އެމެރިކާގެ އެއާލައިނެއް ކަމަށްވާ ޖެޓްބުލޫގެ އެތެރޭގެ އުދުހުންތަކަށް ބޭނުން ކުރާ ހުރިހާ ފްލައިޓަކުން ހިލޭ ވައިފައި ލިބޭގޮތް ހަމަޖައްސާފައިވާ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

ފްލައިފައިގެ ނަން ދީފައިވާ އިންޓަނެޓުގެ ހިދުމަތް ޖެޓްބްލޫގެ ފްލައިޓަކުން ފުރަތަމަ ދިނީ 2013 ވަނަ އަހަރު އެވެ. ނަމަވެސް މިހާރު އެހިދުމަތް ވަނީ އެމެރިކާގައި ދަތުރުކުރާ އެއާލައިންގެ 227 ފްލައިޓަށް ފުޅާކޮށްފަ އެވެ.

"މިއީ ދަތުރު ކުރާ ފަރާތްތަކަށް ވަރަށް ރަނގަޅު ވަގުތެއް. ތަފާތު ހިދުމަތްތައް ދިނުމަށް ތަފާތު އެއާލައިންތަކުން ދަނީ ވާދަކުރަމުން،" އޮންލައިން ޓްރެވެލް އޭޖެންސީއެއް ކަމަށްވާ ޗީޕްއެއާ.ކޮމްގެ ސީއީއޯ ޖެފް ކްލީ ވިދާޅުވި އެވެ.

ޖެޓްބްލޫއިން ބުނާ ގޮތުގައި އެކުންފުންޏަކީ ހުރިހާ ފްލައިޓަކުން ހިލޭ އިންޓަނެޓް ފޯރުކޮށްދޭ އެމެރިކާގެ ފުރަތަމަ އެއާލައިނެވެ. އެމެރިކާގެ އެހެން އެއާލައިނެއް ކަމަށްވާ އެމެރިކަން އެއާލައިންސްގެ އެތެރޭ އުދުހުންތައް ކުރާ ފްލައިޓުތަކުން ވެސް ވައިފައި ލިބެން ހުރެ އެވެ. ނަމަވެސް އެހިދުމަތަށް ކޮންމެ ދަތުރަކަށް ނުވަތަ ކޮންމެ މަހަކު އެއް ފަހަރު ވަކި ފީއެއް ދައްކަން ޖެހޭނެ އެވެ.