ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާކަން އޭނާ ކޮންމެ މެޗެއްގައި ވެސް ސާބިތުކޮށްދެމުންދާ ކަމަށް އެ ކްލަބުގެ އުރުގުއޭ ތަރި ލުއިސް ސުއަރޭޒް ބުނެފި އެވެ.

ކޮޕާ ޑެލްރޭގައި ބާސާއިން ވަނީ އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ރޭ ކުޅުނު ގަދަ 16ގެ ދެވަނަ ލެގު މެޗުގައި 3-1 ލަނޑުން މޮޅުވެ، އެގްރިގޭޓުން ކުރި ހޯދައިގެން ކުއާޓާ ފައިނަލުން ޖާގަ ހޯދައިފަ އެވެ. އެގްރިގޭޓުން ބާސާ ކުރި ހޯދާފައި ވަނީ 4-3 ލަނޑުންނެވެ.

ރޭ ކުޅުނު އެ މެޗުގައި ބާސާގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މެސީ އާއި ސުއަރޭޒް އަދި މެސީ އެވެ. އެ ތިން ކުޅުންތެރިން 2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޖެހި ޖުމްލަ އަދަދު މިހާރު 300 އަށް ވަނީ އަރައިފަ އެވެ.

ބިލްބާއޯއާ ދެކޮޅަށް ރޭ ބާސެލޯނާ ކުޅުނު މެޗުގައި ބާސާގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނުމަށްފަހު ސުއަރޭޒް އުފާފާޅުކުރަނީ: އެ މެޗުގައި ބާސާގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މެސީ، ނޭމާ އަދި ސުއަރޭޒް --- ފޮޓޯ: އޭޕީ

"މެސީ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ. ކޮންމެ މެޗެއްގައި ވެސް އޭނާ އެކަން އެބަ ސާބިތުކޮށް ދޭ. އަބަދުވެސް އޭނާ އަކީ މީހުންނަށް ހައިރާންކަން ގެނުވާ ކުޅުންތެރިއެއް،" މެސީއާ ބެހޭ ގޮތުން ވާހަކަދައްކަމުން ސުއަރޭޒް ބުންޏެވެ.

މެސީ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ސުއަރޭޒް ބުނި ނަމަވެސް، ފީފާ އިން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ލިބުނީ ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށެވެ. އެ އެވޯޑަށް ރޮނާލްޑޯއާ ވާދަކުރީ މެސީ އާއި އެތުލެޓިކޯ މެޑްރިޑްގެ ފްރާންސް ފޯވަޑް އެންޓޮއިން ގްރީޒްމަން އެވެ.