑުގެ ފަރުމާ ---

އެހެން ތަނެއްގައި ދަނޑު އެޅުމުގެ ބަދަލުގައި އެ ދަނޑު ތަރައްގީ ކުރާނީ މިހާރު ވެސް ދަނޑު ހުރި ތަނުގައެވެ. އެހެންކަމުން ތިން އަހަރު ދުވަހަށް ދެމިގެންދާ އެ މަޝްރޫއު ކުރިއަށްގެންދިއުމަށް ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅޭ މެޗުތައް ކުޅެން ޖެހޭނީ އެހެން ދަނޑެއްގައެވެ.

ޗެލްސީގެ ދަނޑު ތަރައްގީކުރާ މުއްދަތުގެ ތެރޭގައި ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅޭ މެޗުތައް ކުޅޭނީ އިނގިރޭސި ގައުމީ ޓީމުގެ ދަނޑު ކަމަށްވާ ވެމްބްލީ ސްޓޭޑިއަމްގައި ކަމަށް ޚަބަރުތައް ބުނެ އެވެ.

ބަދަލުތަކާއެކު ތަރައްގީކުރާ ޗެލްސީގެ ދަނޑުގެ ފަރުމާ ---

ސްޓެމްފޯޑް ބްރިޖަށް ގެނައުމަށް ނިންމާފައިވާ ބަދަލުތަކުގެ ތެރޭގައި ސަޕޯޓަރުންގެ ޖާގަ އިތުރު ކުރުމުގެ އިތުރުން ކްލަބުގެ ފިހާރައަކާއި، ދާރުލްއާސަރެއް އަދި ކެފޭއެއް އިތުރުކުރުން ހިމެނެ އެވެ.

ޗެލްސީގެ ދަނޑަށް ގެންނަ ބަދަލުތަކަށް 500 މިލިއަން ޕައުންޑް ޚަރަދުވާ އިރު، ބަދަލުތަކާއެކު 2021-22 ސީޒަނަށް ދަނޑު ތަރައްގީކޮށް ނިމޭނެ އެވެ. ޕްލޭންތަކާ އެއްގޮތަށް 2018-19 ސީޒަނުން ފެށިގެން ދަނޑު ތަރައްގީކޮށް ނިމެންދެން ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅޭ މެޗުތައް ކުޅޭނީ އެހެން ދަނޑެއްގައެވެ.